ކ. މާލެ
|
17 އޭޕްރިލް 2018 | އަންގާރަ 19:07
އަމީތު ޕްރެސް ދެއްވަނީ
އަމީތު ޕްރެސް ދެއްވަނީ
އަހުމަދު މުހުސިނު
ގުޅިފައިވާ ޕާޓީތައް
ރައީސް މައުމޫނަށް ސާބިތު ނުހިފޭ ދޮގު ތުހުމަތު ފުލުހުން ކުރާތީ ކަންބޮޑުވޭ: ގުޅިފައިވާ ޕާޓީތައް
 
އެތައް ދޮގު ތުހުމަތުތައް ކެނޑި ނޭޅި ރައީސް މައުމޫންގެ މައްޗަށް ދަނީ ކުރަމުން
 
ތަހުގީގާ ގުޅޭ މައުލޫމާތު ހާމަ ކުރަނީ ދެފުށް ފެންނަ ގޮތަކަށް ނޫން
 
ފުލުހުންގެ ޕްރެސްތައް ދަރުބާރު ފެކްޝަންގެ ޕްރެސްތަކާ އެއްހަމަ

ކުރީގެ ރައީސް މައުމޫނަށް ރައްދުކޮށް ފުލުހުން ސާބިތު ނުހިފޭ ދޮގު ތުހުމަތުތައް ކުރަމުންދާ ކަމަށާއި އެކަމާ މެދު ގުޅިފައިވާ ޕާޓީތަކުން ނުހަނު ކަންބޮޑުވާ ކަމަށް ބުނެފިއެވެ.

ގުޅިފައިވާ ޕާޓީތަކުން މ. ކުނޫޒްގައި އަންގާރަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ވިދާޅުވީ ފުލުހުންގެ ޕްރެސް ކޮންފަރެންސްތަކުގައި ރައީސް މައުމޫނާ ގުޅޭގޮތުން ސާބިތު ނުހިފޭ ތުހުމަތު ކުރަމުންދާތީ ކަންބޮޑުވާ ކަމަށެވެ.

ރައީސް މައުމޫން 2015 އިން ފެށިގެން ސަރުކާރު ވައްޓާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ހޯމަ ދުވަހު ތުހުމަތުކުރި ކުރުމަށް އިޝާރާތް ކުރައްވައި އަމީތު ވިދާޅުވީ ހިތާމަޔަކީ ފުލުހުންގެ އެހާ ވަރުގަދަ އިންޓަލިޖެންސެއް އޮވެފައި، އަދި އެއިންޓަލިޖެންސް މައުލޫމާތު ހޯދާނެ ޒަމާނީ ޓެކްލޮޖީ ޤާއިމްވެފައި ހުރެ ދެ އަހަރު ވަންދެން ފާހަގަ ނުވެ އޮތް ކަމެއް ހަމަކުއްލިއަކަށް، ނުހައްޤުން އެމަނިކުފާނު ބަންދު ކުރުމަށް ފަހު ފެނިފައިވާތީ ކަމަށެވެ.

"ފުލުހުންގެ ޕްރެސްތަކުން ފާހަގަ ވެގެން މިދަނީ ދަރުބާރު ފެކްޝަނުން ބާއްވާ ޕްރެސް ތަކާ އެއްހަމައެއްގައި ސިފަވެގެން މިދަނީ. މިފަދަ ސާބިތު ނުހިފޭ ތުހުމަތުތައް ކުރާތީ މިފެންނަނީ ދަރުބާރު ފެކްޝަނުން އެބާއްވާ ޕްރެސްތަކުގައި. ހަމަ އެބާވަތުގެ އެއްވެސް ކަހަލަ ސާފު ހެއްކެތް ނެތް ސާބިތު ނުހިފޭ ތަފާތު އެތަކެއް ވާހަކަތައް ތަފާތު އެތަކެއް ދޮގު ތުހުމަތުތައް ކެނޑި ނޭޅި ރައީސް މައުމޫންގެ މައްޗަށް ކުރަމުންދާތަން މި ފެނިގެންދަނީ. ދެއަހަރު ވަންދެން ސަރުކާރު ވައްޓަލަން ރައީސް މައުމޫން މަސައްކަތް ކުރައްވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާކަމަށް ހާމަކުރެއްވި އިރު މިކަމާ ގުޅޭ އެއްވެސް ހެއްކެތް، މިކަމާ ގުޅޭ ގޮތުން ރައީސް މައުމޫން ދެއަހަރު ވަންދެން ކުރެއްވި މަސައްކަތެއް، ދެއަހަރު ދުވަސްވަންދެން މުއާމަލަތު ކުރެއްވި ބޭފުޅުންނެއް، މިއިން އެއްވެސް ކަމެއްގެ މައުލޫމާތެއް ޢާއްމު ރައްޔިތުންނާ ހަމައަށް ފޯރުކޮށް ނުދީ ހަމައެކަނި ވިދާޅު ވަނީ 2015 އިން ފެށިގެން ރައީސް މައުމޫން ގެންދަވަނީ ސަރުކާރު ވައްޓާލަން މަސައްކަތް ކުރައްވަމުންނޭ. މިކަމާ ކަންބޮޑުވޭ. މިއީ ރައީސް މައުމޫންގެ އަގުވައްޓާލައި އެމަނިކުފާނުގެ އަބުރުފުޅަށް އަރާވަދައިގެން އެމަނިކުފާނުގެ ސިޔާސީ ހަޔާތް ހުއްޓުމަކަށް ގެނެސް އިސްލާހީ މަސައްކަތް ކިލަނބުކޮށްލަން ރާވައިގެން ފުލުހުން ހިންގާ ވަރަށް ބޮޑު ޖަރީމާއެއްމީ" އަމީތު ވިދާޅުވިއެވެ.

އަމީތު ވިދާޅުވީ ދިވެހި ފުލުހުންގެ މުއައްސަސާއަކީ މިފަދަ ގޮތަކަށް ހިންގަންވާނެ މުއައްސަސާއެއް ނޫން ކަމަށާއި މީހަކާ މެދު ބޮޑު ތުހުމަތެއް ކުރެވުމަށް ފަހު ހެކި ހާމަނުކޮށް ފުއްދާ ނުލެވޭނެ ކަމަށެވެ. އަދި މިއީ އެ އަށް ވުރެ ސީރިއަސް ކަމެއް ކަމަށެވެ.

މީގެ އިތުރުން ފުލުހުންގެ ޕްރެސްކޮންފަރެންސްތައް ވާންވާނީ ދަރުބާރު ފެކްޝަނުން ބާއްވާ ފަދަ ޕްރެސް ކޮންފަރެންސަކަށް ނޫން ކަމަށާއި ހައި ޕްރޮފައިލް ބޭބޭފުޅުންނާ މެދު ކުރެވޭ ތުހުމަތުތައް ޕްރެސް ކޮންފަރެންސްތަކުގައި ފުލުހުން ކުރާއިރު ނޫސްވެރިންނަށް އެކަމާ ގުޅޭ ގޮތުން ސުވާލެއް ކުރުމުގެ ފުރުސަތު ނުދޭތީ ވެސް ކަންބޮޑުވާ ކަމަށް އަމީތު ވިދާޅުވިއެވެ.

"ފުލުހުންގެ ޕްރެސްތައް ހިނގަންވާނީކީ ދަރުބާރު ފެކްޝަންގެ ޕްރެސްތައް ހިނގާ ގޮތަކަށް ނޫން. ފުލުހުން ދައްކަވަންވާނީ ދަރުބާރު ފެކްޝަންގައި ތިއްބެވި ބޭފުޅުން ދައްކަވާ ޒާތުގެ ވާހަކަތަކެއް ނޫން. އަދި އަމުދުން ކަންބޮޑުވޭ ހައި ޕްރޮފައިލް ބޭފުޅުންގެ މައްޗަށް މިފަދަ ބޮޑެތި ތުހުމަތުތައް ފުލުހުން ކުރައްވާއިރު މިއިން ކަމަކާ ގުޅޭގޮތުން ސުވާލެއް ކުރުމުގެ ފުރުސަތެއް ނޫސްވެރިންނަށް ފުލުހުން ނުދެއްވާތީ. ދެފުށް ފެންނަ ގޮތަކަށް ނޫން ފުލުހުންގެ ނިއުސް ކޮންފަރެންސްތައް ދަނީކީ. ދެފުށް ފެންނަ ގޮތަކަށް ނޫން އެބޭފުޅުން ހިންގަވާ ތަހުގީގް ތަކާ ބެހޭ މައުލޫމަތު އާއްމުންނަ ހަމައަށް މި ފޯރުކޮށްދެއްވަނީކީ" އަމީތު ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް