ކ. މާލެ
|
9 އޭޕްރިލް 2018 | ހޯމަ 03:14
ރާއްޖެއަށް އިންޑިއާއިން ދީފައިވާ ހެލިކޮޕްޓަރެއް: ގިނައިން ބޭނުންކުރަނީ ބަލި މީހުން އުފުލަން
ރާއްޖެއަށް އިންޑިއާއިން ދީފައިވާ ހެލިކޮޕްޓަރެއް: ގިނައިން ބޭނުންކުރަނީ ބަލި މީހުން އުފުލަން
އެމްއެންޑީއެފް
ރާއްޖެ - އިންޑިއާ
އިންޑިއާއިން ޑޯނިއާ މަތިންދާބޯޓެއް ދޭން ހުށަހެޅި، ރައީސް ޔާމީންގެ ސަރުކާރުން ބަލައިނުގަތީ!
ލެޓަރ އޮފް އެކްސްޗޭންޖް ދިވެހި ސަރުކާރަށް 2016 ވަނަ އަހަރު ފޮނުވާފައިވޭ
ދެވަނަ ހެލިކޮޕްޓަރުގެ ލެޓަރ އޮފް އެކްސްޗޭންޖްގެ މުއްދަތު މިމަހު ހަމަވާނެ
އިންޑިއާއިން ތުހުމަތުކުރަނީ ޗައިނާގެ އަތެއް ވާކަމަށް

އިންޑިއާއިން ޑޯނިއާ މަތިންދާބޯޓެއް ދޭން ރާއްޖެއަށް ހުށަހެޅިކަމަށާއި، އެކަމަށް ބޭނުންވާ ލެޓަރ އޮފް އެކްސްޗޭންޖްގެ މަސައްކަތް ކުރިއަށް ނުގޮސްގެން އުޅެނީ ރައީސް ޔާމީންގެ ސަރުކާރުން އެކްސެޕްޓެންސް ލެޓަރ ނުފޮނުވައިގެންކަމަށް އިންޑިއާގެ ކެބިނެޓް އޮފީސް، ސައުތު ބްލޮކާއި ހަވާލާދީ ޓައިމްސް އޮފް އިންޑިއާއިން ބުނެފިއެވެ.

ޓައިމްސް އޮފް އިންޑިއާގައި ސައުތު ބްލޮކްގެ މަސްދަރަކާއި ހަވާލާދީ ބުނެފައިވަނީ ލެޓަރ އޮފް އެކްސްޗޭންޖް ދިވެހި ސަރުކާރަށް 2016 ވަނަ އަހަރު ފޮނުވާފައިވާކަމަށާއި، ޑޯނިއަރ އެއަރކްރާފްޓް މާލެ ގެންނަން ކުރަން ޖެހޭ މަސައްކަތްތައް ނުކުރެވި 2 އަހަރު ވެގެން ދިޔައީ ރައީސް ޔާމީންގެ ސަރުކާރުން އެކަން ކުރަން ބޭނުން ނުވެގެންކަމަށެވެ. 

ޑޯނިއަރ އެއަރކްރާފްޓްގެ މައްސަލަ ބޮޑުވެގެން މިދިޔައީ ދިވެހިރާއްޖެއަށް އިންޑިއާއިން ދީފައި އޮންނަ 2 ހެލިކޮޕްޓަރުގެ ތެރެއިން އެއް ހެލިކޮޕްޓަރު ފޮނުވާލަން ނިންމާފައިވާ މައްސަލައާއިއެކުގައެވެ. ދިވެހި ސަރުކާރުން ބުނީ އިންޑިއާގެ ކިބައިން އެދުނީ ޑޯނިއާ މަތިންދާބޯޓެއް ދިނުމަށްކަމަށާއި، އެހެންނަމަވެސް އެޤައުމުން ދިނީ ހެލިކޮޕްޓަރެއްކަމަށެވެ. 

އިންޑިއާގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި މިއީ އިންޑިއާއިން ދީފައިވާ ހެލިކޮޕްޓަރުތައް ފޮނުވާލުމަށް ދިވެހި ސަރުކާރުން ދައްކާ ތާކުންތާކު ނުޖެހޭ ހުއްޖަތްތަކެކެވެ. އައްޑޫގައި އޮންނަ ހެލިކޮޕްޓަރުގެ އިތުރުން ލ ކައްދޫގައި ހުންނަ އިސްކަންދަރު ވައިގެ ބަނދަރުގައި އޮންނަ ހެލިކޮޕްޓަރުގެ ލެޓަރ އޮފް އެކްސްޗޭންޖްގެ މުއްދަތު އިތުރުކުރުމަށް އިންޑިއާއިން ކުރިއާލައި ދިވެހި ސަރުކާރަށް ހުށަހެޅިނަމަވެސް، އެއަށްވެސް ދިވެހި ސަރުކާރުން އިޖާބަ ދީފައެއް ނުވެއެވެ. 

ޓައިމްސް އޮފް އިންޑިއާއިން އިންޑިއާގެ މަސްދަރުތަކާއި ހަވާލާދީ ބުނެފައިވަނީ ކައްދޫގައި އޮންނަ ހެލިކޮޕްޓަރުގެ ލެޓަރ އޮފް އެކްސްޗޭންޖްގެ މުއްދަތު މިމަހުގެ ނިޔަަލަށް ހަމަވާނެއެވެ. އަދި ލެޓަރ އޮފް އެކްސްޗޭންޖްގެ މުއްދަތު އިތުރުކުރުމަށް އިންޑިއާއިން ވަނީ މިދިޔަ މަހު ހުށަހަޅާފައެވެ. 

އިންޑިއާގެ އޮފިޝަލުން ވިދާޅުވީ ދިވެހި ސަރުކާރުގެ ދެފުށް ނުފެންނަ ސިޔާސަތުގެ ސަބަބުންނާއި އިޚްލާސްތެރިކަމެއް ނެތުމުގެ ސަބަބުން ފާއިތުވި ފަންސާހަކަށް އަހަރުތެރޭ ދެޤައުމުގެ މެދުގައި ޤާއިމްކުރެވުނު ގާތް ގުޅުން މިހާރުވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. 

ދެކުނުގެ އަތޮޅުތަކުގައި އިންޑިއާއިން ދިން ހެލިކޮޕްޓަރުތައް ބަހައްޓާފައިވާއިރު، މިއީ ސްޓްރެޓީޖިކަލީ މުހިއްމު އަތޮޅުތަކަކަށްވެފައި، ފޯޅަވައްސާއި ގާތް އަތޮޅުތަކެއްކަން އިންޑިއާގެ އޮފިޝަލުން ފާހަގަކުރެއްވިއެވެ. އަދި އިންޑިއާގެ ހެލިކޮޕްޓަރުތައް ފޮނުވާލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ޗައިނާގެ އަތެއް ވާކަމަށް ޓައިމްސް އޮފް އިންޑިއާ އާއި ވާހަކަ ދެއްކެވި އޮފިޝަލް ތުހުމަތުކުރެއްވިއެވެ.

ރާއްޖެއިން ޗައިނާއާއި ޕާކިސްތާނާއި ގާތް ގުޅުމެއް ބާއްވަމުންދާއިރު، މި ދެ ޤައުމަކީ އިންޑިއާގެ އެންމެ ބޮޑެތި ހަތުރުންނެވެ. އަދި ރާއްޖެއިން ދެކުނުގައި އޮންނަ ފޯޅަވަހީގެ ޑިއޭގޯ ގާސިއާގައި އެމެރިކާގެ އަސްކަރީ ބޭސްއެއް ޤާއިމްކޮށްފައިވާއިރު، ދެކުނުގެ ހިސާބުތަކަށް ޗައިނާގެ ނުފޫޒު ފޯރައިފިނަމަ އެކަމުގައި އެމެރިކާ ކަންބޮޑުވާ ކަންތައްތަކެއް ހުރެދާނެކަން މުހައްލިލުން ފާހަގަކުރެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް