ކ. މާލެ
|
11 އޭޕްރިލް 2018 | ބުދަ 14:26
ފިނޭންސް މިނިސްޓްރީ ބިލްޑިންގ ގެ މަސައްކަތް އިފްތިތާހު ކުރެވުނު ދުވަސް
ފިނޭންސް މިނިސްޓްރީ ބިލްޑިންގ ގެ މަސައްކަތް އިފްތިތާހު ކުރެވުނު ދުވަސް
ރާއްޖެއެމްވީ
ފިނޭންސް މިނިސްޓްރީ ބިލްޑިންގ
ފިނޭންސް މިނިސްޓްރީ ބިލްޑިންގގެ މަސައްކަތް ހުއްޓިފައި
މި މަސައްކަތް 3 މަސް ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ
މިއީ 122 މިލިއަން ޑޮލްަރުގެ މަޝްރޫއު އެއް
ފިނޭންސް މިނިސްޓްރީގެ ބިލްޑިންގ ގެ މަސައްކަތް އެޗްޑީސީއާއި ވަނީ ހަވާލު ކުރެވިފައި

ފިނޭންސް މިނިސްޓްރީގެ ބިލްޑިންގ މަސައްކަތް ހަވާލު ކުރި ގޮތަށް ކުރިއަށް ނުދާކަމަށާއި ކޮންސްޓްރަކްޝަން މަސައްކަތްތައް ހުއްޓިފައިވާ ކަމަށް ރާއްޖެއެމްވީއަށް މައުލޫމާތު ލިބިއްޖެއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފިނޭންސް މިނިސްޓްރީގެ ބިލްޑިންގ ގެ މަސައްކަތުގެ ތެރެއިން ފަށާފައިވަނީ ޕައިލިންގ ގެ މަސައްކަތެވެ. އަދި އެ މަސައްކަތް ވެސް އެއްކޮށް ނުނިމި ހުއްޓިފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ފިނޭންސް މިނިސްޓްރީން މައުލޫމާތު ދިން ފަރާތުން ބުނީ ފިނޭންސް މިނިސްޓްރީގެ ބިލްޑިންގ ކުރިއަށްގެންދަނީ ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ( އެޗްޑީސީ ) ގެ ބެލުމުގެ ދަށުން ކަމަށާއި، މަސައްކަތް އެންމެ ފުރަތަމަ ފްލޭން ކުރެވުނު ގޮތަށް ކުރިއަށް ނުދާ ކަމަށެވެ.

 ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފިނޭންސް މިނިސްޓްރީގެ ބިލްޑިންގ އެޗްޑީސީގެ ބެލުމުގެ ދަށަށް ބަދަލުކޮށް މިހާރު އިމާރާތް ކުރެވެމުންދަނީ އެޗްޑީސީ ޓަވަރުގެ ނަމުގަ އެވެ. އެޗްޑީސީ ޓަވަރުގެ ނަމަށް ބަދަލުކޮށް އިތުރު ފަންގިފިލާއެއްވެސް ވަނީ އިތުރު ކުރެވިފަ އެވެ. އަދި ފައިސާ ދެއްކުމުގެ ހުރިހާ ކަމެއްވެސް ކުރެވިގެންދާނީ އެޗްޑީސީގެ ބެލުމުގެ ދަށުން ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

މިކަމާ ގުޅޭ ގޮތުން މައުލޫމާތު ހޯދުމަށް ފިނޭންސް މިނިސްޓަރ އަހުމަދު މުނައްވަރަށް ތަކުރާރުކޮށް ގުޅާ މެސެޖު ކުރުމުންވެސް ޖަވާބެއް ދެއްވާފައެއް ނުވެއެވެ.

ފިނޭންސް މިނިސްޓްރީގެ ބިލްޑިންގ އަޅަން އެންމެ ފުރަތަމަ އެއްބަސްވެވުނީ އެ މިނިސްޓްރީގެ ގޯތި ތެރޭގައެވެ.  މި މަސައްކަތް ކުރުމަށް ހަވާލު ކުރެވުނީ 2016 ވަނަ އަހަރުގެ މާރޗު މަހުއެވެ.

 ފިނޭންސް މިނިސްޓްރީގެ ބިލްޑިންގ ހަވާލު ކުރެވުނީ މެލޭޝިޔާގެ ކުންފުއްޏެއް ކަމުގައިވާ ޑަބްލިޔް ޒެޑް އާރް ޕްރޮޕަޓީ އަށެވެ. ގާތްގަނޑަކަށް 122 މިލިއަން ޑޮލަރަށް މި މަސައްކަތް ހަވާލު ކުރެވުނު އިރު އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 36 މަސް ދުވަހުގެ ތެރޭގައި ނުވަތަ ތިން އަހަރުގެ ތެރޭގައި ނިންމާ ގޮތަށެވެ. އެހެން ނަމަވެސް ދެ އަހަރު ވެގެން ދިޔަ އިރު ވެސް ޕައިލިންގ މަސައްކަތް ނޫން އިތުރު އެއްވެސް މަސައްކަތެއް ކުރެވޭ މަންޒަރެއް ނުފެނެއެވެ.

އިމާރާތާއި ގުޅޭ ގޮތުން އޭރުގެ ފިނޭންސް މިނިސްޓަރ އަދި މިހާރުގެ ނައިބު ރައީސް އަބްދުﷲ ޖިހާދު ވިދާޅުވީ، މި މަސައްކަތް ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ކުރުމަށް ހަމަޖެހިފައިވާ އިރު ސަރުކާރުން ކުންފުންޏަށް އަނބުރާ ފައިސާ ދައްކާ ހަލާސް ކުރުމަށް 23 އަހަރުގެ ދިގު މުއްދަތެއް ލިބޭނެ ކަމަށެވެ.

އެފައިސާ ސަރުކާރުން އަނބުރާ ދައްކާނީ އިމާރާތުގެ އެކި ފަންގިފިލާތައް އެކި ބޭނުންތައްކަށް ކުއްޔަށްދީގެން ކަމަށާއި ތިން އަހަރުގެ މުއްތަދެއް އިމާރާތް ހެދުމަށް ކަނޑައަޅާފައިވީ ނަމަވެސް އޭގެ މާކުރިން އިމާރާތް ނިންމާލެވޭނެ ކަމަށެވެ.

ގާތްގަނަޑަކަށް 32000 އަކަފޫޓުގެ ބިމެއްގައި އިމާރާތް އެޅުމަށް ހަމަޖެހިފައިވާ އިރު ޖިމް އާއި ރެކްރިއޭޝަން ހޯލުތަކާއި ޝޮޕިން އޭރިއާ އަކާއި ބައްދަލުވުންތަކާއި ސެމިނާތައް ބޭއްވޭ ހޯލުތަކާއި ނަމާދުކުރާ ތަނަކާއި ކެފެޓޭރިއާތަކާއި ފުޑްކޯޓުތަކާއި އިމާރާތުގެ އެންމެ މަތީގައި ގާޑަން ރެސްޓޯރަންޓަކާއި ވެންޑިން މެޝިނާއި އޭޓީއެމް ބެހެއްޓުމަށް ވެސް ވަނީ ނިންމާފައިވެއެވެ.

މީގެ އިތުރުން އިމާރާތަށް ބޭނުންވާ 20 ޕަސެންޓް އިއާދަކުރަނިވި ހަކަތައިން އުފައްދާއިރު 100 ކާރާއި 1500 ސައިކަލް ޕާކު ކުރެވޭނެ ޖާގަ އިމާރާތުގައި ހެދޭނެ ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ހާމަކުރެ އެވެ. އަދި އެ އިމާރާތުގައި 30000 ކިއުބިކް މީޓަރުގެ ފެން ރައްކާކުރެވޭނެ ކަމަށްވެސް އެ މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް