މުންކަރާތްތައް ހުއްޓުވުމަށް ނިކުތުމަކީ އެންމެންގެ މައްޗަށް ވާޖިބެއްކަމަށް އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.
ހއ. އިހަވަންދޫގައި ހުކުރު ދުވަހުގެ ރޭ ބޭއްވި ގުޅިފައިވާ ޕާޓީތަކުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަލީ ޒާހިރު ވިދާޅުވީ ރާއްޖޭގެ ޚަޒާނާގައި ބަޔަކު ބަނޑު އަޅައިގެން ވައްކަން ކުރަމުންދާކަމަށެވެ. އަދި ރާއްޖޭގައި މިފަދަ މުންކަރާތްތައް އާއްމު ވަމުންދާކަމަށާއި، މުންކަރާތްތައް ހުއްޓުވަން ނިކުތުމަކީ އެންމެންގެ މައްޗަށް ވާޖިބެއްކަމަށް އޭނާ ވިދާޅުވިއެވެ.
މުންކަރާތްތައް ހުއްޓުވުމަށް ރަސޫލާ މުޙައްމަދު ސައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިކަން ފާހަގަކުރައްވަމުން އަލީ ޒާހިރު ވިދާޅުވީ ރައީސް ޔާމީނާއި ސަރުކާރުން ހިންގަމުންދާ ޖަރީމާތަކާއި މުންކަރާތްތައް ހުއްޓުވާނެކަމަށެވެ. އަލީ ޒާހިރު ވިދާޅުވީ މުންކަރާތްތަކާއި އަނިޔާވެރިކަން ނުހުއްޓުވައިފިނަމަ، އެއަނިޔާވެރިކަން އެންމެންގެ މައްޗަށް ވެރިވެ، އެންމެން ނެތި ހިނގައިދާނެކަމަށެވެ. ރާއްޖޭގައި އަނިޔާވެރިކަން އާއްމުވެ، އެންމެން އަނިޔާގެ ޝިކާރަޔަކަށް ހަދާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ކުރީގެ ރައީސުންނާއި، ފުލުހުންނާއި، ސިފައިންނާއި، ފަނޑިޔާރުންނާއި ރައީސް ޔާމީންގެ އަރިސް ބޭފުޅުން އަނިޔާވެރިކަމުގެ ޝިކާރަޔަކަށް ވެފައިވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އަލީ ޒާހިރު ވިދާޅުވީ ރައީސް ޔާމީންއަކީ ހައިސިއްތެއް ނެތް ބޭފުޅެއްކަމަށާއި، އެމަނިކުފާނަށް ސަޕޯޓުކުރާނެ މީހަކު ނެތް ކަމަށެވެ. އަދި ރައީސް ޔާމީންގެ އަރިހުގައި ތިބި އެންމެން ޖަލަށް ލާފައިވާކަމަށާއި، އެމަނިކުފާނަށް ސަޕޯޓުކުރާނެ އިތުރު ބަޔަކު ނުތިބޭނެކަމަށް އޭނާ ވިދާޅުވިއެވެ.
ފުލުހުންގެ ތެރޭގައި އަނިޔާވެރިކަމަށް ތާޢީދުކުރާ ބަޔަކު ތިބިކަން ފާހަގަކުރައްވަމުން އަލީ ޒާހިރު ވިދާޅުވީ ރައީސް ޔާމީންއަށް އަނިޔާވެރިކަމާއެކު ވެރިކަން ކުރެއްވެނީ ބަޔަކު މީހުން އެއަނިޔާވެރިކަމަށް ތާޢީދުކުރާތީކަމަށެވެ. އަދި އެއަނިޔާތައް ހުއްޓާލަން ޖެހޭކަމަށާއި، އަނިޔާތައް ހުއްޓާލަން ޖެހޭ ސަބަބުތައް ފުލުހުންގެ ތެރެއިންވެސް ފެންނަން އެބަހުރިކަމަށް ވިދާޅުވިއެވެ. އެގޮތުން އަލީ ޒާހިރު މިސާލެއްގެ ގޮތުގައި ނެންގެވީ ޖަލަށް ލާފައިވާ ފުލުހުންގެ ކުރީގެ ކޮމިޝަނަރުންނާއި އެސްއޯގެ ޓީމުގެ ފުލުހުންނެވެ. އަލީ ޒާހިރު ވިދާޅުވީ އަނިޔާވެރިވުން ފުލުހުން ހުއްޓާލަން ޖެހޭކަމަށާއި، ޕެޕަރ ސްޕްރޭ ޖަހަން ނިކުތް ފުލުހުން ޖަލަށް ލީމާ، އެފުލުހުންގެ ހިމާޔަތުގައި ނިކުންނަން ޖެހެނީ އެބޭފުޅުންކަމަށެވެ. އަދި އަނިޔާވެރިވާ ފުލުހުންގެ ލަދު ކޮބައިތޯ އޭނާ ސުވާލުކުރެއްވިއެވެ.
އަލީ ޒާހިރުގެ ވާހަކަ ނިންމަވާލައްވަމުން ވިދާޅުވީ އެންމެން ވެގެން އަނިޔާވެރިކަން ހުއްޓުވަން އެބަޖެހޭކަމަށެވެ. އަދި އަނިޔާވެރިކަމަށް ވާގިވެރިވާ ފަރާތްތަކާއި އަނިޔާގެ މުގުލުގައި ހުންނެވި ރައީސްނ އަބްދުﷲ ޔާމީން ޖަލަށް ލާނެކަމަށް އޭނާ ވިދާޅުވިއެވެ.