ކ. މާލެ
|
11 އޭޕްރިލް 2018 | ބުދަ 17:29
އުއްތަމަ ފަނޑިޔާ އަބްދުﷲ ސައީދު (ވ) އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު
އުއްތަމަ ފަނޑިޔާ އަބްދުﷲ ސައީދު (ވ) އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު
ރާއްޖެ އެމްވީ
ކްރިމިނަލް ކޯޓުގެ އަޑުއެހުން
އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ މައްޗަށް ކުރާ އިތުރު ދައުވާއެއްގެ އަޑުއެހުން މާދަމާ!
 
ޓެރަރިޒަމް ދައުވާގެ ޝަރީއަތް އަދި ނުފަށާ، އެ ޝަރީއަތް ނިމެންދެން ވަނީ ޖަލުގައި ބަންދު ކުރުމަށް އަމުރުކޮށްފައި
 
ތާވަލް ކޮށްފައި ވަނީ 15:00 އަށް
 
ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ދައުވާގެ ފުރަތަމަ އިބްތިދާއީ އަޑުއެހުން

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިިޔާރު އަލީ ހަމީދުގެ މައްޗަށް ދައުލަތުން ކުރާ އިތުރު ދައުވާއެއްގެ ޝަރީއަތުގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު ބޭއްވުމަށް ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފި އެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ، ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ދައުވާގެ ޝަރީއަތުގެ އިބްތިދާއީ ފުރުތަމަ އަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފައި ވަނީ ބުރާސްފަތި ދުވަހުގެ 15:00 އަށެވެ. 

އުއްތަމަ ފަނޑިޔާރު ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް ވަނީ އުފުލާފައެވެ. އޭގެ ތެރެއިން އަދުލްއިންސާފު ގާއިމު ކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާގެ ޝަރީއަތުގެ އިބްތިދާއީ ފުރަތަމަ އަޑުއެހުން އަންގާރަ ދުވަހު ވަނީ ބާއްވާފައެވެ. އެ ދެ ބޭފުޅުންގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މައްޗަށް ވެސް ހަމަ އެއްގަޒިއްޔާއެއްގެ ދަށުން މި ދައުވާ އުފުލާފައި ވެއެވެ. އެދައުވާއާ ގުޅިގެން ގާނޫނީ ވަކީލުން އައްޔަން ކުރެއްވުމަށް އެ ތިން ބޭފުޅުންނަށް 10 ދުވަހުގެ ފުރުސަތެއް ގާޒީ ވަނީ ދެއްވާފައެވެ.

ކުރީގެ ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރު ސައީދު އަދި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ދެން އުފުލާފައި ވަނީ ޓެރެރިޒަމްގެ ދައުވާ އެވެ. މި ދައުވާގެ ޝަރީއަތުގެ އަޑުއެހުންތައް އަދި ނުފަށަ އެވެ.

އެ ތިން ބޭފުޅުން ވެސް ތިއްބެވީ އެ ބޭފުޅުންގެ މައްޗަށް އުފުލާފައިވާ ޓެރެރިޒަމްގެ ދައުވާއާ ގުޅިގެން ޝަރީއަތް ނިމެންދެން ޖަލުގައި ބަންދު ކޮށްފައެވެ. 

މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަކާ ގުޅިގެން، 5 ފެބްރުއަރީގައި ރައީސް އަބްދުﷲ ޔާމީން ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވާފައެވެ. އަދި ހަމަ އެ ރޭ ފުލުހުންނާއި ސިފައިން ވަނީ ކުރީގެ ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށްފައެވެ. 

އުއްތަމަ ފަނޑިޔާރު ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކޮށްފައި ވަނީ ސިފައިންނާއި ފުލުހުން ސުޕްރީމް ކޯޓަށް ގަދަކަމުން ވަދެ، އެ ދެ ބޭފުޅުން އެ ކޯޓުގައި ތިއްބަވަނިކޮށެވެ. 

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކޮށްފައި ވަނިކޮށް، ޖިނާއީ ކުށެއް ސާބިތުވާ ފަނޑިޔާރުން އޮޓަމެޓިކުން މަގާމުން ވަކިވާ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށް ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެމްބަރުން ވަނީ އިސްލާހު ހުށަހަޅުއްވާ އެއިސްލާހު ފާސްކޮށްފައެވެ. ރައީސް ޔާމީން އެ އިސްލާހު ތަސްދީގު ކުރެއްވުމާ އެކު، ޖުޑިޝަލް ސާރވިސް ކޮމިޝަނުން ވަނީ އުއްތަމަ ފަނޑުޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ މުސާރަ ނުހިނގާ ގޮތަށް ސަސްޕެން ކޮށްފައެވެ. އެ އިސްލާހުގައިވާ ގޮތުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ކުށް ސާބިތުވެގެން އިސްތިއުނާފް މަރުހަލާތައް ނިމިއްޖެ ނަމަ، މަޖިލީހުގެ ދައުރެއް ނެތި އޮޓަމެޓިކުން އެ ބޭފުޅުން މަގާމުން ވަކިވާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް