ސުޕްރީމް ކޯޓްގެ ހުކުމް ތަންފީޒުނުކޮށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އަލީ ހަމީދުގެ މައްޗަށް އުފުލާފައިވާ ދައުވާއެއްގެ އިބްތިދާއީ އަޑުއެހުން އަންގާރަ ދުވަހަށް ތާވަލުކޮށްފިއެވެ.
ސުވާލު އުފެދޭ ގޮތަށް އިއުލާނުކުރި ކުއްލި ހާލަތުގެ ދަށުން މި ތިން ބޭފުޅުން ހައްޔަރުކޮށްފައިވާއިރު، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށްފައި ވަނީ ގާނޫނުގައި ބުނެފައިވާ އިޖުރާއަތްތަކާ ހިލާފަށެވެ. ސުޕްރީމް ކޯޓްގެ ފަނޑިޔާރަކު ހައްޔަރުކުރެވޭނީ، އެ ކޯޓްގައި ދެން ތިއްބެވި ފަނޑިޔާރުންގެ އަގުލަބިއްޔަތުން ނިންމައިގެންނެވެ.
މިފަދަ ގާނޫނާ ހިލާފު އިޖުރާއަތްތަކެއް ހިންގާފައިވާއިރު، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު އަދި ކުރީގެ ރައީސް މައުމޫންގެ މައްޗަށް އުފުލާފައިވާ އަދުލްއިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާއާއި ގުޅިގެން ބާއްވާ ފުރަތަމަ އިބްތިދާއީ އަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފައި ވަނީ އަންގާރަ ދުވަހުގެ 15:00 އަށެވެ.
މި ތިން ބޭފުޅުންގެ މަށްޗަށް ދައުވާ އުފުލާފައި ވަނީ އެއް ގަޒިއްޔާއެއްގެ ދަށުން ނެވެ.
ރައީސް މައުމޫންއާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް މައްޗަށް އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅުމުގެ ދައުވާ ކުރަނީ އެ ތިން ބޭފުޅުންގެ މައްޗަށް ފުލުހުން ކުރާ ތުހުމަތުތަކާއި ގުޅިގެން ހެކި ނައްތާލަން އުޅުއްވުމުގެ ކުށުގެ ދައުވާ އެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އެ ތިން ބޭފުޅުން ހައްޔަރު ކުރުމަށްފަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވަނީ އެ ތިން ބޭފުޅުންގެ މައްޗަށް ފުލުހުން ތަހުގީގުކުރި މައްސަލަތަކުގެ ހެކިތަކެއް އެ ތިން ބޭފުޅުންގެ ފޯނުގައި ހުރި ކަމަށް ތަހުގީގަށް ފާހަގަ ކުރެވިގެން މޯބައިލް ފޯނު ދޭން އެންގުމުން މޯބައިލް ފޯނު ދީފައި ނުވާ ކަމަށާއި ފޯނު އޮތް ތަނެއް ބުނެދީފައި ނުވާ ކަމަށް ވިދާޅުވެފަ އެވެ.
މި މައްސަލާގައި އެ ތިން ބޭފުލުންގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަރަށް ފޮނުއްވާނެ ކަމަށްވެސް ޝިފާނު ވިދާޅުވި އެވެ.