މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް އުފުލާފައިވާ 11 ދައުވާއެއްގެ އަޑު އެހުން ކްރިމިނަލް ކޯޓްގައި އަންނަ އާދީއްތަ ދުވަހަށް ތާވަލުކޮށްފިއެވެ.
މި ހުރިހާ މައްސަލައެއްވެސް ތާވަލުކޮށްފައިވަނީ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ޖަހާއިރަށެވެ. އަދި މިއީ މުޅިންވެސް ހިޔާނާތުގެ ދައުވާ އުފުލާފައިވާ މައްސަލަތަކެކެވެ.
އެމްއެމްޕީއާރްސީ މެދުވެރިކޮށް 13 ފަޅުރަށަކާއި ދެ ފަޅެއް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ 23.1 މިލިއަން ޑޮލަރަށް (357 މިލިއަން ރުފިޔާ) ޒިޔަތު ޚިޔާނާތްތެރިވެފައިވާ ކަމަށް ދައުލަތުން ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ބުނެފައެވެ.
ޒިޔަތުގެ މައްޗަށް ޚިޔާނާތްތެރިވުމުގެ ދައުވާ އުފުލާފައިވަނީ 13 ފަޅުރަށަކާއި ދެ ފަޅެއް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ޚިޔާނާތްތެރިވެފައިވާ ކަމަށް ބުނެ އެވެ. އެ ދައުވާތަކުގައި ބުނެފައިވަނީ އެރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން އިކުއިޒިޝަން ކޯސްޓްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާ ހިމެނޭ 17 ޗެކަކާއި ޒިޔާތު ހަވާލުވެ، އެ ޗެކުތަކުގައި ހިމެނޭ ފައިސާއަށް ޚިޔާނާތްތެރިވެފައިވާ ކަމަށެވެ.
އެގޮތުން، ރ. އިނގުރައިދޫ ބުލްބުލާގޭ މުހައްމަދު ހުސައިންފުޅަށް ރ. ކަނޑޫގަނޑު ކުއްޔަށް ދޫކޮށްގެން އިކުއިޒިޝަން ކޯސްޓްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ 300،000 ޑޮލަރާއި، އަލިބޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ރ. ބޮޑުފުށި ކުއްޔަށް ދޫކޮށްގެން ލިބެންޖެހޭ ތިން މިލިއަން ޑޮލަރާއި، ބޮޑުފަރު ބީޗް ޕްރައިވެޓް ލިމިޓެޑަށް އދ. ބޮޑުފިނޮޅު ކުއްޔަށް ދޫކޮށްގެން ލިބެންޖެހޭ އެއް މިލިއަން ޑޮލަރާއި، މއ. މަނަސް އާމިރު މަންސޫރަށް ރ. ހުރަވަޅި ކުއްޔަށް ދޫކޮށްގެން ލިބެންޖެހޭ 1.75 މިލިއަން ޑޮލަރާއި، ކްލެސިކް ސިޓީ އައިލެންޑް މޯލްޑިވްސް އަށް ރ. ފުށްގިރި ކުއްޔަށް ދޫކޮށްގެން ލިބެންޖެހޭ 150،000 ޑޮލަރާއި، ސީކްރެޓް ޕެރެޑައިސް ޕްރައިވެޓް ލިމިޓެޑަށް ބ. ހުރާފަރު ކުއްޔަށް ދޫކޮށްގެން ލިބެންޖެހޭ 360،000 ޑޮލަރާއި، ޓޫޖީ ޕްރައިވެޓް ލިމިޓެޑަށް ވ. އާރަށް ކުއްޔަށް ދޫކޮށްގެން ލިބެންޖެހޭ އެއް މިލިއަން ޑޮލަރާއި، ދިގުދެފަރު އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑަށް ބ. ދިގުދެފަރު ކުއްޔަށް ދޫކޮށްގެން ލިބެންޖެހޭ 300،000 ޑޮލަރާއި، ވެލް ލޭންޑް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑަށް ބ. މުތާފުށި ކުއްޔަށް ދޫކޮށްގެން ލިބެންޖެހޭ އެއް މިލިއަން ޑޮލަރާއި، ރޮބިންސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ނ. އޮރިވަރު ކުއްޔަށް ދޫކޮށްގެން ލިބެންޖެހޭ ހަތަރު މިލިއަން ޑޮލަރާއި، ބޮޑުފަރު ބީޗް ރިސޯޓް ޕްރައިވެޓް ލިމިޓެޑަށް ރ. ބޮޑުފަރު ކުއްޔަށް ދޫކޮށްގެން ލިބެންޖެހޭ 1.5 މިލިއަން ޑޮލަރާއި، ޔުނައިޓެޑް އިންޓަނޭޝަނަލް ހޮޓަލް ގްރޫޕަށް ގއ. ވޮޑެމުއްލާ ކުއްޔަށް ދޫކޮށްގެން ލިބެންޖެހޭ އެއް މިލިއަން ޑޮލަރާއި، އޮރިއެންޓް ރޯސް ޕްރައިވެޓް ލިމިޓެޑަށް ރ. ކޮތައިފަރު ކުއްޔަށް ދޫކޮށްގެން ލިބެންޖެހޭ ފަސް މިލިއަން ޑޮލަރަށް ޒިޔާތު ޚިޔާނާތްތެރިވެފައިވާ ކަމަށް ދައުވާތަކުގައި ބުނެފައިވެއެވެ.