ކ. މާލެ
|
16 އޭޕްރިލް 2018 | ހޯމަ 19:12
އެސްއޯ ފުލުހުން އާދީއްތަ ދުވަހު މާލެއަށް ބާލަނީ
އެސްއޯ ފުލުހުން އާދީއްތަ ދުވަހު މާލެއަށް ބާލަނީ
އަހުމަދު މުހުސިނު
އެސްއޯ ފުލުހުން
ހައްޔަރުކޮށްފައިވާ އެސްއޯ ފުލުހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި
 
ކޮންމެ މީހަކަށްވެސް އިތުރުކޮށްފައިވަނީ 9 ދުވަސް
 
މިމީހުން މިހާރު ވަނީ ވަޒީފާއިންވެސް ވަކިކޮށްފައި
 
ހައްޔަރުކޮށްފައި ތިބީ 8 ފުލުހުން

ޤާނޫނާއި ހިލާފަށް ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައި ތިބި އެސްއޯ ފުލުހުންގެ ބަންދުގެ މުއްދަތު އިތުރު ކޮށްފިއެވެ.

ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރު ތަންފީޒް ނުކޮށް އިއުލާން ކުރި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހަމުންދާ އެސްއޯ ފުލުހުންނަށް ހޯމަ ދުވަހު އިތުރުކޮށްފައި ވަނީ 9 ދުވަހެވެ.

ހައްޔަރު ކޮށްފައިވާ ފުލުހުންގެ ތެރޭގައި ހިމެނެނީ  އެސްއޯގެ ކުރީގެ ކޮމާންޑަރު އިނިސްޕެކްޓަރ އޮފް ޕޮލިސް ސައިފު ހުސައިންއާއި، ސްޓޭޝަން އިނިސްޕެކްޓަރ ފާއިޒު މުހައްމަދާއި ފުލުހުންގެ ސްވޮޓު ޓީމުގައި މަސައްކަތް ކުރި ސާޖަންޓު އަބްދުﷲ ރިޔާޒާއި ކޯޕްރަލް އަލީ ނަސީރާއި ކޯޕްރަލް ހަސަން ނަސީރާއި ކޯޕްރަލު މުހައްމަދު ޝާމިންއާއި ސާޖެންޓު އަހުމަދު އާސިމް އަދި ސާޖެންޓް މުހައްމަދު ރިޝްވާނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެފުލުހުންނަކީ ސްޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް އިސްކޮށް މަސައްކަތް ކުރި ފުލުހުންނެވެ.

މި މީހުން ވަނީ ހޮނިހިރު ދުވަހު ދޫނިދޫއިން މާފުށީ ޖަލަށް ބަދަލު ކޮށްފައެވެ. ނަމަވެސް އެމީހުން މާފުއްޓަށް ބަދަލު ކުރި ސަބަބެއް ސާފު ވެފައެއް ނުވެއެވެ.

އެފުލުހުން މިހާރު ވަނީ ފުލުހުންގެ ވަޒީފާއިން ވެސް ވަކިކޮށްފައެވެ. ފުލުހުންގެ ވަޒީފާއިން ވަކިކުރަން ނިންމިކަން އަންގައި އެ ފުލުހުންނަށް ފޮނުވާފައިވާ ލިއުމުގެ ކޮޕީ ރާއްޖެއެމްވީއަށް ލިބިފައިވާއިރު، އޭގައިވާގޮތުން އެ ފުލުހުންގެ މައްޗަށް ތުހުމަތު ކުރަނީ އެ ފުލުހުން އިތުރު ބަޔަކާއި ބައިވެރިވެގެން، ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ޤާނޫނާއި ޚިލާފަށް ބަދަލުކުރަން މަސައްކަތްކޮށް، ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކާއި ދެކޮޅަށް ނިކުމެ، ޣައިރު ޤާނޫނީ އެއްވުންތަކުގެ ތެރެއިން އަމަން ބަލަހައްޓަން ތިބި ފުލުހުންނާއި މެދު މާރާމާރީ ހިންގައި ރައްޔިތުންގެ މެދުގައި ސަލާމަތީ ބާރުތަކާއިމެދު އިތުބާރު ގެއްލުވާލަން އުޅުނު ކަމަށެވެ.

މިމައްސަލާގައި ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފު ވެސް މަޤާމުން ވަކިކޮށް ފަހުން ވަނީ ހައްޔަރު ކޮށްފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އަރީފް އަދިވެސް އޮންނެވީ ދޫނިދޫ ގޮޅީގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
50%
0%
0%
50%
0%
0%
ކޮމެންޓް