ނޭޝަނަލް އިންވެސްޓްމެންޓް މެނޭޖްމެންޓް ކޮމްޕެނީގެ ނަމުގައި ދިވެހިސަރުކާރުގެ އާ ކުންފުންޏެއް ރައީސުލް ޖުމްހޫރިއްޔާ އުފައްދަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން މިކުންފުނި އުފައްދެވި ސަބަބެއް ކަމުގައި ރައީސްގެ ގަރާރުގައި ވިދާޅުވެފައި ވަނީ ދުނިޔޭގެ އަދި ރާއްޖޭގެ އިޤްތިސާދަށް އަންނަ ބޮޑެތި ބަދަލުތައް ކުރިއާލައި ދެނެގަނެ އޭގެ ސަބަބުން މިހާރު ކޮށްފައިވާ އިންވެސްޓްމަންޓްތަކަށް ކުރާނެ އަސަރު ދެނެގަނެ އަދި ކުރިއަށް ހުރި އިންވެސްޓްމަންޓްތަކަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަތުން ކަމަށެވެ. އަދި އިންވެސްޓްމަންޓްތައް ހިމާޔަތް ކުރުމަށާޢި އިންވެސްޓްމަންޓްތަކުގެ ފައިދާ މަތިކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި ރާއްޖެއަށް އިސްލާމިކް ފައިނޭންސާއި ކޮންވެންޝަނަލް ފައިނޭންސްގެ އިތުރު ފައިނޭންޝިއަލް ޕްރޮޑަކްޓްތަކެއް ތަޢާރަފް ކުރުމަށް ހިތްވަރުދީ ކަމާ ބެހޭ މުއައްސަސާތަކާ އެކު މަސައްކަތް ކުރުމަށް ވިދާޅުވެފައި ވެއެވެ.
މިއީ ދަރަންޏަށް ޒިންމާވާންޖެހޭ މިންވަރު ކަނޑައަޅާފައިވާ ދިވެހި ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ ކުންފުންޏެކެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެކުންފުނީގެ ދަރަންޏަށް، ޝަރުޢީ ބޭނުންތަކަށާއި އެހެން ހުރިހާ ޙަލަތެއްގައި ވެސް ދިވެހި ސަރުކާރުން ޒިންމާވާނީ ކުންފުނީގެ ހިއްސާއިން އުފެއްދުމަށް ކަނޑައަޅާފައިވާ ރައުސުލްމާލުގެ ތެރެއިން އެއްވެސް މިންވަރެއް ދިވެހި ސަރުކާރުން ކުންފުންޏަށް ދައްކާފައި ނުވާ ނަމަ އެމިންވަރަށް ކަމަށެވެ.
ކުންފުނީގެ ރައުސުލްމާލްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 10ރ. ގެ 500،000 (ފަސް ސަތޭކަ ހާސް ) ހިއްސާގެ މައްޗަށް ބަހާލެވިފައިވާ 5،000،000 (ފަސް މިލިއަން) ރުފިޔާއެވެ.
ރައީސްގެ ޤަރާރުގައިވާ ގޮތުން މިކުންފުންޏަކީ ވެސް ކުންފުނީގެ އަސާސީ ޤަވާއިދާއި ހިންގާ ޤަވާއިދުގައި ބަޔާންކޮށްފައިވާ ކަންތައްތައް ހިންގުމުގައްޔާއި އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމާއި، އުފުލޭ މުދަލާއި، ނުއުފުލޭ މުދާ ޤާނޫނު ހުއްދަކުރާ ގޮތުގެ މަތިން ހޯދުމާއި، ލިބިގަތުމުގެ ޙައްޤު ލިބިގެންވާ ވަކި ސިއްކައެއް އޮންނަ ޤާނޫނީ ގޮތުން އަމިއްލަ ޝަޚްސެކެވެ.