ކ. މާލެ
|
12 އޭޕްރިލް 2018 | ބުރާސްފަތި 19:39
ރައީސް ޔާމީނާ ބައެއް ފަނޑިޔާރުން
ރައީސް ޔާމީނާ ބައެއް ފަނޑިޔާރުން
ރައީސް އޮފީސް
ދައުލަތް ފެއިލްވުން
ދައުލަތުން ރައްޔިތުންނަށް ދޭ އަނިޔާތަކަށް ފަރުވާއެއް ނެތް!
 
ޝަރީއަތްވެސް ލިޔެކިޔުންތައް ވެސް ސިއްރު
 
ދައުވާ އުފުލުމާއެކު ޝަރީއަތް ނިމެންދެން ޖަލަށް
 
ކުރެވޭ ތުހުމަތާއެކު ޖަލަށް

ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގައި ދައުލަތް އެކުލެވިގެންވަނީ ތިން ބާރުގެ މައްޗަށް ކަމަށް ބުނެއެވެ. އެއީ ގާނޫނު ހެދުމުގެ އެންމެހާ ބާރުތަކެއް ލިބިގެންވާ ރައްޔިތުންގެ މަޖލީހާއި ގާނޫނުއަސާސީގައި ބަޔާންވެގެންވާ ގޮތުގެ މަތިން ވެރިކަން ހިންގުމުގެ ބާރު ލިބެގެންވާ ރައީސުލްޖުމްހޫރިއްޔާގެ އިތުރުން އަދުލްއިންސާފު ގާއިމު ކުރުމުގެ ބާރު ލިބިގެންވާ ކޯޓުތަކެވެ.

ނަމަވެސް އެއަށްވުރެން މަތިން ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސާގައި ބުނާ އެހެން ވާހަކައެއް ވެސް އެބައޮތެވެ. އެއީ ދިވެހި ދައުލަތުގެ އެންމެހާ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމާއި އަދި އެ ބާރުތައް ދެމިއޮންނާނީ ރައްޔިތުންގެ ކިބައިގަ ކަމަށް ބުނާ ވާހަކައެވެ.

އެހެންކަމުން ދިވެހި ރައްޔިތުންނަކީ އެ ތިންބާރުގެ ވެރިންނެވެ. ދިވެހި ރައްޔިތުންނަށް ވުރެ ބާރުގަދަ މަގާމެއް ނުވަތަ މުއައްސަސާއެއް ނެތެވެ.

ނަމަވެސް އެކަން އެހެން އޮތެއްކަމަކު ދިވެހިރާއްޖޭގެ ރައްޔިތުންހާ ނިކަމެތި ބައެއްވެސް ނެތެވެ. ގާނޫނު ހަދާ މަޖިލީހުން ރައްޔިތުންނަށް ހަދަނީ ހަދާނެ އެއްޗެކެވެ. އޭގެ މިސާލަކީ ރައްޔިތުން އިންތިހާބު ކުރި މަޖިލީސް މެމްބަރުންނަށް ގާނޫނީ ޒިންމާ އަދާނުކުރެވި، ސަރުކާރުގެ މުށު ތެރެއަށް މަޖިލިސް ގޮސް، އެންމެފަހުން މިލިޓަރީ ހެޑް ކުއާޓަރެކޭ ރައްޔިތުންގެ މަޖިލީހެކޭ ތަފާތެއް ނެތެވެ.

ދެން އޮތީ ސަރުކާރެވެ. މި ސަރުކާރުގެ ވާހަކަ ވޮއްއަލިވާ ހިސާބެއްގައި ދައްކަން ހެޔޮނުވާނެ އެވެ. ނިކަމެތި ނުކުރާ އާއިލާއެއް ނެތެވެ. އެއްވެސް ކުށަކާ ނުލާ ރައްޔިތުން ޖަލަށްލުމަކީ މިސަރުކާރުން އެންމެ ކުރާހިތްވާ އެއްކަންތައް ކަމަށް މިސަރުކާރުން ޖަލަށްލާފައިވާ މީހުންނާއި އެމީހުންގެ އައިލާތަކުން ދަނީ ބުނަމުންނެވެ. މިސަރުކާރުގެ ފަސް އަހަރުގެ ދައުރު ނިމެންދާއިރު، ޖަލަށް ނުލާ މީހެއް ނެތް އާއިލާއެއް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. ފާއިތުވެ ދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ރައްޔިތުންގެ ހައްގުތައް ހޯދުމަށާއި ސަރުކާރުން ހިންގާ ކޮރަޕްޝަނާއި ވައްކަންތައް ހުއްޓުވުމަށް ކެނޑިނޭޅި ރައްޔިތުން އިހުތިޖާޖު ކުރުމުގެ ނަތީޖާއަކީ ދައުލަތުގެ އިސްވެރިންނާއި އިއްޒަތްތެރިންނާއި އާއްމު ރައްޔިތުންގެ އެތައް ބަޔަކު ޖަލަށްލުމެވެ. ޖަލުތައް ފުރިފައިވަނީ މިފަދަ ސިޔާސީ ބޭނުން ތަކުގައި ހައްޔަރުކޮށްފައިވާ ބޭފުޅުންނާއެކުގަ އެވެ.

ދައުލަތުގެ ފަރާތުން ޖިނާއީ ދައުވާއެއް ކުރިއަސް އަދުލްއިންސާފު ގާއިމު ކުރަން ބޭނުންވެގެން އުޅޭ ތަނެއްވެސް ނުފެނެއެވެ. ހައްޔަރުކުރާއިރު ބުނަނީ ފްލެޓްގަންނަން ކޮރަޕްޝަނުގެ ގޮތުގައި ފައިސާ ދިން ކަމަށެވެ. ތަހުގީގަށް ހައްޔަރުކޮށްފަ އެތައް ދުވަހަކު ބެހެއްޓުމަށް ފަހު، ފޯނު ކޮބައިތޯ އަހާފާނެ އެވެ. ފޯނު ނެތޭ ބުނެފިނަމަ އެވީ، ހެކި ނައްތާލުމެވެ. ދެން އެވީ ހެކި ނައްތާލުގެ ދައުވާ ކުރާށެވެ. ފުލުހުންގެ ތަރުޖަމާނު "ބޯކޮށް ހެކި އެބަހުރި ކަމަށް" ބުނެފައިވާ މައްސަލަތަކުގައި ތަހުގީގު ޓީމުން ހެކި ހޯދުމަށް ލައްކަ މަސައްކަތްވެސް ކުރާތަން ފެނެއެވެ. ހައްޔަރު ކޮށްފައިވާ މީހާއާއި އޭނާގެ ގާނޫނީ ވަކީލު ބައްދަލުކުރާއިރު ގޮނޑި ދަށަށް އޯޑިއޯ ރެކޯޑަރެއް ހަރުކޮށްގެންވިޔަސް ހެކި ހޯދަން މަސައްކަތް ކުރުމަކީ ގާނޫނާ ހިލާފަށް އަދި ވަރަށް ދަށު ދަރަޖައިގެ އަމަލެކެވެ.  

މީގައި އަދިއެހެންކަމެއް ވެސް ފާހަގަ ކޮށްލެވެއެވެ. ސިޔާސީ ބޭފުޅެއް ވިއްޔާ ޝަރީއަތް ނިމެންދެން ޖަލު ބަންދުގައި ބެހެއްޓުމަށް ފުލުހުން ނުވަތަ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އެދޭއެދުމެވެ. ޝަރީއަތަށް ހުށަހެޅޭ ބައެއް ލިޔެކިޔުންތައް ސިއްރު ކުރަން ހުށަހަޅާއިރު، ސަރީއަތުގެ މަޖިލިސް ވެސް ވަރަށް ގިނަ ފަހަރަށް ދައުލަތުގެ އެދިގެން ކަމަށް ބުނެ ސިއްރު ކުރެ އެވެ.

މިއީ އަދުލްއިންސާފުގެ ދާއިރާއާއި ތަހުގީގު އިދާރާތަކުން ރައްޔިތުންނަށް ކުރަމުންދާ އަނިޔާގެ އަދި ކުޑަ ވަރެކެވެ. މީސްމީހުން ފްރޭމް ކޮށްގެން ދައުވާތައްކޮށް، ހުކުމް ކޮށްފައިވާއިރު، ބައެއް މީހުން މީހުންގެ މައްޗަށް އިއްވާފައިވާ ހުކުމަކީ އެމައްސަލަ ބެއްލެވި ފަނޑިޔާރު ލިޔުންވާފައިވާ ހުކުމެއް ކަމާމެދު ރައްޔިތުން ޝައްކު އުފައްދަ އެވެ. އަނިޔާވެރިކަން ހުންނާނީ މިވަރަކަށް ނޫންތޯ އެވެ.

ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކުރާއިރު، ޝަރީއަތެއް ނިންމަން ހަ އަހަރު ދުވަސް ވެސް ނަގާފައި އެބަހުއްޓެވެ. އެ ޝަރީއަތް ނިމޭއިރު ހަ އަހަރު ވަންދެން ޖަލުގައި އޮން މީހާގެ ކުށެއް ނެތް ކަމަށް ކޯޓުން ނިންމާތަންވެސް އެބަފެނެ އެވެ. މިއީ މީސްމީހުންނަށް ދޭން ހެޔޮވާވަރުގެ އަނިޔާތޯ އެވެ. އެމީހާއަށް ލިބުނު އަނިޔާގެ ބަދަލު ހޯދަން ދާނެ ތަނެއް، ހޯދޭނެ ފަރުވާއެއް ނެތެވެ.

އެކަށީގެންވާ ހެއްކާއެކު މީހަކު ހައްޔަރު ކުރުމަކުން އެކަމާ ރައްޔިތުން ދެކޮޅެއް ނުވާނެ އެވެ. އެކަމަކު ހެއްކެއް ނެތި، ފަހުން ހެކި ހޯދާ ގޮތަށް ފުރާޅުން ޓިނު ނަގައިގެން ސުޕްރީމް ކޯޓަށް ވަދެ އުއްތަމަ ފަނޑިޔާރު ގަދަ ކަމުން ނަގައިގަނެގެން ގެންގޮސް ޖަލުގައި ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައި ބެހެއްޓުމުގެ ބޭނުމުގައި އަވަހަށް ދައުވާ އުފުލާ، ޝަރީއަތް ނިމެންދެން ޖަލުގައި ބެހެއްޓުމަށް އަމުރުކުރާއިރު، ގާނޫނެއް ގާނޫނުއަސާސީގައިވާ އެއްޗެއް ބެލުމެއް ވެސް ނެތެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް
13 އޭޕްރިލް 2018 | ހުކުރު 15:38
ސަމާސާ
ދައުލަތުން ރައްޔިތުންނަށް ދޭ އަނިޔާ އިތުރުކޮށްފި އޭ ބުނީމާ ވަރަށް ދެކޮޅުނުޖެހޭ ވާހަކައަކަށް އެބަވޭ. ސަބަބަކީ ރައްޔިތުން ރައްޔިތުންނަށް އަނިޔާދޭވާހަކަ ބުނެވޭތީ. ހަގީގަތުގައި އަނިޔާކުރަންޏާ ކުރަނީ ސަރުކާރުން. ދައުލަތަކުންނެއްނޫން. ސަބަބަކީ ދައުލަތޭ ބުނީމަ އެޝާމިލް ވަނީ މުޅި ދިވެހިރާއްޖެ. އެހެނީ ދައުލަތުގެ މާނައަކީ ސަރުކާރާއި ސަރުކާރުގެ ހުރިހާ މުއައްސަސާ ތަކާއި ، ރައްޔިތުންނާއި ދިވެހި ރާއްޖޭގެ ބިމާއި ކަނޑާއި ވައިގެ ސަރަހައްދު ހިމެނޭ ގޮތަށް ކިޔާ ނަމަކަށް ވާތީ. މިސަރުކާރު އައިފަހުން ޔާމީން ދައުލަތޭ އެކިޔަނީ އޭނާގެ ވެރިކަމަށް. މާނައަކީ ކުރީގައި އެބުނެވުނު ހުރިހާކަމެއް މިލްކު ވެގެންވަނީ އޭނައަށް ކަމަށް ބުނުން. އެއީ އޭނާގެ ނިޔަތް. އޭނާ އެހެން ކިޔާތީ ބަޔަކު މިގޮތަށް ލިޔާ ލިޔުމެއްގައި ދައުލަތޭ ބުނުމަކީ ވަރަށްބޮޑު ގޯހެއް. އެނާއަކީ ދައުލަތުގެ ތިން ބާރުގެ ތެރެއިން އެއްބާރުކަމުގައިވާ ސަރުކާރު ހިންގުމުގެ ބާރު. މުޅި ދައުލަތުގެ ހަގީގީ ވެރިންނަކީ ރައްޔިތުން. ސަރުކާރު ހިންގަން ރައްޔިތުން އިންތިޚާބު ކުރި އެންމެ މީހެއްނޫން. އެމީހާ ނިސްބަތްވަނީ ސަރުކާރަށް އެކަނި. ވީމާ ސަރުކާރޭ ބުނަްޖެހޭ ތަންތާނގައި ދައުލަތޭ ބުނުމަކީ ބަހުގެ ކުށެއްގެ އިތުރުން ވަރަށް ބޮޑު އޮޅުވާލުމެއް. ކުރީން އުވިދިޔަ ގާނޫނުއަސާސީގައި "ދައުލަތް" މިބަހުގެ މާނަ ވަރަށް ސާފުކޮށް ބުނެދީފައިވާނެ. ދިވެހި ބަހުގެ ރަދީފުގައި ދައުލަތުގެ ދެވަނަ މާނަ ކަމުގައި ސަރުކާރު ލިޔެފައި އޮތަސް އެއީ ކުށްމާނައެއް. އެހެނީ ދައުލަތުގެ ފުރަތަމަ މާނަ ކަމަށް ބުނެދީފައިވާ ގޮތާއި ދެވަނަ މާނައާއި ފުށުއަރާތީ.ދައުލަތަކީ ސަރުކާރު ސަރުކާރަކީ ދައުލަތޭބުނީމަ ވަރަށް ބޮޑު އޮޅުމެއް އަރާނެ. އެހެނީ އެގޮތަށް މާނަ ކުރަންޏާ ސަރުކާރަކީ ރައީސް ރައީސަކީ ސަރުކާރޭވެސް ބުނެވިދާނެ.