ސައިރިކްސް ކޮލެޖާއި ރާއްޖެޓީވީ ގުޅިގެން ނޫސްވެރިކަމުގެ ތަމްރީނު ކޯހެއް ފަށައިފިއެވެ.
ބުރާސްފަތި ދުވަހުގެ ރޭ ފެށި މި ކޯސް ކުރިއަށްދާނީ 10 ދުވަހުގެ މުއްދަތަކަށް، ސައިރިކްސް ކޮލެޖްގެ ގަލޮޅު ކެމްޕަހުގައެވެ. ކޯހުގެ ފުރަތަމަ ދުވަހު ކުދިންނަށް ޝެޝަން ނަންގަވައިދެއްވީ ގިނަ ދުވަސްތަކެއް ވަންދެން މީޑިއާގައި މަސައްކަތްކުރެއްވި އަދި ނޭޝަނަލް އާކައިވްގެ ޑިރެކްޓަރ ޖެނެރެލް އަދި ތާރީޚު ދިރާސާކުރައްވާ ފަރާތެއް ކަމަށްވާ މުޙައްމަދު ޝާތިރެވެ.
ކޯހާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ރާއްޖެޓީވީގެ ޗީފް އޮޕަރޭޓިންގް އޮފިސަރ ހުސެއިން ފިޔާޒް މޫސާ ވިދާޅުވީ ކުރު މުއްދަތުގެ މި ކޯހުގައި ނޫސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވެފައިވާ ތަޖުރިބާކާރު ބޭފުޅުން ޝެޝަންތައް ނަންގަވައިދެއްވާނެ ކަމަށާއި މި ކޯހުގެ މަޤްސަދަކީ ނޫސްވެރިކަމުގެ ދާއިރާއަށް ކުދިން ތަމްރީނުކޮށް ނޫސްވެރިކަމުގެ ދާއިރާއަށް ހުނަރުވެރި ޤާބިލް ބަޔަކު ނެރެދިނުން ކަމަށެވެ.
ރާއްޖެޓީވީ އިން ބުނީ އުންމީދަކީ ކުރިއަށް އޮތްތަނުގައި މި ކޯސް އިތުރަށް ފުޅާވެގެން ދިއުން ކަމަށެވެ.
ސައިރިކްސް ކޮލެޖްގެ ފަރާތުން ބުނީ މުޖުތަމައުގެ ކަންތައްތައް އިތުރަށް ހަރުދަނާކޮށް ރަނގަޅު ކުރުމަށްޓަކައި ސައިރިކްސް ކޮލެޖުން އެކި ފަރުދުންނަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށާއި އެގޮތުން މި ޕްރޮގްރާމަކީ ކާމިޔާބު ޕްރޮގްރާމަކަށް ހެދުމަށްޓަކައި އެ ކޮލެޖުން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ.