ކ. މާލެ
|
12 އޭޕްރިލް 2018 | ބުރާސްފަތި 11:00
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް
މިހާރު
ސިޔާސީ ޕާޓީތައް
ސިޔާސީ ޕާޓީތަކަށް އަންނަ މަހު ފައިސާ ދޫކުރަނީ
 
ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރުމަށް ފިނޭންސް މިނިސްޓްރީއަށް ފޮނުވާނެ ކަމަށް ވިދާޅުވި

ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޭންޖެހޭ ފައިސާ ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ދޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ 10،000 މެންބަރުން ހަމަވާ ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން އަހަރު ފެށޭތާ ތިން މަސް ތެރޭގައި ސިޔާސީ ޕާޓީތަކަށް އެ ފައިސާ ދީ ނިންމަން ޖެހެއެވެ.

ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރުމާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަންގެ މެންބަރ އަޙްމަދު އަކްރަމް ވިދާޅުވީ، ޤާނޫނުގައި ބުނެފައިވާ މުއްދަތުގެ ތެރޭގައި ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރުމަށް ފިނޭންސް މިނިސްޓްރީއަށް ފޮނުވާނެ ކަމަށެވެ. އަހަރުގެ ފުރަތަމަ ތިން މަސް ދުވަސް ކަމަށް ގާނޫނުގައި ބުނެފައިވާ އިރު އެ މުއްދަތު މާޗް މަހުގެ ނިޔަލަށް ވަނީ ހަމަވެފައެވެ. ނަމަވެސް ސިޔާސީ ޕާޓީތަކާ ބެހޭ ގާނޫނުގެ އެހެން މާއްދާއަކާ ހަވާލާދީ އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ އެ މުއްދަތު ގުނަންޖެހެނީ ބަންދު ދުވަސްތައް ނުލައި ކަމުން ފައިސާ ދޭންޖެހޭ މުއްދަތު ހަމަވާނީ މޭ މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. 

އިލެކްޝަންސް ކޮމިޝަނުން މިދިޔަ އަހަރު ވެސް ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރީ ގާނޫނުގައި ބުނާ މުއްދަތު ފަހަނައަޅާ ގޮސް އެތަށް މަސްތަކެއް ފާއިތުވިފަހުންނެވެ. އެކަމާއި ގުޅިގެން ޕާޓީތައް ހިންގުމަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވެގެން ދިޔަކަން ބޮޑެތި ބައެއް ސިޔާސީ ޕާޓީތަކުން ފާހަގަކުރިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި މިވަގުތު ރަޖިސްޓްރީކޮށްފައި ވަނީ ހަ ސިޔާސީ ޕާޓީއެކެވެ. އެއީ ޕީޕީއެމް އާއި އެމްޑީޕީ، އެމްޑީއޭ، ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީ އަދި ޑީއަރުޕީއެވެ. އިލެކްޝަންސް ކޮމިޝަންގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ދިހަ ހާސް މެންބަރުން ހަމަވަނީ ހަތަރު ޕާޓީއެއްގެވެ. އެއީ ޕީޕީއެމް އާއި އެމްޑީޕީ، އެމްޑީއޭ އަދި ޖުމްހޫރީ ޕާޓީއެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން ކޮންމެ އަހަރެއްގެ ވެސް ދައުލަތުގެ ބަޖެޓުން 0.1 އާއި 0.2 ޕަސެންޓާ ދެމެދުގެ އަދަދެއް ޕާޓީތަކަށް ދޭން ޖެހެއެވެ. ޕާޓީތަކަށް ފައިސާ ބަހަނީ މެންބަރުންގެ ނިސްބަތުންނެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް
12 އޭޕްރިލް 2018 | ބުރާސްފަތި 06:31
ފަސީ
ކޮބާ ޝަރީފޫ އިލެކްޝަން ކޮމިޝަން ސިޔާސީއެއްނުވާނެ ދޯ