ކ. މާލެ
|
12 އޭޕްރިލް 2018 | ބުރާސްފަތި 15:13
މާލެ ސިޓީ ކައުންސިލުން ބޭއްވި ޕްރެސް
މާލެ ސިޓީ ކައުންސިލުން ބޭއްވި ޕްރެސް
ރާއްޖެއެމްވީ
މާލެ ސިޓީ ކައުންސިލް
ރިންގް ރޯޑް މަޝްރޫއަށް މާލޭގެ ބޮޑެތި ގަސްތައް ކަނޑަމުންދާތީ ސިޓީ ކައުންސިލުން ރަތަށް!
 
ކުނީގެ މައްސަލަ ދުވަހުން ދުވަހަށް ގޯސްވަމުންދާކަން ފާހަގަކުރޭ
 
މާލޭގެ ބޮޑެތި ގަސްތައް ކަނޑަމުންދަނީ އީޕީއޭ ނުހަދާކަން ސިޓީ ކައުންސިލުން ފާހަގަކުރި

ހައުސިން މިނިސްޓްރީން ހިންގާ ރިންގް ރޯޑް މަޝްރޫއަށް މާލޭގެ ބޮޑެތި ގަސްތައް ކަނޑަމުންދާތީ ސިޓީ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މާލޭ ސިޓީ ކައުންސިލުން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑެޕިއުޓީ މޭޔަރު ސަމާއު ޝަރީފް ވިދާޅުވީ، ބްރިޖް މަޝްރޫއު ނިމެންވާއިރަށް ކަމަށް ބުނެ ބްރިޖް ހިމެނޭ މާލޭ އިރުމަތީ އަޑިޕާކް ސަރަހައްދާއި އެނޫން ވެސް ތަންތަނުގައި ހުރި ބޮޑެތި ބިޔަ ގަސްތައް ކަނޑަމުންދަނީ މާލޭގެ ރައްޔިތުންނާ އެއްވެސް ވަރަކަށް މަޝްވަރާކުރުމެއް ނެތި ކަމަށެވެ. އަދި ރައްޔިތުންނާ ގުޅުން ހުރި އެފަދަ ބޮޑު ކަމެއް ކުރާ އިރު، ރައްޔިތުން އިންތިޚާބު ކޮށްފައި ތިބި ކައުންސިލަރުންނާ ވެސް އެއްވެސް ކަމަކާ މަޝްވަރާ ނުކުރައްވާ ކަމަށެވެ.

ހައުސިން އިން އެކަން ކުރަނީ ތިމާވެއްޓަށް އެކަމުން ކުރާނެ އަސަރެއް ބެލުމަށް (އެންވަޔަރުމެންޓް އިމްޕެކްޓް އެސެސްމެންޓް) ވެސް ނުހަދާކަން އެނގިފައި ވާކަމަށް ސަމާއު ވިދާޅުވިއެވެ. އަދި ގަސްކަނޑަމުންދާ ދިއުމާ މެދު އީޕީއޭ އާއި ހައުސިން މިނިސްޓްރީއާ ބައްދަލުކުރުމަށް މިހާރު އެދިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ގަހަކީ ވަރަށް މުހިންމު އެއްޗެއް، މިކަހަލަ ގިނަ ވެހިކަލްތައް ދުއްވާ މާގިނަ ފެހިކަމެއް ނެތް ސިޓީއަކަށް ވަރަށް މުހިންމު އެއްޗެއް، މިކަން ވަރަށް ބޮޑަށް ކުށްވެރިކުރަން، ކަމާބެހޭ ހުރިހާ އިދާރާތަކަށް ވެސް ގޮވާލަން މިހާރުން މިހާރަށް ވެސް މި މަސައްކަތް ކުރިއަށް ގެންދާއިރުގައި އެންމެ ރައްކާތެރި ގޮތަކީ ކޮބައިކަން ދެނެގަނެ ގަސްތަކަށް ގެއްލުން ނުލިބޭނެހެން އެކިއެކި މަޝްރޫއުތައް ހިންގުމަށް،" ޝަމާއު ވިދާޅުވިއެވެ.

މި ޕްރެސްގައި ވާހަކަ ދައްކަވަމުން ވިލިމާލޭ ދާއިރާގެ ކައުންސިލް މެންބަރު ހަމްނާ ވަހީދު ވިދާޅުވީ، ވިލިމާލޭގެ އުތުރު ފަރާތުގެ ބަނދަރު ހިމެނޭ ސަރަހައްދުގައި ފަސް ބްލޮކް ވަރުގެ ބޮޑު ސަރަހައްދެއް ޓިނުޖަހައި ބަންދުކޮށް މި ސަރުކާރުން ކުރަނީ ކޮންކަމެއްކަން ނޭނގިގެއް ވިލިނގިލީ ރައްޔިތުން ތިބީ ސުވާލެއްގެ ތެރޭގައި ކަމަށެވެ.

"ތުންތުން މަތީން އަޅުގަނޑަށް މައުލޫމާތު ލިބުނު އެތަނުގައި ހަދަނީ ޕާކަކާއި ޖިމް އެކޭ. އެހެން ވިޔަސް ރައްޔިތުންނަށް އެނގެން ޖެހޭ،" ހަމްނާ ވިދާޅުވިއެވެ.

ހަމްނާ ވިދާޅުވީ، އެތަނުގައި ވެސް ހުރި ބޮޑެތި ގަސްތައް ކަނޑަމުންދާ ކަމަށާއި، އެ ސަރަހައްދަކީ އާއިލާތަކާއި ދޮށީ އުމުރުގެ މީހުންނާއި، ކުޑަކުދިން ހިތްހަމަޖައްސާލަން ނުކުމެ ޖޯލިފަތިތަކުގައި ތިބޭ ހިތްފަސޭހަ ގުދުރަތީ މައިޒާނެއް ކަމަށެވެ. އަދި އެތަން ހަލާކުކޮށްލައި، ގަސްތައް ކަނޑަމުންދާތީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ. އޭނާ ވިދާޅުވީ އެ ސަރަހައްދަކީ ދޯނިފަހަރު ލަފާފުރާ ބަދަރު އޮންނަ ސަރަހައްދެއް ކަމުން އެތަނަށް ކުޑަކުދިން ވެެސް ދާނެތީ، އެތަނުގައި ޕާކެއް ހެދުމަކީ އެއްގޮތަކަށް ވެސް ރައްކާތެރި ކަމެއް ނޫން ކަމަށެވެ.

"އެ ސަރަހްދަކީ މަސްވެރިން، އޮޑިވެރިން އޮޑި ދޯނިފަހަރު ލަފާ ފުރާ ސަރަހައްދެއް. ދޯނިތަކުގައި ބޭރު މީހުން ފެންވަރާ ހަދާ ސަރަހައްދެއް. ކުޑަކުދިންނަށް އެ ސަރަހައްދު ރައްކާތެރިއެއް ނުވާނެ" ހަމްނާ ވިދާޅުވިއެވެ.

މާލެ އަދި މާލެ ވިލިމާލޭގެ ބައެއް ހިސާބުތަކުގައި ހުރި ބޮޑެތި ބިޔަ ގަސްތައް ކެނޑުން ހުއްޓާލުމަށް މާލޭ ސިޓީ ކައުންސިލުން ވަނީ ސަރުކާރަށް ގޮވާލާފައެވެ.

މި ޕްރެސްގައި ވާހަކަ ދައްކަވަމުން މާލޭ ސިޓީ ކައުންސިލުން ވަނީ މާލޭގެ ކުނީގެ މައްސަލައަށް ވެސް އެކަށީގެންވާ ހައްލެއް ނުލިބި ދިގުލައި މުޅި މާލޭގެ މަގުތައް ގޮނޑުވަމުންދާކަން ފާހަގަކޮށްފައެވެ. އަދި މާލޭ ސިޓީކައުންސިލުގެ ދަށުން މާލޭގެ މަގުތައް ބަލަހައްޓާ ކުނިކަހާ ހަދަމުން ދަނިކޮށް ހައުސިން މިނިސްޓްރީގެ ދަށަށް އެ ޒިންމާތައް ނެގިފަހުން މުޅި މާލެ ގޮނޑަކަށް ވެފައިވާ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ. އަދި ކުރިއަށް އޮތް ރޯދަމަހު ތިން ގުނައަށް ކުނި އިތުރުވާނެކަމަށާއި، އެކަމާ މެދު ވެސް ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ. އަދި މިހާތަނަށް ވެސް ކުނީގެ މައްސަލައަށް އެކަށީގެންވާ ހައްލެއް ހައުސިން މިނިސްޓްރީއަށް ހޯދައި ނުދެވެންޏާ އެކަން މިހާރުން މީހާރަށް އަލުން އަނބުރާ ސިޓީ ކައުންސިލާ ހަވާލުކޮށްދިނުމަށް މާލޭ ސިޓީ ކައުންސިލުން ވަނީ ގޮވާލާފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް