ކ. މާލެ
|
8 އޭޕްރިލް 2018 | އާދީއްތަ 17:39
ކެމިކަލްގެ އަސަރުކުރި ކުޑަ ކުއްޖަކަށް ފަރުވާދެނީ
ކެމިކަލްގެ އަސަރުކުރި ކުޑަ ކުއްޖަކަށް ފަރުވާދެނީ
ބީބީސީ
ސޫރިޔާ ކެމިކަލް ހަމަލާ
ސޫރިޔާގައި ދިން ކެމިކަލް ހަމަލާ ދިވެހިރާއްޖެއިން ކުށްވެރިކޮށްފި
ސަތޭކައެއްހާ މީހުން މަރުވި
ގިނަ އަދަދެއްގެ ކުޑަކުދިން މަރުވި

ސޫރިޔާގެ އިރުމަތީ ޣޫތާ ހިފުމަށް ރައީސް ބައްޝާރުލް އައްސަދުގެ ސިފައިން ކުރަމުންދާ ހަނގުރާމައިގައި، އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި އޮތް ހަމައެކަނި އަވަށް ކަމަށްވާ ދޫމާގައި ހޮނިހިރު ދުވަހު ދިން ކެމިކަލް ޙަމަލާ ދިވެހިރާއްޖެއިން ކުށްވެރިކޮށްފިއެވެ.

ފޮރިން މިނިސްޓްރީއިން ކުރި ޓްވީޓެއްގައި ބުނީ އިރުމަތީ ޣޫތާގައި ދިން ކެމިކަލް ޙަމަލާ ހަރުކަށި އިބާރާތުން ދިވެހި ސަރުކާރުން ކުށްވެރި ކުރާކަމަށެވެ. އަދި މިފަދަ އަމަލުތައް ހުއްޓުވައި، އަމާންކަމާއި އެންމެންނަށް ސަލާމަތްތެރިކަން ޤާއިމްކޮށްދިނުމަށް ބައިނަލްއަޤްވާމީ މުޖްތަމައުން ކުރަމުންދާ މަސައްކަތުގައި ދިވެހި ރާއްޖެއިން ބައިވެރިވާ ކަމަށްވެސް ފޮރިން މިނިސްޓްރީއިން ބުނެފައިވެއެވެ.

ކެމިކަލް ހަމަލާގެ ސަބަބުން 100 އާއި ގާތްކުރާ އަދަދަކަށް މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މި ހަމަލާގެ ވާހަކަ މީޑިއާގައި އާއްމުވުމުން ސޫރިޔާގެ ސަރުކާރުން ބުނީ އެއީ ދޮގު ވާހަކަތަކެއް ކަމަށެވެ. އެހެން ނަމަވެސް ކެމިކަލް ހަމަލާއެއް ދިނުމުން ފެންނަ އަލާމާތްތަކެއް ފެނިގެން ގިނަ ބަޔަކަށް ހޮސްޕިޓަލްތަކުގައި ފަރުވާދޭ މަންޒަރުތައް މީޑިއާގައި ވަނީ އާއްމުވެފައެވެ. މީގެ އިތުރުން ގިނަ ބަޔަކު އެމީހުންގެ ގޭގޭގައި މަރުވެފައި ތިއްބާ ފެންނަ މަންޒަރުތައް އާއްމުވެފައިވާއިރު، ތަޖުރިބާކާރުން ބުނަނީ އެމީހުން މަރުވެފައިވަނީ ކެމިކަލް ހަމަލާއެއްގެ ސަބަބުން ކަމަށެވެ.

ބަޔޮލޮޖިކަލް އަދި ކެމިކަލް ހަތިޔާރު ބޭނުންކޮށްގެން ހަަމަލާދިނުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތައް މަނާކުރާކަމެކެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް