ކ. މާލެ
|
5 އޭޕްރިލް 2018 | ބުރާސްފަތި 16:39
މުހައްމަދު އަލާން އަހުމަދު (މެދުގައި)
މުހައްމަދު އަލާން އަހުމަދު (މެދުގައި)
ޓްވިޓަރ
މެމްބަރު ނިހާނު
ނިހާނުގެ 18 އަހަރުގެ ދަރިފުޅުގެ އުފަންދުވަހު ލިބިލެއްވީ އަގު ބޮޑު ކާރެއް، މިއަދު އެގަތީ 4.7 މިލިއަން ރުފިޔާގެ ފްލެޓެއް!
މިދިޔަ އޮކްޓޯބަރު މަހު ބާރތްޑޭ ގިފްޓަކަށް އަގުބޮޑު ކާރެއް ލިބިފައިވާ ކަމުގެ އަޑުތައް ފެތުރުނު
މިއަދު ސިވިލް ކޯޓުގައި 4.7 މިލިއަން ރުފިޔާގެ ފްލެޓެއް ގަތުމުގެ މައްސަލަ ތާވަލް ކޮށްފައިވޭ
ނިހާނުގެ ދަރިފުޅަށް 18 އަހަރުވީ މިދިއަ އަހަރުގެ އޮކްޓޯބަރު މަހު

ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކުގެ ފިރިހެން ދަރިފުޅު މުހައްމަދު އަލާން އަހުމަދުގެ 18 ވަނަ އުފައްދުވަހާ ގުޅިގެން އަގު ބޮޑު ކާރެއް ހަދިޔާއަކަށް ލިބިފައިވާ ކަމުގެ އަޑުތައް ފެރުތުރިފައި ވަނިކޮށް، ހުޅުމާލޭގައި ތަރައްގީ ކޮށްފައިވާ ޕްލެޓިނަމް ރެޒިޑެންސްއިން ފްލެޓެއް ގަނެ މިލުކުވެރިކަން ބަދަލު ކުރުމުގެ މަސައްކަތް ކުރިއަށްދާކަމުގެ މައްސަލައެއް މިވަނީ ފެންމަތި ވެފަ އެވެ.

ޕްލެޓިނަމް ރެޒިޑެންސްއިން ނިހާންގެ ދަރިފުޅު އަލާން އަށް ފްލެޓު ވިއްކުމުގެ މައްސަލައިގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު 15:30 ގައި ސިވިލް ކޯޓުގައި ބާއްވަން ވަނީ ތާވަލު ކޮށްފައެވެ. ސިވިލްކޯޓުގެ ތާވަލުން އެނގޭ ގޮތުގައި މުހައްމަދު އަލާން އަހުމަދުގެ ނަމުގައި ގަންނަން ހުށަހަޅާފައިވަނީ ޕްލެޓިނަމް ރެޒިޑެންސްގެ 3/4-C2 ފްލެޓެެވެ. 

މިކަމާ ގުޅޭގޮތުން "ރާއްޖެއެމްވީ"އިން މައުލޫމާތު އޮޅުންފިލުވުމަށް ނިހާންއަށް ގުޅުމުން އެކަމާ ގުޅޭގޮތުން ބަހެއް ވިދާޅުވާން ނިހާނު ބޭނުންފުޅެއް ނުވި އެވެ. 

ނަމަވެސް އޮންލައިން ނޫހެއް ކަމަށްވާ "އަވަސް"އަށް ނިހާނު ވިދާޅުވެފައި ވަނީ އޭނާ ރައްޔިތުން މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހުންނަވަތާ މިހާރު ނުވަ އަހަރުވެފައިވާ ކަމަށެވެ. އަދި ކޮންމެ މަހަކު މަދުވެގެން 79،000 ރުފިޔާ އާމްދަނީގެ ގޮތުގައި ލިބިވަޑައިގަންނަވާ ކަމަށާ އެހެންކަމުން މިއަދާ ހަމަޔަށް މުސާރައިގެ ގޮތުގައި އޭނާއަށް 8.5 މިލިއަން ރުފިޔާ ލިބިވަޑައިގެންފައިވާނެ ކަމަށެވެ.

 
އޭގެ އިތުރުން ބޯހިޔާވަހިކަން ހޯދުމުގެ ގޮތުން ރާއްޖޭގެ ދެ ބޭންކަކުން ނިހާން ހިމެނޭ ގޮތަށް 5.2 މިލިއަން ރުފިޔާގެ ލޯނު ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 


"މިކަމުގައި އަޅުގަނޑު ދައްކާނެ މާ ގިނަ ވާހަކައެއް ނެތް، ޝައްކުވާ ކަމެއް އުޅެންޏާ އެ ޝައްކުވާ ކަމެއް ހިފައިގެން ރާއްޖޭގައި ކަމާ ބެހޭ މިނިވަން މުއައްސަސާތައް ހުންނާނެ، އެތަންތަނަށް ވަޑައިގަންނަވާ، އޭރުން އިތުރަށް އޮޅުން ފިލާނެ،" އަވަސް އަށް ނިހާނު ދެއްވާފައިވާ އިންޓަވިއުގައި ވިދާޅުވެފައި ވެެއެވެ.


އެނގިފައިވާ ގޮތުގައި ނިހާނުގެ 18 އަހަރުގެ ފިރިހެން ދަރިފުޅު ގަންނަން ހުށަހަޅާފައިވަނީ 4.7 މިލިއަން ރުފިޔާގެ އަގުހުރި ފްލެޓެކެވެ. މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި އަލާންގެ 18 ވަނަ އުފަންދުވަހުގެ ހަދިޔާއަކަށް އަގު ބޮޑު ކާރެއް ލިބިފައިވާ ކަމުގެ އަޑުތަކެއް ފެތުރިފައި ވަނީ ނިހާނު ކުރެއްވި ޓްވީޓަކާއި ސޯޝަލް މީޑިއާގައި ދައުރުވި ފޮޓޯއަކާ ގުޅިގެންނެވެ. ސޯޝަލް މީޑިއާގައި އަލާން ކާރެއްގައި އިންނަވާ މަންޒަރު ފެންނަ ފޮޓޯއެއް އާއްމުވެފައިވާއިރު، ދަރިފުޅުގެ އުފަންދުވަހުގެ ތަހުނިޔާ ވިދާޅުވުމަށް ނިހާނު ކުރެއްވި ޓްވީޓްގައި ކާރެއްގެ ތަޅުދަނޑިއެއް ފެނެއެވެ. 


ނިހާންގެ ދަރިފުޅުގެ ނަމުގައި ފްލެޓެއް ގަނެ މިލުކުވެރިކަން ބަދަލު ކުރުމުގެ މަރުހަލާ ފަށާފައިވާ އިރު، ޕީޕީއެމްގެ ނައިބް ރައީސް އަބްދުއްރަހީމް އަބްދުﷲ 09 މިލިއަން ރުފިޔާއަށް ރެހެންދި ފްލެޓުން ދެ އެޕާޓުމެންޓު ގަތް މައްސަލައެއް ވެސް ވަނީ ފެންމަތިވެފައެވެ. އަދި ނިހާން ވެސް 4.5 މިލިއަން ރުފިޔާ އަށް ރެހެންދި ފްލެޓުން އެ ޕާޓްމަންޓެއް ގަނެގައިވާކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. 

އަބްދުއްރަހީމް ފްލެޓް ގަތް މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހުގީގު ކުރަމުންދާ ކަމަށް އެކޮމިޝަނުން ދާދިފަހުން ވަނީ ބުނެފަ އެވެ.
 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް