ކ. މާލެ
|
5 އޭޕްރިލް 2018 | ބުރާސްފަތި 14:49
އެލްޖީއޭގެ ބައްދަލުވުމެއްގެ ތެރެއިން
އެލްޖީއޭގެ ބައްދަލުވުމެއްގެ ތެރެއިން
އެލްޖީއޭ
ހައި ކޯޓް
ގާނޫނާ ހިލާފަށް ކައުންސިލަރުން ސަސްޕެންޑް ކުރާތީ، ދުސްތޫރީ މައްސަލައެއް ހައިކޯޓަށް ހުށަހަޅައިފި
ކައުންސިލްތައް ހިންގަންޖެހޭނީ އެލްޖީއޭގެ ޑިޕާޓްމަންޓެއް ގޮތަށް ކަމަށް ދެކުމަކީ މޮޔަކަމެއް
ކައުންސިލްތައް ސަސްޕެންޑް ކުރުމުގެ ބާރެއް ގާނޫނުން އެލްޖީއޭއަކަށް ނެތް
ކައުންސިލަރުންގެ މަސްއޫލިއްޔަތު އަދާކުރުން ހުއްޓުވި މައްސަލަ، ޖިނާއީ މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށް، ދައުވާ ކުރުމުގެ އަމުރެއް ނެރެ ދެއްވުމަށް ވަނީ އެދިފައި

ގާނޫނާ ހިލާފަށް ކައުންސިލްތަކާއި ވަކިވަކި ކައުންސިލަރުން ސަސްޕެންޑް ކުރާތީ، އެއީ ގާނޫނުން ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ)އަށް ލިބިގެންވާ ބާރެއް ނޫން ކަމަށް ކަނޑައެޅުމަށް، ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ހައިކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.

ހައިކޯޓަށް މިމައްސަލަ ހުށަހެޅުއްވީ އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޔަސްރިފް އެވެ. ޔަސްރިފްގެ ފަރާތުން ހައިކޯޓަށް އެމައްސަލަ ހުށަހެޅުއްވީ ގާނޫނީ ވަކީލު އަހުމަދު އަބްދުﷲ އަފީފު އެވެ.

ޔަސްރިފްގެ ފަރާތުން މިމައްސަލަ ހައިކޯޓަށް ހުށަހެޅުއްވީ، ޔަސްރިފް ވެސް ހިމެނޭގޮތުން އައްޑޫ ސިޓީއަށް ނިސްބަތްވާ ހަތަރު ކައުންސިލަރަކު އެލްޖީއޭއިން ސަސްޕެންޑްކޮށްފައިވާތީ އާއި މީގެ އިތުރުން ވެސް ބައެއް އަތޮޅު ކައުންސިލަރުންނާއި ރަށު ކައުންސިލަރުން ސަސްޕެންޑް ކުރަމުންދާ ދިއުން ނިމުމަކަށް ގެނެސް މިނިވަން ކަމާއެކު ކައުންސިލަރުންނަށް މަސްކަތް ކުރެވޭނެ މާހައުލެއް ހޯދައި ދިނުމަށް ކަމަށް ޔަސްރިފްއާއި ގާނޫނީ ވަކީލު އަހުމަދު އަބްދުﷲ އަފީފު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މި ފިޔަވަޅަކީ އެލްޖީއޭއަށް އެޅޭނެ ފިޔަވަޅެއް ނޫން. އެލްޖީއޭއަށް ބާރުތަކާއި މަސްއޫލިއްޔަތުތައް މިއޮންނަނީ ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމާބެހޭ ގާނޫނުގައި. މިގާނޫނުގެ ދަށުން އެ ބޭފުޅުންނަކަށް އިންތިހާބު ކޮށްފައިވާ ކައުންސިލަރުންނާމެދު މިބާވަތުގެ ސުލޫކީ ފިޔަވަޅުތައް އަޅާ ކައުންސިލްތަކާއި ކައުންސިލަރުން ސަސްޕެންޑްކޮށް މިބާވަތުގެ ކަންކަމެއް ނުކުރެވޭނެ،" ގާނޫނީ ވަކީލު އަހުމަދު އަބްދުﷲ އަފީފް ވިދާޅުވި އެވެ.

ގާނޫނީ ވަކީލު އަހުމަދު ވިދާޅުވީ ހައިކޯޓުގައި އެދިފައިވާނީ އެލްޖީއޭއިން ނިންމާފައިވާ ނިންމުން ބާޠިލް ކޮށްދިނުމަށާއި، އެލްޖީއޭއިން އެ ނިންމުން ބިނާ ކޮށްފައިވާ، އެލްޖީއޭއިން ހަދާފައިވާ އުސޫލް ކަމަށްވާ ކައުންސިލަރުންގެ މައްސަލަތައް ބަލާ، ކައުންސިލަރުންނާ މެދު ސުލޫކީ ފިޔަވަޅުތައް އެޅުމާބެހޭ ގަވާއިދުގައި ކައުންސިލަރުންނާމެދު ސުލޫކީ ފިޔަވަޅު އެޅުމަކީ އެލްޖީއޭއަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ކަނޑައަޅާ ދިނުމަށް ކަމަށެވެ. 

ސަބަބެއް ކަމަށް އަހުމަދު ވިދާޅުވީ ގަވާއިދެއް ހެދިޔަސް އުސޫލެއް ހެދިޔަސް އެއިން ކޮންމެ ކަމެއްވެސް ކުރެވޭނީ އެލްޖީއޭއަށް ގާނޫނުން ލިބިދީފައި އޮންނަ ބާރުގެ ނުވަތަ އިމުގެ ތެރެއިން ކަމަށެވެ.

"ކައުންސިލަރުން ސަސްޕެންޑް ކުރުމުގެ ބާރެއް ގާނޫނުން އެލްޖީއޭއަށް ދީފައެއް ނުވޭ. އެހެންކަމުން އެލްޖީއޭއިން ހަދާފައިވާ އެ އުސޫލް ބާޠިލް ކުރުމަށްވެސް އެދިފައިވާނެ،" ގާނޫނީ ވަކީލު އަހުމަދު ވިދާޅުވި އެވެ.

މީގެއިތުރުން އަހުމަދު ވިދާޅުވީ ކައުންސިލަރުން ސަސްޕެންޑް ކުރުމަށް އެލްޖީއޭއިން އެކަމުގައ ބައިވެރިވެވަޑައިގެންނެވި މީހުންގެ މައްޗަށް ޖިނާއީ ދައުވާ ކުރެއްވުމަށް ވެސް މިމައްސަލައިގެ ތެރެއިން އެދިފައިވާނެ ކަމަށެވެ.

"އެލްޖީއޭއިން ކައުންސިލަރުން ސަސްޕެންޑް ކުރިކުރުމަކީ ގާނޫނު އުގޫބާތުގައި ކުށެއް ކަމަށް ކަނޑައަޅާފައިވާ ކުށެއް. އެއީ ރަސްމީ ހައިސިއްޔަތުން ދައުލަތުގެ މުވައްޒަފަކު އަދާކުރަމުންދާ މަސްއޫލިއްޔަތަށް ހުރަސްއަޅައި ހުއްޓުވުމަކީ ގާނޫނު އުގޫބާތުގައި ކަނޑައެޅިފައިވާ ކުށެއް. އަޅުގަނޑުމެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ ކިބައިން އެދިފައިވާނެ މިކަން ތަހުގީގުކޮށް މިމައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާ ދައުވާކުރުމަށް އަމުރު ކޮށްދެއްވާށޭ. އެގޮތަށް އަމުރު ކުރުމުގެ ބާރު ހައިކޯޓަށް ލިބިގެންވޭ،" އަހުމަދު ވިދާޅުވި އެވެ.

އަހުމަދު ވިދާޅުވީ މިމައްސަލަ ޔަސްރިފްގެ ފަރާތުން ހައިކޯޓަށް ހުށަހެޅި މައްސަލައެއް ނަމަވެސް މި މައްސަލަ ނިމޭގޮތަކުން ލާމަރުކަޒީ ނިޒާމު ހިންގުން ހަރުދާނާ ކުރުމަށާއި ކައުންސިލަރުން މިނިވަންކަމާއެކު މަސައްކަތް ކުރުމަށް ލިބިގެންދާނެ ބާރަކަށް ވާނެކަމަށެެވެ. އަދި އިންސާފުވެރި ހުކުމެއް ލިބި، ކައުންސިލަރުން ސަސްޕެންޑް ކުރަމުންދިޔަދިޔުމަށް ނިމުމެއް އަންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް އަހުމަދު ވިދާޅުވި އެވެ.  

"އެލްޖީއޭއިން ދެކެނީ ކައުންސިލްތަކަކީ އެލްޖީއޭގެ ޑިޕާޓްމަންޓެއްގެ ގޮތުގައި. ކައުންސިލްތައް ހިންގަންޖެހޭނެ ގޮތް ވެސް އަންގަންޖެހެނީ އެލްޖީއޭއިން، މިއީ ކުރެވޭނެ ކަމެއް ނޫން. ރައްޔިތުން އިންތިހާބު ކޮށްފައިވާ ސިޓީ އާއި އަތޮޅު އަދި ރަށު ކައުންސިލަރުންނަށް ގާނޫނުން ދީފައިވާ ބާރުތަކާއި މިނިވަންކަން އަނބުރާ އިއާދަ ކޮށްދިނުމަށްޓަކައި އަޅުގަނޑުމެން ހުށަހެޅި މައްސަލައެއް މިމައްސަލައަކީ،" ގާނޫނީ ވަކީލު އަހުމަދު ވިދާޅުވި އެވެ.

ޔަސްރިފް ވިދާޅުވީ އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު ވެސް ހިމެނޭ ގޮތަށް ހަތަރު ކައުންސިލަރުން ސަސްޕެންޑް ކުރުމަކީ ޖެއްސުން ކުރުމުގެ ގޮތުން ކޮށްފައިވާ ކަމެއް ކަމަށެވެ.

"އަޅުގަނޑުމެންނާމެދު ފިޔަވަޅު އަޅާ ސަސްޕެންޑް ކުރުމުން ރައްޔިތުންނަށް ހިދުމަތް ދިނުމަށް މިވަނީ ވަރަށް ބޮޑަށް ދަތިވެފައި. މިމައްސަލައަކީ ވަރަށް ބޮޑު ދުސްތޫރީ މައްސަލައެއް. އެލްޖީއޭގެ ޑިޕާޓްމަންޓްތަކެއް ހެން ކައުންސިލްތައް މަސައްކަތް ކުރާނެ ކަމަށް އެލްޖީއޭއިން ގަބޫލު ކުރުމަކީ ވަރަށް ދެރަކަމެއް. ރައްޔިތުން އިންތިހާބު ކުރާ ކައުންސިލްތަކުގައި ސަރުކާރާ ހިޔާލު ތަފާތު ކައުންސިލަރުން ތިބެދާނެކަން ސަރުކާރުންނާއި އެލްޖީއޭއިން ގަބޫލު ކުރަންޖެހޭ. ތަފާތު ހިޔާލުތަކާއެކު ނަމަވެސް ކުރިއަށް ދާންޖެހޭ. ސަރުކާރުން ހިންގާ ސިޔާސީ ހަރަކާތްތަކުގައި ހިޔާލު ތަފާތުވުން ހުރި ކައުންސިލަރުން ބައިވެރިނުވުމަކީ ކައުންސިލަރުންނާމެދު ފިޔަވަޅު އަޅަންޖެހޭ ސަބަބެއް ނޫން. އަދި ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް ގޮވާލާ ބާރު އެޅުމަކީ ވެސް ފިޔަވަޅު އަޅަންޖެހޭ ކަމެއް ނޫން. ޝަރުއީ ކޯޓުތަކުގެ އަމުރުތަކަށް ތަބާވުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެ މައްޗަށް ލާޒިމްކަމެއް،" އައްޑޫ ސިޓީ ޑެޕިއުޓީ މޭޔަރު ޔަޝްރިފް ވިދާޅުވި އެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް