އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲގެ އާއިލީ ބައްދަލުވުން ވަކި ސަބަބެއް ނާންގައި ކެންސަލް ކޮށްފިއެވެ.
ވަކި ސަބަބެއް ނާންގާ އިމްރާންގެ އާއިލީ ބައްދަލުން ކަރެކްޝަނަލް ސާވިސް އިން ކެންސަލް ކުރިކަން ހާމަކޮށްފައި ވަނީ ހުކުރު ދުވަހު އަދާލާތު ޕާޓީން ކުރި ޓްވީޓެއްގައެވެ. އަދާލާތު ޕާޓީން ކުރި ޓްވީޓްގައި ބުނެފައި ވަނީ އިމްރާންގެ އާއިލީ ބައްދަލުވުން ކެންސަލް ކޮށްފައިވާއިރު، ދެން އާއިލީ ބައްދަލުވުމެއް ހަމަޖެހޭނެ ދުވަހެއް ވެސް އަންގާފައިނުވާ ކަމަށެވެ. އެހެން ނަމަވެސް މިކަމާއި ގުޅިގެން ކަރެކްޝަންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.
ޓެރަރިޒަމްގެ ކުށުގައި 12 އަހަރަށް ޖަލަށް ލާފައިވާ އިމްރާންގެ އާއިލީ ބައްދަލުވުން ކެންސަލް ކުރި އިރު، ދުވަސްތަކަށް ފަހު ކުރީގެ ނައިބް ރައީސް އަހުމަދު އަދީބަށް އާދިއްތަ ދުވަހު ވަނީ އާއިލީ ބައްދަލުވުން ދީފައެވެ. ޖަލު ހުކުމް ތަންފީޒުކުރައްވަމުން ގެންދަވާ ސިޔާސީ ބޭފުޅުންގެ އާއިލީ ބައްދަލުވުން މެދުކަނޑާލާފައިވާ މައްސަލާގައި އެބޭބޭފުޅުންގެ އަނބިން ވަނީ ކަރެކްޝަން ސާވީސް އަށް ވަޑައިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ.
ޝެއިޚް އިމްރާންގެ މައްޗަށް ޓެރަރިޒަމުގެ ކުށުގައި 12 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ، 2015 ވަނަ އަހަރުގެ މެއި 1 ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާގައި ހަމަނުޖެހުމަށް ހިތްވަރު ލިބޭގޮތަށް ވާހަކަ ދެއްކެވި ކަމަށް ބުނެ އެވެ.