އަންހެނަކަށް މަރުގެ އިންޒާރު ދިން ޓެކްސީ ޑްރައިވަރެއްގެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މަރުގެ އިންޒާރު ދިން ޓެކްސީ ޑްރައިވަރެއްގެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި އެކަން ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ. މަރުގެ އިންޒާރު ދިން ޑްރައިވަރު ހައްޔަރު ކުރި ކަމެއް ފުލުހުން ކަށަވަރެއް ނުކޮށްދިނެވެ.
މަރުގެ އިންޒާރު ދިން ކަމަށް ބުނާ ޑްރައިވަރު ބިޑި އަޅުވައިގެން ފުލުހުންގެ ހައްޔަރަށް ގެންދާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި އޭނާ ބިޑި އަޅުވައިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ނަމަވެސް، އެ ޑްރައިވަރު ހައްޔަރެއް ނުކުރެއެވެ.
މަންޒަރު ދުއް މީހަކު ކިޔައިދިން ގޮތުގައި ސައިކަލެއްގައި އަންހެނަކު ދުއްވާފައި ދަނިކޮށް، ޓެކްސީގައި ދިޔަ ޑްރައިވަރަކު އެ އަންހެންމީހާއާ އަރާ ހަމަކުރުމަށް ފަހު މަރުގެ އިންޒާރުދިނެވެ. އޭނާ ކިޔައިދިން ގޮތުގައި މަރުގެ އިންޒާރު ދިނީ "ބުރުގާ ނާޅާ، ތިހެން މިގައުމުގައި ނޫޅެވޭނެ" ކަމަށް ބުނެ އެވެ.