ދިވެހިރާއްޖެ އާއި އައިވަރީ ކޯސްޓާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކޮށްފިއެވެ.
ފޮރިން މިނިސްޓްރީ އިން ބުނީ އައިވަރީ ކޯސްޓާ އެކު ސިޔާސީ ގުޅުން ޤާއިމްކުރީ މި އޭޕްރީލް މަހުގެ 13 ވަނަ ދުވަހު އެމެރިކާގެ ނިއުޔޯކުގައި ކަމަށެވެ.
ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމް ކުރުމަށް ވެވުނު އެއްބސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ދިވެހިރާއްޖެއިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުޙައްމަދެވެ. އައިވަރީ ކޯސްޓުގެ ފަރާތުން ސޮއިކުރެއްވީ އެޤައުމުން އދ. އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ބަރނާޑް ޓާނޯ-ބޫޗޯއެވެ.
މި އެއްބަސްވުމުގައި ސޮއިކުރެވުނީ ނިއުޔޯކުގައި ޤާއިމްކޮށްފައިވާ ދިވެހިރާއްޖެއިން އދ. އަށް ކަނޑައަޅާފައިވާ ދާއިމީ މިޝަންގައެވެ.
ފޮރިން މިނިސްޓްރީން ބުނީ މި ގުޅުމުގެ ސަބަބުން ދެ ޤައުމުގެ ރައްޔިތުންނަށް ވެސް ގިނަ ފައިދާތަކެއް ވެގެން ދާނެ ކަމަށެވެ.
އައިވަރީ ކޯސްޓަކީ ރާއްޖެއިން ސިޔާސީ ގުޅުން ޤާއިމްކުރި 167 ވަނަ ޤައުމެވެ.
ހުޅަނގު އެފްރިކާގެ ޤައުމެއް ކަމަށްވާ އައިވަރީ ކޯސްޓާ އެކު ރާއްޖެއިން ސިޔާސީ ގުޅުން ޤާއިމް ކުރިއިރު އަރަބި ދުނިޔެ އިން އީރާނާއި، ޤަތަރާއެކު އޮތް ގުޅުން މި ސަރުކާރުން ވަނީ ކަނޑާލާފައެވެ. އަދި ކޮމަންވެލްތުން ވަނީ ވަކިވެފައެވެ.