ހުޅުމާލެ ސެންޓްރަލް ޕާކުގައި ރިވާސް ވެންޑިންގް މެޝިނެއް ބަހައްޓައިދޭނެ ބަޔަކު ހޯދަން އެމްޑަބްލިޔުއެސްސީ އިން އިއުލާންކޮށްފިއެވެ.
ސަރުކާރުގެ ގެޒެޓުގައި އެމްޑަބްލިއުއެސްސީ އިން އޭޕްރިލް 12 ވަނަ ދުވަހު އާންމުކުރި އިއުލާނެއްގައި ބުނެފައިވަނީ އެ ކުންފުނިން ބޭނުންވާ ގޮތަށް ރިވާސް ވެންޑިން މެޝިން ބަހައްޓާނެ އިމާރާތެއް ހެދުމަށް ބޭނުންވާ ކަމަށެވެ.
ރިވާސް ވެންޑިން މެޝިންގެ އިމާރާތް ހެދުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ އާދިއްތަ ދުވަހުގެ ކުރިން މައުލޫމާތު ސާފުކުރުމަށްފަހު އަންނަ އަންގާރަ ދުވަހުގެ ކުރިން އަގު ހުށަހެޅުމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.
އަގު ހުށަހެޅޭނީ މައުލޫމާތު ސާފުކުރަން ވަޑައިގަންނަވާ ވިޔަފާރި ހުއްދަ އޮތް ފަރާތްތަކަށް އެކަނި ކަމަށްވެސް އިއުލާންގައި އިތުރަށް ބުނެފައިވެއެވެ.
ރިވާސް ވެންޑިން މެޝިނަކީ، ބޭނުންކޮށްފައި ހުންނަ ހުސް ދަޅާއި ހުސް ފުޅި ފަދަ ތަކެތި އެއްކުރުމަށް ހަދާފައި ހުންނަ މެޝިނެކެވެ. އަދި ބައެއް ގައުމުތަކުގައި މިފަދަ މެޝިންތައް ބަހައްޓާފައި ހުންނަނީ، އެ މެޝިނަށް ލާ ކޮންމެ ދަޅަކަށް ނުވަތަ ކޮންމެ ފުޅިއަކަށް ވަކި އަދަދަކަށް އެ މެޝިނުން ފައިސާ ލިބޭ ގޮތަށެވެ.