ސަރުކާރު ހިންގާ ޕީޕީއެމުން ބޭއްވި ޖަލްސާއެއްގައި ކުޑަކުދިން ބައިވެރިކުރި މައްސަލަ އިލެކްޝަންސް ކޮމިޝަނުން ބަލަމުންދާ ކަމެއް ނުވަތަ ނޫން ކަން ކަށަވަރުކޮށްދޭން އެ ކޮމިޝަނުން ދެކޮޅު ހަދައިފިއެވެ.
ސަރުކާރު ހިންގާ ޕީޕީއެމުން މިދިޔަ މަހުގެ 23 ވަނަ ދުވަހު ގއ. ވިލިނގިލީގައި ބޭއްވި ކެމްޕެއިން ޖަލްސާއެއް ކުރިއަށް ގެންގޮސްފައި ވަނީ ކުޑަކުދިންތަކެއް ބައިވެރިކޮށްގެންނެވެ. އެ ޖަލްސާގައި ގޮނޑިބަރިތަކުގައި ކުޑަކުދިންތަކެއް އިށީންދެގެން ތިބި މަންޒަރު ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެގެން ގޮސްފައެވެ.
ކުޑަކުދިން ބައިވެރިކުރި އެ ޖަލްސާގައި ސަރުކާރުގެ ބައެއް ވަޒީރުންނާއި ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެމްބަރުންނާއި ސިޔާސީ މަގާމުތައް ފުރުއްވަމުން ގެންދަވާ ބޭފުޅުން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
އެ ޖަލްސާގައި ކުޑަކުދިން ބައިވެރި ކުރި މައްސަލާގައި އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމާ ސުވާލު ކުރުމުން އޭނާ ސީދާ ޖަވާބެއް ނުދެއްވިއެވެ.
އަކްރަމް ވިދާޅުވީ ސިޔާސީ ޕާޓީތަކުން ސިޔާސީ ހަރަކާތް ހިންގަންޖެހޭނީ ގާނޫނާއި ގަވާއިދުގެ ތެރެއިން ކަމަށެވެ. ޕީޕީއެމުން ބޭއްވި ޖަލްސާއެއްގައި ކުޑަކުދިން ބައިވެރިކުރި މައްސަލަ އެ ކޮމިޝަނުން ބަލަމުންދޭތޯ ސުވާލު ކުރުމުން ވިދާޅުވީ ގާނޫނާ ހިލާފަށް ޕާޓީތަކުން ކުރަމުންދާ ކަންކަން އެ ކޮމިޝަނުން ބަލާނެ ކަަމަށެވެ.
"އަބަދުވެސް އިލެކްޝަންސް ކޮމިޝަނުން ހުރިހާ ސިޔާސީ ޕާޓީތަކަށް ނަސޭހަތްތެރި ވަނީ ގާނޫނާއި ގަވާއިދުގެ ތެރޭގައި ހުރިހާ ކަމެއް ވެސް ކުރިއަށް ގެންދަން. ގާނޫނާ ގަވާއިދާ ހިލާފަށް ކުރާ ކަންކަން ބަލަމުން ގެންދާނަން. ތިފަދަ އެއްވެސް ކަމެއް ހުށަހެޅިފައި އޮތްތޯ އަޅުގަނޑު ބަލާނަން،" އަކުރަމް ވިދާޅުވިއެވެ.
ރައީސް އަބްދުﷲ ޔާމީނާއި އަނބިކަނބަލުން ފާތުމަތު އިބްރާހިމަށް ވިލިނގިލީގައި އޮތް ތާއިދު ދެއްކުމަށް "އޮޓެ އޮޓެ، ވިދި ވިދި" ނަމުގައި ބޭއްވި އެ ޖަލްސާގައި ކުޑަކުދިން ބައިވެރިކުރި މައްސަލަ ބަލަމުންދާކަން އިލެކްޝަންސް ކޮމިޝަނުން ކަށަވަރުކޮށްދީފައި ނުވާއިރު، އެ ޖަލްސާގައި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން "ކުދި ކުދި ކޮށްލާނެ" ކަމަށް ބުނި މައްސަލަ ވެސް ފުލުހުން ތަހުގީގެއް ނުކުރެއެވެ.
ސިޔާސީ ހަރަކާތްތަކުގައި 18 އަހަރު ނުފުރޭ ކުޑަކުދިން ބައިވެރިކުރުމަކީ މަނާ ކަމެކެވެ. ސިޔަސީ ޕާޓީތަކުން ބާއްވާ އެއްވުންތަކުގައި ކުޑަކުދިން ބައިވެރިކޮށްފައިވާތީ، މީގެ ކުރިން އިލެކްޝަންސް ކޮމިޝަނުންނާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އިން ވަނީ ކަންބޮޑުވުންފާޅުކޮށް، އެ ޕާޓީތަކަށް ނަސޭހަތްތެރިވެފައެވެ.