ކ. މާލެ
|
16 އޭޕްރިލް 2018 | ހޯމަ 17:38
ރައީސް ނަޝީދު އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ބޭރުގެ ވަކީލުންނާއެކު
ރައީސް ނަޝީދު އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ބޭރުގެ ވަކީލުންނާއެކު
ގޫގުލް
ރިޔާސީ އިންތިޚާބު 2018
ރައީސް ނަޝީދަށް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތެއް ނެތް: ސަރުކާރު
 
ހިއުމަން ރައިޓްސް ކޮމިޓީގެ ތުހުމަތުތަކަށް ދިވެހި ސަރުކާރުން އިންކާރު ކުރޭ
 
ހިއުމަން ރައިޓްސް ކޮމިޓީ އިން މައްސަލަ ނިންމާފައިވަނީ ސަރުކާރުގެ ހުށަހެޅުންތަކަށް ބެލުމެއްނެތި: ސަރުކާރު
 
ރިޔާސީ އިންތިޚާބުގައި ރައީސް ނަޝީދަށް ވާދަކުރެވެން ޖެހޭނެތޯ ނުވަތަ ނޫންތޯ ނިންމާނީ އދ.ގެ ހިއުމަން ރައިޓްސް ކޮމިޓީ އަކުން ނޫން: ދިވެހި ސަރުކާރު

ޤާނޫނީ ގޮތުން މިއަހަރު ބާއްވަން ޖެހޭ ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ވާދަކުރުމުގެ ފުރުޞަތު ނޯންނާނެ ކަމަށް ދިވެހި ސަރުކާރުން ބުނެފި އެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ޙައްގު ރައީސް ނަޝީދަށް ލިބިދޭންޖެހޭ ކަމަށް ބުނެ، އދ.ގެ އިންސާނީ ހައްގުތަކާއި ބެހޭ ކޮމިޓީ އިން ނިންމާފައިވާ ނިންމެވުމަށް ރައްދު ދިނުމުގެ ގޮތުން ރާއްޖޭގެ ޚާރިޖީވުޒާރާއިން ނެރެފައިވާ ބަޔާނުގައި ވަނީ، ނަޝީދަށް ހުކުމް ކޮށްފައިވަނީ އިންސާފުވެރި ޝަރީއަތްތަކެއްގެ ތެރެއިން ކަމަށް ދިވެހި ސަރުކާރުން ގަބޫލް ކުރާ ކަމަށެވެ.

އދ.ގެ ހިއުމަން ރައިޓްސް ކޮމިޓީ އިން ވަނީ، ރައީސް ނަޝީދުގެ މައްޗަށް ހުކުމް އިއްވާފައިވަނީ މަދަނީ އަދި ސިޔާސީ ހައްގުތަކާއިބެހޭ ބައިނަލްއަޤްވާމީ މުއާހަދާއިން ކަށަވަރު ކޮށްދޭން ޖެހޭ އެތައް ހައްގުތަކެއް ހިފެހެއްޓުމަށް ފަހު ހިންގާފައިވާ ޝަރީއަތަކުން ކަމަށް ނިންމާފައެވެ.

އދ.ގެ ހިއުމަން ރައިޓްސް ކޮމިޓީގެ މި ނިންމުމަށް ރައްދުދީ ދިވެހި ޚާރިޖިއްޔާ އިން ނެރުނު ބަޔާނުގައި ވަނީ، ރައީސް ނަޝީދުގެ މަދަނީ އަދި ސިޔާސީ ހައްގުތަކަށް އަރައިގަނެފައިވާ ކަމަށް ތުހުމަތު ކޮށް، ހިއުމަން ރައިޓްސް ކޮމިޓީ އިން އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ނިންމާފައިވާ ނިންމުން ދިވެހި ސަރުކާރުން ބަލައި ނުގަންނަ ކަމަށާއި، އެތުހުމަތު ތަކަށް އިންކާރު ކުރާ ކަމަށެވެ.

އަދި ދިވެހި ރާއްޖޭގެ ގާނޫނު އަސާސީ އާ މަދަނީ އަދި ސިޔާސީ ހައްގުތަކާއިބެހޭ ބައިނަލްއަޤްވާމީ މުއާހަދާ އިން ކަށަވަރު ކޮށްދޭ ހައްގުތައް ކަށަވަރުކޮށް ދިނުމުގައި ދިވެހި ސަރުކަރު ދެމިއޮންނާނެ ކަމަށާއި، ރައީސް ނަޝީދުގެ މައްޗަށް ހިންގާފައިވާ ޝަރީއަތުގައި އެފަދަ ހައްގަކަށް އަރައިގަނެފައިނުވާނެ ކަމަށް ޚާރިޖިއްޔާގެ ބަޔާނުގައިވެއެވެ.

އަދި ރައީސް ނަޝީދުގެ މައްސަލާގައި ސުޕްރީމް ކޯޓުން 2016 ވަނަ އަހަރުގެ ޖޫން މަހުގެ 27 ވަނަ ދުވަހު ނިންމި ނިންމުމާއެކު، އެމައްސަލައިގެ ޝަރުއީ އެންމެ ފަހު މަރުހަލާ ފުރިހަމަވެފައިވާ ކަމަށާއި، ނަޝީދުގެ މައްޗަށް ކުށް ސާބިތުކޮށްފައިވަނީ ގާނޫނާއި އެއްގޮތަށް ދިވެހި ސަރުކާރުން ގަބޫލް ކުރާ ކަމަށް އެބަޔާނުގައިވެއެވެ.

މީގެ އިތުރުން، ރައީސް ނަޝީދުގެ ފަރާތްޕުޅުން އދ.ގެ ހިއުމަން ރައިޓްސް ކޮމިޓީ އަށް ހުށަހެޅުއްވި މައްސަލާގައި އެކޮމިޝަނުން ނިންމާފައިވާ ނިންމެވުމުގައި، އެމައްސަލާގައި ދިވެހި ސަރުކާރުން ޖަވާބުދާރީވުމަށް ހުށަހަޅާފައިވާ ތަފްސީލީ ހުށަހެޅުންތަކަށް ރިއާޔަތްކޮށްފައިނުވާ ކަމަށް ބުނެ، އެކަމާއި ދިވެހި ޚާރިޖިއްޔާ އިން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

އަދި ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 109 ވަނަ މާއްދާގައި ރައީސުލްޖުމްހޫރިއްޔާ އަކަށް އިންތިޚާބު ކުރާ މީހެއްގައި ހުންނަންވީ ޝަރުތުތަކުގެ ތެރޭގައި، އެމާއްދާގެ (ޅ) ގައި، ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކުނަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މަޢާފް ކުރެވުނުތާ ތިން އަހަރުވެފައިވާ މީހެއް ކަމުގައި ވާން ޖެހޭނެ ކަމަށް ކަނޑައަޅާފައިވާއިރު، 2015 ވަނަ އަހަރުގެ މާޗް މަހުގެ 13 ވަނަ ދުވަހު ރައީސް ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމާއި ގުޅިގެން ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ރައީސް ނަޝީދު ޝަރުތު ހަމަނުވާ ކަމަށް ދިވެހި ޚާރިޖިއްޔާގެ ބަޔާނުގައި ފާހަގަ ކުރައްވާފައިވެއެވެ.

އަދި ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ކުރިމަތިލާ ފަރާތެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް ފުރިހަމަވާ ކަމާއިމެދު އެއްވެސް ޚިލާފެއް އުފެދިއްޖެނަމަ، އެކަމުގައި ގޮތެއް ނިންމުމުގެ ބާރު ލިބިގެންވަނީ ހަމައެކަނި ސުޕްރީމް ކޯޓަށް ކަމަށް ގާނޫނު އަސާސީގެ 113 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާތީ، ރައީސް ނަޝީދަށް އިންތިޚާބުގައި ވާދަކުރުމުގެ ޝަރުތު ހަމަވޭތޯ ނުވަތަ ނޫންތޯ ނިންމުމުގެ ބާރު އދ.ގެ ހިއުމަން ރައިޓްސް ކޮމިޓީ އަށް ލިބިގެންނުވާ ކަމަށް ދިވެހި ޚާރިޖިއްޔާގެ ބަޔާނުގައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
50%
0%
50%
0%
0%
ކޮމެންޓް