ސުޕްރީމް ކޯޓުގެ އަމުރަކުން ނޫންގޮތަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހައްޔަރުގައި ނުގެންގުޅެވޭނެ ކަމަށާއި، ހައްޔަރުގައި ގެންގުޅޭނަމަ އެވާނީ ޤާނޫނާއި ހިލާފު ހައްޔަރަކަށްކަމަށް އެމްޑީޕީގެ ޗެއަރޕާސަން އަދި ޤާނޫނީ ވަކީލް ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ހައްޔަރާއި ގުޅޭގޮތުން ހަސަން ލަތީފް ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަށްފަހު ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބަންދުގައި ބޭތިއްބުމަށްޓަކައި ސުޕްރީމް ކޯޓުގެ ބާކީ ތިބި ފަނޑިޔާރުންގެ އަމުރެއް ހޯދުން ލާޒިމްކަމަށެވެ. އަދި އެ އަމުރު ނެތި އުއްތަމަ ފަނޑިޔާރާއި، އަލީ ހަމީދު ބަންދުގައި ބޭތިއްބުންވާނީ ޤާނޫނާއި ހިލާފު ހައްޔަރަކަށްކަމަށް ހަސަން ލަތީފް ވިދާޅުވެފައިވެއެވެ.
އެޔާއެކު ހަސަން ލަތީފް ވަނީ ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ވަގުތުން މިނިވަންކުރުމަށް ގޮވާލައްވާފަ އެވެ.
#SoE nimumahfahu SC fandiyaarun bandhuga beythibbumattaka Supreme Court gai baakee thibi fadiyarunge Amureh hoadhun laazimu! E amuru nethi Uththma Fandiyaraai, Fandiyaru Ali Hameed bandhu gai beythibbun vaanee Qanoonaa khilaaf hayyarakah! Vaguthun minivan kuran jehey! pic.twitter.com/38ViR8EYvj
— Hassan Latheef (@HassanLatheef) April 13, 2018
ހަސަން ލަތީފް ހަވާލާދެއްވާފައިވަނީ ފަނޑިޔާރުންގެ ޤާނޫނުގެ 12 ވަނަ މާއްދާއާއި އެވެ. އެ މާއްދާއަކީ ފަނޑިޔާރުންނަށް ލިބިދޭ އިމްތިޔާޒްތައް ބަޔާންކުރާ މާއްދާ އެވެ. އެ މާއްދާގެ (ށ) ގައި ބުނެފައިވަނީ ހައްޔަރުކުރަންޖެހެނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްކަމުގައިވާނަމަ އޭނާ ހައްޔަރުކުރެވޭނީ އެ ކޯޓުގެ ބާކީތިބި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކުރާ އަމުރަކުން ކަމަށެވެ.
މުހިންމު ޤާނޫނީ ނުކުތާއެއް ފާހަގަކުރައްވާ، ހަސަން ލަތީފް ކުރެއްވި ޓުވީޓް ގިނަ ޤާނޫނީ ވަކީލުންތަކެއް ވަނީ ރީޓުވީޓްކުރައްވާފަ އެވެ.
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ހައްޔަރުކޮށްފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަށްފަހު ފެބުރުއަރީ މަހުގެ 6 ވަނަ ދުވަހު އެވެ. އޭގެފަހުން ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނައުމާއެކު، ސަސްޕެންޑްކުރި ހުރިހާ ޤާނޫނެއްގެ ސަސްޕެންޝަން ވަނީ އުވިފަ އެވެ. އެހެންކަމުން މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހައްޔަރުގައި ގެންގުޅުމަކީ ޤާނޫނާއި ހިލާފުކަމެކެވެ.