މި ސަރުކާރުގެ ހިންގުން، ގޭންގެއް ހިންގުމާ އެއްވެސް ތަފާތެއް ނެތް ކަމަށް ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހުކުރު ދުވަހުގެ ރޭ ހއ. އިހަވަންދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުސްތަފާ ވިދާޅުވީ ރާއްޖޭގެ ނިޒާމު ހަލާކުވެފައިވާ ކަމަށާއި ރާއްޖޭގެ ނިޒާމު މިހާރު ބޮޑު ވައްކަމުގެ ކަންތައްގަނޑަކަށް ބަދަލުވެފައިވާ ކަމަށެވެ.
މުސްތަފާ ވިދާޅުވީ ރައްޔިތުންނަށް ބިރު ދައްކައިގެން ސަރުކާރު ހިންގޭނެ ކަމަށް ޤަބޫލުކުރިޔަސް އެކަން އެގޮތަށް ނުވާނެ ކަމަށެވެ.
ޖަލްސާގައި އިތުރަށް ވާހަކަ ދައްކަވަމުން މުސްތަފާ ވިދާޅުވީ ބާރަ މެމްބަރުގެ މައްޗަށް ޝަރުއީ އެއްވެސް ހުކުމެއް ނުގެނެވޭނެ ކަމަށެވެ.
"ބާރަ މެމްބަރުން މިއީ ބާރަ މެމްބަރުންނެއް ނޫނޭ ބުނެވޭނެ ޤާނޫނީ ހުކުމެއް ގެނެވޭނެ ކޯޓެއް ރާއްޖޭގައި ނެތް ތާނގައި ދުނިޔޭގައިވެސް ނެތް. އަޅުގަނޑުމެން ބާރަ މެމްބަރުން ކޮން ކުށެއްތޯ ކުރީ؟ ޤާނޫނު އަސާސީގައި އެބައޮތް މެމްބަރުން މަޤާމުން ވަކިވާނެ އުސޫލުތަކާއި ގޮތްތައް ކަނޑައަޅާފައި. މިއީގެ އެއްވެސް ކަމެއް ކުރި ބައެއް ނޫން މެމްބަރުންނަކީ. ހަމަ މީނަ ހިތްހަމަ ނުޖެހުނީ މީނަ ބުނާ ގޮތަކަށް ކަންނުވީ މެމްބަރުންވެސް ކަނޑާ އެއްލާލީ. އުއްތަމަ ފަނޑިޔާރުވެސް ޖަލަށްލީ. އުއްތަމަ ފަނޑިޔާރު ހުކުމްކުރީ ފެބްރުއަރީ އެއްވަނަ ދުވަހު ފަސްވަނަ ދުވަހު ހުކުމް ކުރީ. ފަނޑިޔާރަކު ކުށްވެރިވާނެ ގޮތް ޖަލަށްލެވޭނެ ގޮތް ކަނޑައެޅިގެން ޤާނޫނު އަސާސީގައި ބަޔާންކޮށްފައި އެބައޮތް" މުސްތަފާ ވިދާޅުވިއެވެ.
މުސްތަފާ އިތުރަށް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން މި ޤައުމުގައި އިންތިހާބެއް ނުބާއްވާނެ ކަމަށާއި ދައުރު ހަމަވުމުން ސުޕްރީމް ކޯޓު މެދުވެރިކޮށް ވެރިކަން ހޯދުމަށް އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވާނެ ކަމަށެވެ. އަދި އެމަނިކުފާނަކީ ރައްޔިތުންގެ ވޯޓް ހޯއްދަވަން އުޅުއްވާ ބޭފުޅެއް ނޫން ކަމަށްވެސް މުސްތަފާ ވިދާޅުވިއެވެ.
މުސްތަފާ ވަނީ އަދުލުން ހުކުމެއް ނެރެދެއްވުމަށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންނަށް ގޮވާލައްވާފައެވެ. އޭރުން ގައުމުގެ ހުރިހާ މައްސަލައެއް ހައްލުވެ، އެ ފަނޑިޔާރުންނަށް ދުނިޔެއިން ވެސް ޝުކުރު އަދާކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.