ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން ހައްޔަރުކޮށް، ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓާފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ ދަރިކަލުން އަދި ވިލާ ގްރޫޕްގެ މެނޭޖިންގ ޑިރެކްޓަރ ސިޔާދު ޤާސިމްގެ މައްޗަށް ދައުވާކުރުމަކީ އެއް ގޮތަކަށް ވެސް ރަނގަޅު ކަމެއް ނޫން ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ލީޑަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު ހޮނިހިރު ދުވަހުގެ ހަވީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިޔާދަކީ ސިޔާސީ ބޭފުޅެއް ނޫން ކަމަށާއި، އޭނާގެ މައްޗަށް ދައުވާ ކުރުމަކީ ވަރަށް ހުތުރުކަމެއް ކަމަށް ރައީސް ޔާމީނަށް ދަންނަވާ ކަމަށެވެ.
"އަޅުގަނޑުމެންގެ ދަރިންގެ ހިތްވަރު ހުންނާނެ، އެކަމަކު އަޅުގަނޑުމެންގެ ތަފާތުތައް ދަރިންނާއި ހަމަޔަށް ގެންދިޔުން ބުއްދިވެރިއެއް ނޫން،"ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
Ibrahim Siyad Qasim ah dhauva kurun ehgothakahves ran’galhenoon.E ee siyaasee beyfulheh noon.RY ah dhannavan,thi ee varah huthuru kamekey.Alhugadumenge dharinge hivvaru hunaane, ekamu alhugadumenge thafaathuthah dharinai hama ah gendhiun buhdhiverieh noon.Siyad vaguthun dhookohla
— Mohamed Nasheed (@MohamedNasheed) April 14, 2018
ރައީސް ނަޝީދު ވަނީ ސިޔާދު ވަގުތުން ދޫކޮށްލުމަށް ވެސް ގޮވާލައްވާފައެވެ. ރައީސް ނަޝީދު ވަނީ ސިޔާދު ހައްޔަރުކުރުމާއި އެކު ފެބްރުއަރީ 7 ވަނަ ދުވަހު ވެސް އޭނާ ވަގުތުން ދޫކޮށްލުމަށް ގޮވާލައްވާފައެވެ. ސިޔާދުގެ މައްޗަށް އުފުލާފައި ވަނީ ރިޝްވަތު ދިނުމުގެ ދައުވާއެވެ. އެގޮތުން ވިލާ ކުންފުނި މެދުވެރިކޮށް ވެރިކަން ބަދަލުކުރުމަށް އެކި ފަރާތްތަކަށް ރިޝްވަތު ދިން ކަމަށް އޭނާގެ މައްޗަށް ވަނީ ތުހުމަތު ކޮށްފައެވެ. އެގޮތުން ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ހަސަން ސަޢީދުގެ ކޮޓަރިތެރެެއިން ފެނުނު ދަބަހެއްގެ ތެރެއިން ވިލާ ޝިޕިންގް އެންޑް ޓްރޭޑިންގެ ލެޓަރ ހެޑްގައި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސިޔާދު ގާސިމް ސޮއި ކޮށްފައިވާ ސިޓީއެއް ފެނިފައިވާ ކަމަށާއި، އެ ސޮޔަކީ ސިޔާދުގެ ސޮއިކަން ފޮރެންސިކް ތަހުލީލުތަކުން ކަށަވަރުވާ ކަމަށް ޕީޖީ އިން ވަނީ ބުނެފައެވެ.