ތިނަދޫ އައިސް ޕްލާންޓުން މަސްވެރިންނަށް އައިސް ނުލިބޭތީ، މަސްވެރިން އިހުތިޖާޖްކޮށްފި އެވެ.
އާދިއްތަ ދުވަހުގެ ރޭ މަސްވެރިން އިހުތިޖާޖްކޮށްފައިވަނީ ކުއްލި ގޮތަކަށް ދޯނިތަކަށް އައިސް ދޫކުރާ އުސޫލަށް ބަދަލުތަކެއް ގެނެސް، އައިސް ދޫނުކުރުމަށް ނިންމުމުގެ ސަބަބުންނެވެ.
ރާއްޖެ.އެމްވީއަށް މައުލޫމާތު ދިން މަސްވެރިޔަކު ބުނީ ހަމައެކަނި އައިސް ދޫކުރާނީ މަސް ހިފައިގެން އަންނަ ދޯނިތަކަށް ކަމަށް ތިނަދޫ އައިސް ޕްލާންޓް ހިންގުމާއި ހަވާލުވެ ހުންނަ ފަރާތުން ބުނި ކަމަށެވެ. ނަމަވެސް މަސް ނުބާނައި އައި ދޯންޏަކަށް އައިސް ދޫކުރިކަމަށާއި، އެ ދޯނިތަކަށް އައިސް ދުކުރީ "މަތިން އެންގުމުން" ކަމަށް ބުނި ކަމަށެވެ. އެ ދޯންޏަށް އައިސް ދޫކުރިއިރުވެސް އައިސް ހޯދުމަށް ހައެއްކަ ދޯނި އޮތް ކަމަށް ރާއްޖެ އެމްވީއާ ވާހަކަ ދެއްކި މީހާ ބުންޏެވެ.
އެ މަސްވެރިޔާ ބުނި ގޮތުގައި އެގޮތަށް ކަންތައް ކުރަމުންގެންދަނީ މަސްވެރިން ބާނާ މަސްތައް ނުކުރޭތީވެ، މަސްވެރިންނަށް އުދަނގޫކުރުމުގެ ގޮތުންނެވެ.
"މަސްވެރިންގެންދާ މަސްކޮޅު ނުކިރި، އެކަން މީޑިއާގެ ސަމާލުކަމަށް އައުމުން، މަސްވެރިންނަށް އެހެން ގޮތްގޮތުން އުދަނގޫކުރުމަށްކުރާ ކަމެއް މިއީ" އޭނާ ބުންޏެވެ.
މަސްވެރިން އިހުތިޖާޖްކުރުމުން ވަނީ އައިސް، ދޫނިތަކަށް ވަކި ވަރަކަށް އައިސް ދޫކުރި އެވެ.
މިކަމާ ގުޅޭ ގޮތުން ތިނަދޫ އައިސް ޕްލާންޓް ހިންގާ ފަރާތުގެ ބަހެއް ނުލިބުނެވެ.