ލެޑް ލައިޓް ބަގީޗާ ހަލާކުވެ ކުނިގޮނޑަކަށްވެފައި ވަނިކޮށް އަނެއްކާ ވެސް އެތަން ތަރައްގީ ކުރުމުގެ މަސައްކަތް ހައުސިންގ މިނިސްޓްރީން ފަށައިފިއެވެ.
ހައުސިން މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނެފައި ވަނީ މާލޭ ބްލޮކް ނަންބަރު 132 ގައި ޕާކެއް ތަރައްގީކޮށް ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވާ ކަމަށެވެ.
ކުރީގެ ބާއިންޖީނުގެ ހުރި ސަރަހައްދުގައި ޕާކް ތަރައްގީކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އޭޕްރީލް 19 ވާ ބުރާސްފަތި ދުވަހު ހައުސިންގ މިނިސްޓްރީން މައުލޫމާތު ސާފު ކުރުމަށް ފަހު، އޭޕްރީލް 26 ވަނަ ދުވަހު، އެކަމަށް ބޭނުންވާ ލިޔުންތައް ހުށަހެޅުމަށް އިއުލާނުގައި ވެއެވެ.
މިފާއިތުވެދިޔަ އަހަރުތަކުގައި އެކި ގޮތްގޮތަށް ސިޓީ ޕާކު ތަރައްގީ ކުރެވުނު އިރު އެންމެ ފަހުން އެތަން ވަނީ ހުޅުދާން ބަގީޗާ ނުވަތަ ލެޑް ލައިޓް ގާޑެންގެ ގޮތުގައި ތަރައްގީކޮށްފައެވެ.
މިނިވަން 50 އަށް ސަރުކާރުން މާލޭތެރެ ޒީނަތްތެރި ކުރުމަށް ކުރި ބޮޑު ހަރަދުގެ ތެރެއިން ސަލްޓަން ޕާކުގައި ލެޑް ލައިޓް ބަގީޗާ ތަރައްގީ ކުރުމަށް ހަވާލު ކުރީ މޯލްޑިވްސް ކަސްޓަމްސް ސަރވިސަސްއާއެވެ. އެ ޕާކުގައި ގާތްގަނޑަށް 72 ލެޑް ލައިޓް ގަސް ބެހެއްޓިއެވެ. އެހެން ނަމަވެސް އެހެން ކޮންސެޕްޓަކަށް ސަލްޓަން ޕާކު ތަރައްގީ ކުރުމަށްޓަކައި ލެޑް ލައިޓް ގަސްތައް އަލިކިލޭގެފާނު މަގުގައި ހުންނަ ސިޓީ ޕާކަށް ބަދަލު ކުރިއެވެ. އެ މަސައްކަތް ފެށީ 2016 ވަނަ އަހަރުގެ ކުރީކޮޅުއެވެ.
އެގޮތުން ސިޓީ ޕާކު ތަރައްގީކޮށް އާންމު ރައްޔިތުންނަށް ހިތް ފަސޭހަ މާހައުލަކަށް ހަދައި، އެތަން ހުޅުވާނެ ކަމަށް ބުނެ ހޯމް މިނިސްޓްރީން ތަފާތު އެކި ތާރީހުތައް ވެސް އޭރު ދީފައިވެއެވެ. އަދި ބޮޑު ހޭދައެއް ކޮށްގެން މިނިވަން ދުވަހަށް ބަނދެފައިވާ "ކަޅުއޮށްފުންމި" އާއި ލެޑް ލައިޓް ބަގީޗާއާ އެކު މާލޭ ސިޓީ ޕާކު 2016 އަހަރުގެ ޖޫން މަހުގެ ތެރޭގައި ނިންމައި ހުޅުވާނެ ކަމަށް ވެސް ބުނެފައިވެއެވެ. އެހެން ނަމަވެސް އޭގެ ފަހުން ދެ އަހަރުވުމާ ގާތްވެފައި ވަނިކޮށް އަނެއްކާ ވެސް އެސަރަހައްދު ތަރައްގީ ކުރުމަށް ހައުސިންގ މިނިސްޓްރީން ވަނީ ހުޅުވާލާފައެވެ. އެތަނުގައި ބޭއްވުމަށް ފަހު އަހަރެއްހާ ދުވަސް ފަހުން މަރާމާތުކުރުމަށަށް ބުނެ އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް އެ އުޅަނދު ވަނީ ގެންގޮސްފައެވެ. އެމްއެންޑީއެފުން އޭރު ބުނެފައި ވަނީ އެ އުޅަނދު މަރާމާތުކުރަމުން ގެންދަނީ އެސްޓީއޯ ތެޔޮ ރައްކާކުރާ ކ. ފުނަދޫގައި ކަމަށެވެ. އެ އުޅަނދު ބަނުމަށް މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހޭދަކޮށްފައި ވެއެވެ.
ސިޓީ ޕާކުގައި ޖަހާފައި ހުރި ލެޑް ލައިޓް ގަސްތަކާއި ޕްލާސްޓިކް ޖަނަވާރުތައް ހަލާކުވެ، އެތަން ވަނީ ތަރުތީބު ގެއްލިފައެވެ. މުޅި ސަރަހައްދުގައި ވަނީ ތަފާތު އެކި ބާވަތްތަކުގެ ކުންޏެވެ. މިހާރު އެތަނަށް ވަނުމުން އެތަނަކީ ބަޔަކު ބޮޑު ހަރަދުކޮށްފައި ތަރައްގީ ކުރި ތަނެއް ހެން ހީވެސް ނުވާނެއެވެ. ސިޓީ ޕާކުގެ އެއް ފާރު ވެސް ވަނީ ހަލާކުވެފައެވެ. އެމްޑީޕީގެ ސަރުކާރުގައި އެތަން ބޭނުންކޮށްފައި ވަނީ ޕާކެއްގެ އިތުރުން ގިނަ ފުޑްކޯޓްތަކެއް ވެސް ހިމެނޭ ގޮތަށެވެ.