އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީތަކާއެކު، ވަކިވަކިން މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުތައް ގުޅިފައިވާ ޕާޓީތަކުން ބޮއިކޮޓްކޮށްފިއެވެ.
ރިޔާސީ އިންތިހާބާ ގުޅޭ މައުލުމާތުތަކެއް ޕާޓީތަކަށް ހިއްސާކުރުމަށް ކަމަށް ބުނެ، ވަކިވަކިން ޕާޓީތަކާއެކު ބައްދަލުވުންތައް ފަށާ ގޮތަށް އޮތީ މިއަދެވެ. އެ ބައްދަލުވުންތައް ގުޅިފައިވާ ޕާޓީތަކުން ބޮއިކޮޓްކޮށްފައިވާއިރު، އެކަން ރަސްމީކޮށް އިލެކްޝަންސް ކޮމިޝަނަކަށް އަދި ނާންގައެވެ.
ގުޅިފައިވާ ޕާޓީތަކުގެ ފަރާތުން، ޖޭޕީގެ ސެކަރެޓަރީ ޖެނަރަލް އަހުމަދު ސަމީރު "ރާއްޖެއެމްވީ"އަށް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ޕާޓީތަކާ ބައްދަލު ކުރަން އުޅެނީ ޕީޕީއެމަށް މައުލޫމާތުތަކެއް ހޯދައި ދިނުމަށް ކަމަށެވެ. އެގޮތުން ޕާޓީތަކުގެ ގޮފިތަކުގެ މައުލުމާތާއި ގޮފިތަކާ ހަވާލުވެ ތިއްބެވި ބޭފުޅުންގެ މައުލުމާތު ހޯދުމަށް އިލެކްޝަސް ކޮމިޝަނުން ޕާޓީތަކަށް ސިޓީ ފޮނުވާފައިވާ ކަމަށާއި އެ ކޮމިޝަނުން އެ މައުލޫމާތު ހޯދަނީ ރިޔާސީ އިންތިހާބަށް ޕީޕީއެމަށް ބޭނުންވާ މައުލުމާތު އެއްކުރުމަށް ކަމަށް ސަމީރު ވިދާޅުވިއެވެ.

އޭނާ ތުހުމަތު ކުރެއްވި ގޮތުގައި އިލެކްޝަނަސް ކޮމިޝަންގައި ތިއްބެވީ ޕީޕީއެމަށް ވާގިވެރިވާ ބައެކެވެ. އެ ކޮމިޝަންގައި މިހާރު ތިއްބެވި މެމްބަރުންނާއެކު އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ ކަމަށާއި ގުޅިފައިވާ ޕާޓީތަކުން އިންތިހާބަކަށް ދަނީ އިލެކްޝަންސް ކޮމިޝަން މިނިވަން ކުރުމަށްފަހުގައި ކަމަށް ސަމީރު ވިދާޅުވިއެވެ.
ސަމީރު ކުރެއްވި ތުހުމަތުތަކާ ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް "ރާއްޖެއެމްވީ"އަށް ވިދާޅުވީ އިދިކޮޅު ޕާޓީތަކުން އިލެކްޝަންސް ކޮމިޝަނާ ބައްދަލު ނުކުރަން ނިންމިކަން ރަސްމީކޮށް އަންގާފައި ނުވާ ކަމަށެވެ. މިހާރު ވެސް ޝެޑިއުލްކޮށްފައިވާ ގޮތަށް ޕާޓީތަކާއެކު ބާއްވާ ބައްދަލުވުންތައް ކުރިއަށްދާނެ ކަމަށް އަކްރަމް ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނުން ޕީޕީއެމަށް މައުލޫމާތުތަކެއް ހޯދައި ދިނުމަށް މަސައްކަތް ކުރާ ކަމަށް ސަމީރު ކުރެއްވި ތުހުމަތާ ގުޅިގެން، އަކްރަމް ވިދާޅުވީ ޕާޓީތަކުން މައުލޫމާތެއް ހޯދަން އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ނުކުރާ ކަމަށެވެ. އިލެކްޝަންސް ކޮމިޝަނުން ބޭނުންވަނީ ޕާޓީތަކަށް މައުލޫމާތު ދޭން ކަމަށާއި އެގޮތުން ޕާޓީތައް ރެގިއުލޭޓް ކުރުމާއި ރިޔާސީ އިންތިޚާބާ ގުޅޭ މައުލޫމާތު ޕާޓީތަކާ ހިއްސާ ކުރުމަށް ބޭނުންވާ ކަމަށް އަކްރަމް ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ޕާޓީތަކާ ބައްދަލު ކުރަން ކުރިން ނިންމާފައި އޮތީ، މިދިޔަ ބުރާސްފަތި ދުވަހުއެވެ. ނަމަވެސް އެ ބައްދަލުވުން ކެންސަލް ކުރުމަށްފަހު އިލެކްޝަންސް ކޮމިޝަނުން ނިންމީ، ވަކިވަކިން ޕާޓީތަކާ ބައްދަލު ކުރުމަށެވެ.