ކ. މާލެ
|
9 އޭޕްރިލް 2018 | ހޯމަ 05:10
ގަނޫނީ ވަކީލުން ހުވާ ކުރުމަށް ބޭއްވި ރަސްމިޔާތުގައި ބަންޑާރަ ނައިބު މުހައްމަދު އަނިލް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ބައިވެރިވެވަޑައިގެން
ގަނޫނީ ވަކީލުން ހުވާ ކުރުމަށް ބޭއްވި ރަސްމިޔާތުގައި ބަންޑާރަ ނައިބު މުހައްމަދު އަނިލް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ބައިވެރިވެވަޑައިގެން
މުހައްމަދު ޝަރުހާން
ބާ ކައުންސިލް
ގާނޫނީ ވަކީލުން ރެގިއުލޭޓްކުރަން ރާއްޖޭގައި ބާ ކައުންސިލެއް އުފައްދަނީ
ގާނޫނީ ވަކީލުންނާ ބެހޭ ގާނޫނެއް ގެނައުމަށް މަސައްކަތްކުރާތާ ދެތިން އަހަރު ވެއްޖެ
މިބުރުގައި 175 މީހުނަށް ވަކީލުކަމުގެ ހުއްދަ ލިބުނު
ވަކީލުންގެ ހުއްދަ ލިބޭ ގޮތްތަކަށް ބަދަލު ގެންނަން ޖެހޭ ކަމަށް ވިދާޅުވި

ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުކޮށްފައިވާ ގާނޫނީ ވަކީލުންނާއި ބެހޭ ފަންނުގެ ބިލް ފަރުމާ ކުރެވިފައި އޮތީ "ބަރ ކައުންސިލް" ބެލުމުގެ ދަށުން ގާނޫނީ ވަކީލުންގެ މަސައްކަތް ހިންގާ ގޮތަށް ކަމަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވެއްޖެ އެވެ.

އަލަށް ގާނޫނީ ވަކީލުންނަށްވި ފަރާތްތަކަށް ވަކީލުންގެ ހަސިއްޔަތުން ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ ދިނުމަށް ދަރުބާރުގޭގައި އާދިއްތަ ދުވަހުގެ ރޭ ބޭއްވި ރަސްމިޔާތުގައި ވާހަކަ ދައްކަވަމުން ބަންޑާރަ ނައިބު އަނިލް ވިދާޅުވީ ގާނޫނީ ފަންނުގެ ބިލެއް އެކުލުވާލުމުގެ މަސައްކަތްކުރާތާ ދެތިން އަހަރުވެއްޖެ ކަމަށާއި އެކަން އެކި ސަބަބުތަކާ ހުރެ މިހާތަނަށްވެސް އޮތީ ކާމިޔާބުވާ ގޮތެއް ނުވެފަ ކަމަށެވެ.

އަނިލް ވިދާޅުވީ ދުނިޔޭގެ ގިނަ ގައުމުތަކުގައި ގާނޫނީ ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރުމަކީ ގާނޫނީ ވަކީލަކަށް ވެވޭ ސަބަބެއް ނޫން ކަމަށާއި އެ ބަދަލުތައް މިހާރުވެސް ރާއްޖޭގައިވެސް އަންނަމުންދާ ކަމަށެވެ. އަދި ދުނިޔޭގެ އެހެން ގައުމުތަކުގައިހެން ގާނޫނީ ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރުމަށްފަހު އިތުރު އިމްތިހާނުތައް ހެދުމަށްފަހު ވަކީލުންގެ ހުއްދަ ދޭ ގޮތައް ބަދަލުވެގެންދާނެކަމީ ޝައްކެތް އޮތް ކަމެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ. އަދި އެފަދަ ބޮޑެތި ބަދަލުތަކެއް "ގާނޫނީ ފަންނު"ގެ ބިލް ގާނޫނަކަށް ވުމުން އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން އަނިލް ވަނީ ގާނޫނީ ދާއިރާއިން މަތީ ތައުލީމް ހާސިލް ކޮށްފައިވާ ފަރާތްތަކުން އެކި އެހެނިހެން ދާއިރާތަކުގައިވެސް މަސައްކަތް ކުރެއްވުމަށް ނަސޭހަތްތެރިވެވަޑައިގެންފަ އެވެ.

ގާނޫނީ ދާއިރާއިން މަތީ ތައުލީމް ހާސިލް ކޮށްފައިވާ މީހުން ގިނަ ވަގުތެއްގައި ވަޒީފާއަށް ކުރިމަތިލާއިރު ތަޖުރިބާ އިތުރުކުރުމަށްޓަކައި ލިބިފައިވާ ފަންނުގެ ބޭނުން ކޮށްގެން ހިލޭ ސާބަހަށްވެސް އެކި ދާއިރާތަކަށް ހިދުމަތްކުރުމަކީ މުހިންމު ކަމެއް ގޮތުގައި އަނިލް ފާހަގަ ކުރެއްވި އެވެ.

މި ރަސްމިޔާތުގައި 175 ފަރާތަކަށް ގާނޫނީ ވަކީލެއްގެ ގޮތުގައި ވަކާލާތު ކުރުމުގެ ހައްގު ވަނީ ލިބިގެން ގޮސްފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް