ސަރުކާރު ވައްޓާލަން އުޅުމާއި ރިޝްވަތުގެ ތުހުމަތުގައި ހައްޔަރުކޮށް، މާފުށީ ޖަލުގައި ބަންދުކޮށްފައިވާ ފަރާތްތަކާއި އާއިލާތަކަށް ބައްދަލުކުރެވޭނީ މަހަކު އެއް ފަހަރުކަމަށް އާއިލާތަކަށް އަންގައިފިއެވެ.
ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފިރިކަލުން މުހައްމަދު ނަދީމާ މީގެ ފަހުން ބައްދަލުކުރެވޭނީ މަހަކު އެއް ފަހަރު ކަމަށް ކަރެކްޝަނަލް ސަރވިސްއިން އަންގާފައިވާކަމަށެވެ. އަދި ކަރެކްޝަންސްއިން އެހެން އެންގުމާއި ގުޅިގެން ޔުމްނާއަށް ދެން ނަދީމާއި ބައްދަލުކުރެވޭނީ އަންނަ މެއި މަހުކަމަށް ފާހަގަކުރެއްވިއެވެ. ޔުމްނާ ވިދާޅުވީ އާއިލާއިން ތިބީ ނަދީމާއި ދެން ބައްދަލުކުރެވޭނެ ފަހަރެއްގެ އިންތިޒާރުގައިކަމަށެވެ. އަދި މީގެ އިތުރުން އަންހެން ދަރިފުޅު ކައިރީގައި ބުނާނީ ކީކޭތޯއާއި، ނަދީމާއި މެދު އެގޮތަށް ކަންތައް ކުރަނީ ކީއްވެގެންތޯ ސަުވާލުކުރެއްވިއެވެ.
Been informed by @Corrections_Mv today that family will only be able to visit @MNadhym once a month from now. So I will not be able to see him till May. We were so looking forward to seeing him. What do I tell my daughter? 1/2 @hrcmv @UNHumanRights @Amnesty pic.twitter.com/cimcUrrwMK
— Yumna Maumoon (@yumna_maumoon) April 8, 2018
ކަރެކްޝަންސްގެ އެންގުމުގެ ވާހަކަ ޔުމްނާ ޓްވީޓްކުރެއްވި އިރު، ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން ހައްޔަރުކޮށް، ފަހުން ޝަރީޢަތް ނިމެންދެން ބަންދުގެ މުއްދަތު ޖަހާފައިވާ އެހެން ބޭފުޅުންގެ އާއިލާތަކަށްވެސް އެގޮތަށް އަންގާފައިވާކަމަށް މައުލޫމާތު ލިބެއެވެ. މިކަމާއި ގުޅޭ ގޮތުން ކަރެކްޝަންސްގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.
ޔުމްނާގެ ފިރިކަލުން ނަދީމްގެ އިތުރުން ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމާއި، ކޮއްކޮ ފާރިސް މައުމޫންވެސް ވީ ހައްޔަރުކޮށް، ބަންދުކޮށްފައެވެ.
ޤަވާޢިދު ބުނާ ގޮތުން މަހަކު މަދުވެގެން އެއް އާއިލީ ބައްދަލުވުން ޤައިދީންނާއި ބަންދުގައި ތިބޭ ފަރާތްތަކަށް ދޭން ޖެހެއެވެ. އެހެން ނަމަވެސް މީގެ ކުރިން އަމަލު ކުރަމުން އަންނަ އުޞޫލަކީ ހަފްތާއަކު އެއް ފަހަރު ބައްދަލުވުން ދިނުމެވެ. މިއުޞޫލަށް ހަރުކަށި ބަދަލެއް ގެނައީ ކީއްވެގެންކަމެއް ކަރެކްޝަންސްއިން ހާމަަކޮށްފައެއް ނުވެއެވެ.
ސިޔާސީ ފަރާތްތަކަށް އާއިލީ ބައްދަލުވުންތައް ލިބޭނީ މަހަކު އެއްފަހަރުކަމަށް އަންގަމުންދާއިރު، އެބޭފުޅުންގެ ޤާނޫނީ ވަކީލުންވެސް ގެންދަވަނީ އެބޭފުޅުންނާއި ބައްދަލުކުރުމުގައި ބޮޑެތި ދަތިތަކެއް ސަރުކާރުން ކުރިމަތިކުރަމުންދާކަމަށް ބުނަމުންނެވެ. އެގޮތުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސަޢީދުގެ ޤާނޫނީ ވަކީލް ހިސާން ހުސައިން ވަނީ އެމަނިކުފާނާއި ބައްދަލުނުވާތާ ހަފްތާއަކަށްވުރެ ގިނަ ދުވަސްވެފައިވާކަން ފާހަގަކޮށް، ކަންބޮޑުވުން ފާޅުކުރައްވާފައެވެ.