ރައީސް އަބްދުﷲ ޔާމީން ވެސް ވެރިކަމުން ފެއިބަން އަޖަލު ޖެހުމުން، ޖެހޭނީ ވެރިކަން ދޫކުރައްވާ ވަޑައިގަންނަންވަން ކަމަށް ކެންދޫ ދާއިރާއިގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.
ގުޅިގައިވާ ސިޔާސީ ޕާޓީތަކުން ހުކުރު ދުވަހުގެ ރޭ އިހަވަންދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަލީ ހުސެއިން ވިދާޅުވީ ދިވެހި ރައްޔިތުން ރައީސަކު އިންތިހާބްކުރަނީ، އިންތިހާބް ކުރާތާ 24 ގަޑީ އިރު ތެރޭގައި ވެސް ރައްޔިތުން ބޭނުންވެއްޖެ ނަމަ ބަދަލުކުރޭ ގޮތަށް ކަމަށެވެ. އެކަން ގާނޫނީ އަސާސީގައި ވަރަށް ސާފްކޮށް ބަޔާންކޮށްފައިވާކަން ފާހަގަކުރައްވަމުން އަލީ ހުސެއިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަކު ދިވެހި ރައްޔިތުން އިންތިހާބް ކުރަނީ ކޮންމެހެން ފަސް އަހަރު ވެރިކަމުގައި ބަހައްޓަން ނޫން ކަމަށެވެ.
"ރައީސަކާއި، އާދައިގެ ފަނިފަކްސައަކާއި އެއްވެސް ތަފާތެއް ނޯންނާނެ، އަޖަލު ޖެހުމުން ވެއްޓޭނެ، އަޖަލު ޖެހުމުން ޖެހޭނީ ފައިބަން، އަޅުގަނޑުމެން މި ވެރިކަން ގާނޫނީ އިމުގެ ތެރެއިން ބަދަލުކުރާނަން" އަލީ ހުސެއިން ވިދާޅުވިއެވެ.
ފަނޑިޔާރުންވެސް މަގާމުގައި ތިއްބަވަނީ، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އިތުބާރު ނެތްކަން ފާސްކޮށްފި ނަމަ މާގާމުން ދުރުކުރެވޭ ގޮތަށް ކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ. އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތިއްބަވަނީ ތަފާތު ގޮތަކަށް ކަމަށް އަލީ ހުސެއިން ފާހަގަކުރިއެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތަމްސީލް ކުރައްވަނީ، ދިވެހި ރައްޔިތުން ކަމަށާއި، އެހެންކަމުން ރައްޔިތުން ބޭނުންވެއްޖެނަމަ ގާނޫނީ އިމުގެ ތެރެއިން ވެރިކަން ބަދަލުކުރެވޭނެ ކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ.