ރިޝްވަތާއި ކޮރަޕްޝަނާ ދެކޮޅަށް ދައުލަތުގެ މުވައްސަސާތަކާ ގުޅިގެން މަސައްކަތްކުރާ ބަޔަކަށް ގާނޫނީ ވަކީލުވުން ވުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފު ގޮވާލައްވައިފި އެވެ.
އަލަށް ގާނޫނީ ވަކީލުންނަށްވި ފަރާތްތަކަށް ވަކީލުންގެ ހަސިއްޔަތުން ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ ދިނުމަށް ދަރުބާރުގޭގައި އާދިއްތަ ދުވަހުގެ ރޭ ބޭއްވި ރަސްމިޔާތުގައި ވާހަކަ ދައްކަވަމުން ފަނޑިޔާރު އަރީފު ވަނީ ވަކީލުންގެ ކިބައިގައި ހުންނަން ޖެހޭނެ ސިފަތަކާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ.
"މުވައްކިލުން އަތުން އެކަށީގެންނުވާ ފީ އަތުލުން ފަދަ ކަންކަމުން ދުރުހެލިވާން ވާނެ. މުޖުތައުމުގެ އެންމެހާ މެމްބަރުންނަށް އަދުލު އިންސާފަށް ވާސިލް ވެވުނުކަން ކަށަވަރުކޮށްދީ ފަސޭހަކޮށްދިނުމުގައި ކުރެވޭ މަސައްކަތުގައި އިސްނަގައި ގާނޫނީ ވަކީލުން ބައިވެރިވެވަޑައިގަންނަވަން ވާނެ." ފަނޑިޔާރު ވިދާޅުވި އެވެ.

ވަކީލުން އެންމެ އިސްކަމެއް ދޭން ޖެހޭ ކަމަކީ ސުލޫކީ މިންގަނޑުތަކަށް ތަބާވުން ކަމަށާއި ގާނޫނީ ވަކީލުންގެ އާންމު ދިރިއުޅުމުގައިވެސް އެމީހެއްގެ ކިބައިން ހިދުމަތެއް ހޯދަން އަންނަ މީހުންނާ ރިވެތި ގޮތުގައި މުއާމަލާތް ކުރުމަށް ފަނޑިޔާރު ނަސޭހަތްތެރިވެވަޑައިގެންނެވި އެވެ.
"ހަސްމެއްގެ ފަރާތުން ކޯޓުގައި ވަކާލާތު ކުރުމުގައިވެސް އަދި އެހެނިހެން ކަން ކަމުގައިވެސް ސުލޫކީ މިންގަނޑަށް ފުރިހަމައަށް އިހްތިރާމް ކުރުން ވަރަށް މުހިންމު. ގާނޫނީ ވަކީލުން މަސައްކަތް ކުރަންވާނީ މިނިވަން އަދި މުސްތަގިއްލު ޕްރޮފެޝަނެއްގެ ގޮތުގައި. ގާނޫނީ ވަކީލުން އެމީހުންގެ ޕްރޮފެޝަން ވެއްޓޭކަހަލަ އަދި އިތުބާރު ގެއްލޭފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެ." އަރީފު ވިދާޅުވި އެވެ.
މީގެ އިތުރުން ޝަރުއީ ނިޒާމުން ރައްޔިތުންނަށް އަދުލު އިންސާފު ގާއިމު ކޮށްދިނުމަށް ކުރާ މަސައްކަތުގައި ގާނޫނީ ވަކީލުންނަކީ ކޯޓުތަކާއި ގުޅިގެން ހުތޫރަތްތެރި މަސައްކަތްތަކެއް ކުރައްވަން ޖެހޭ ބައެއް ކަމަށް އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ. ހަމަ އެހެންމެ އޭނާގެ މުވައްކިލު ސަލާމަތްކޮށްދިނުމުގެ ބޭނުމުގައި ބޮޑެތި ކުށްތައް ކޮށްފައި ތިބޭ ފަރާތްތަކުގެ ދިފާއުގައި ހަގީގަތާ ހިލާފަށް ވަކީލުން މަސައްކަތް ކޮށްގެން ނުވާނެކަމަށްވެސް ވިދާޅުވި އެވެ. ވަކީލެއްގެ ގޮތުގައި މީހަކަށް މަސައްކަތްކޮށްދޭއިރު އަމާނަތްތެރިވެ ވަކީލެއްގެ ދައުރު އަދާކޮށްދިނުމުގައި އިހްލާސްތެރިވުމަށްވެސް ފަނޑިޔާރު ނަސޭހަތްތެރިވެވަޑައިގެންނެވި އެވެ.