މަސްވެރިން ބާނާ މަސްކޮޅު އޭގެ ހަމަ އަގުގައި ކިރުވައިލެވޭނެ އިންތިޒާމު ހަމަ ޖެއްސުމަކީ ހަގީގީ ތަރައްގީ ހޯދޭ ގޮތް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އާދިއްތަ ދުވަހު ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދު މަސްވެެރިކަން ރަނގަޅު ކަމަށެވެ. މަސްވެރިން ބާނާ މަސްކޮޅު އޭގެ ހަމަ އަގުގައި ކިރުވައިލެވޭނެ އިންތިޒާމު ހަމަ ޖެއްސުމަކީ ހަގީގީ ތަރައްގީ ހޯދޭ ގޮތް ކަމަށެވެ. މާލެ ފުރެންދެން ކޮންކްރީޓް އެޅުމަކީ ތަރައްގީ އަށް އެޅޭ ހުރަހެއް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
Miadhu Raajje ah masverikan varah ran’galhu. Masverin baanaa maskolhu eyege hama aguga kiraaleveyne inthizaam hamajessumakee haqeeqee tharahgee hoadhey goiy. Male’ furendhen concrete elhumakee tharahgee ah elhey huraheh
— Mohamed Nasheed (@MohamedNasheed) April 8, 2018
ރައީސް ނަޝީދު އެެގޮތަށް ވިދާޅުވިއިރު، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވަނީ މަސްގަންނަ އަގު ކުޑަ ކޮށްފަ އެވެ. އަދި މިދިޔަ އަހަރު މަސްވެރިކަން ރަނގަޅު ވެގެންދިޔަ ދުވަސްވަރު، މިފްކޯއަށް މަސްނުކިރި މަސްތައް ކަނޑަން އަޅަން ޖެހުނެވެ.
މަސް ފިނިކުރެވޭނެ ނިޒާމެއް ނެތިގެން، މިފްކޯއަށް މަސް ކިރާ ރޭޓް ވެސް މިދިއަ އަހަރު ދަށް ކޮށްފައި ވެއެވެ. އެގޮތުން ދޯންޏަކުން އެންމެ ގިނަވެގެން 2.5 ޓަނުކަމަށް މިފްކޯއިން މިދިޔަ އަހަރު ކަނޑައެޅި އެވެ. މަސްވެރިން ބާނާ މަސް ކިރުވައި، ފައިސާ ނުދީ، ހަމަ އެކަނި ބިލް ކުރަމުންދިޔަ މައްސަލަތަކެއް ވެސް މިދިއަ އަހަރު ފެންމަތިވި އެވެ.
ރައީސް ނަޝީދުގެ ވެރިކަމުގައި މަސްވެރިން ބާނާ މަހަށް ހަމަ އަގު ލިބިދިނުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާކަން ފާހަގަ ކޮށްލެވެއެވެ.
ރާއްޖޭގެ މަސްވެރިކަން މިދުވަސްވަރު ރަނގަޅު ވެފައިވާއިރު، ހޮނިހިރު ދުވަހު އެކަނި ވެސް 700 ޓަނުގެ މަސް ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގެ މަސްވެރިން ބާނާފައި ވެއެވެ.
ހުވަދޫ މަސްވެރިން "ރާއްޖެއެމްވީ"އަށް ބުނީ ހޮނިހިރު ދުވަހު މަހަށް ނުކުތް ކޮންމެ ދޯންޏަކުން އެވްރެޖުކޮށް، 15 ޓަނާއި 20 ޓަނާދެމެދުގެ އަދަދަކަށް މަސް ބާނާފައިވާ ކަމަށެވެ. ރެކޯޑު އަދަދަކާއެކު 43 ޓަނުގެ މަސް ފަރެސްމާތޮޑާ ދޯންޏަކުން ހޮނިހިރު ދުވަހު ބާނާފައިވާ ކަމަށް ހުވަދޫ މަސްވެރިން ރާއްޖެއެމްވީއަށް ބުނެފައި ވެއެވެ.
މަސްވެރިން ބުނާ ގޮތުގައި ދެކުނަށް އާދަޔާ ހިލާފަށް މަސްވެރިކަން ރަނގަޅުވެފައި ވަނީ މިދިޔަ ހަފްތާގެ ބުދަ ދުވަހުން ފެށިގެންނެވެ.