އދ. ގެ ހިއުމަން ރައިޓްސް ކޮމިޓީން ނިންމާފައިވާ ނިންމުމަށް ދިވެހި ސަރުކާރުން ބޯލަނބަންޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ވަކީލު ޖެރަޑް ޖެންސަރ ވިދާޅުވެއްޖެއެވެ.
ޖެންސަރ މިހެން ވިދާޅުވެފައި ވަނީ ރާއްޖެޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައެވެ. މި ހާއްސަ އިންޓަވިއު ބުދަ ދުވަހުގެ ރޭ 9:15ގައި ރާއްޖެޓީވީން ގެނެސްދޭނެއެވެ.
ޓެރަރިޒަމްގެ ދައުވާކޮށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގެ ހައްގު ލިބިދޭން ޖެހޭ ކަމަށް އދ. ގެ ހިއުމަން ރައިޓްސް ކޮމިޓީން ނިންމާފައިވާ އިރު، ޖެންސަރ ވިދާޅުވީ އެ ޖަމިއްޔާއަކީ އެފަދަ ނިންމުންތައް ނިންމުމުގެ ބާރު ލިބިގެންވާ ތަނެއް ކަމެށެވެ. އަދި މިއީ އދ. ގެ މެމްބަރު ގައުމުތަކުން، ރާއްޖެ ހިމެނޭ ގޮތަށް، ހޮވާފައިވާ ކޮމިޓީއެއް ކަމަށާއި، ދިވެހި ރާއްޖެއަކީ އިންޓަނެޝަނަލް ކޮވެނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސްގައި އަމިއްލަ ސޮއިކޮށްފައިވާ ގައުމެއްކަން ޖެންސަރ ފާހަގަ ކުރެއްވިއެވެ.
ޖަމިއްޔާއެއްގެ ވަކި ނިންމުންތަކެއް ގަބޫލުކޮށް ތަންފީޒުކޮށް، އަނެއްބައި ނިންމުންތަކަށް އަޅާ ނުލައެއް ނުހުރެވޭނެ ކަމަށާއި، އެއީ ބައިނަލްއަގްވާމީ ގާނޫނޫތައް ހިނގާ ގޮތް ނޫން ކަމަށް ޖެންސަރ ވިދާޅުވިއެވެ.
މީގެ އިތުރުން، މި ނިންމުންމާ ދިވެހި ސަރުކާރު ދެކޮޅު ހަދައިފި ނަމަ، ދެކޮޅު ހެދެނީ މިފަދަ ކަންކަން ބެލޭނެ ކަމަށް، އަމިއްލައަށް ރަސްމީކޮށް ބަލައިގަނެފައިވާ ޖަމިއްޔާއެއްގެ ނިންމުމާކަން ސަރުކާރަށް އެނގެންޖެހޭ ކަމަށް ޖެންސަރ ވިދާޅުވިއެވެ. އަދި އިންސާނީ ހައްގުތަކާ ހިލާފު އަމަލުތައް ހިންގަމުން ގެންދާ ފަރާތްތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ގޮވަމުން ދާއިރު، ހިއުމަން ރައިޓްސް ކޮމިޓީގެ ނިންމުމާ ހިލާފުވެއްޖެ ނަމަ މި ގޮވާލުން ވެސް ވަރުގަދަ ވެގެންދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް ޖެންސަރ ވިދާޅުވިއެވެ.