ކ. މާލެ
|
5 އޭޕްރިލް 2018 | ބުރާސްފަތި 05:35
ބުަދަ ދުވަހުގެ ރޭ ކުނޫޒު ކުރިމަތީގައި ބޭއްވި އެއްވުމުގެ ތެރެއިން
ބުަދަ ދުވަހުގެ ރޭ ކުނޫޒު ކުރިމަތީގައި ބޭއްވި އެއްވުމުގެ ތެރެއިން
ރާއްޖެ އެމްވީ
ގުޅިފައިވާ ޕާޓީތައް
މަގުމަތީ ހަރަކާތްތަކާއެކު އިހްތިޖާޖުތައް އަނެއްކާވެސް ވަރުގަދަކޮށްފި
އިހްތިޖާޖުތައް ކުރިއަށް ގެންދަމުންދާތާ 63 ދުވަސް
މަގުމަތީ ހަރަކާތްތައް ފެށީ ކުނޫޒު ސަރަހައްދުން
އެއްވުމުގެ ތެރެއިން އެކަކު ވަނީ ހައްޔަރުކޮށްފައި

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރިއަށް ގެންދާ އިހްތިޖާޖުތައް ވަރުގަދަކޮށް، މަގުމަތީ ހަރަކާތްތައް އަލުން ފަށައިފި އެވެ.

ސިޔާސީ ލީޑަރުން މިނިވަން ކުރުމަށް އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާއެކު، ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މެދުނުކެނޑި އިހްތިޖާޖުތައް ކުރިއަށް ގެންދަމުންދާތާ 63 ދުވަސް ވަނީވެފައެވެ. ބޮޑެތި އެއްވުންތަކާއި ޖަލްސާތަކާއި ކަންމަތީ ބައްދަލުވުންތަކާއެކު އަޑުއުފުލުންތައް ކުރިއަށް ގެންދިއުމަށްފަހު، އަނެއްކާވެސް ސިޔާސީ ރެލީތައް ވަރުގަދަ ކުރުމުގެ މަސައްކަތް ޕާޓީތަކުން ވަނީ ފަށާފައެވެ.

 

އެގޮތުން މ. ކުނޫޒު ކުރިމަތީގައި ގުޅިފައިވާ ޕާޓީތަކުގެ ސަޕޯޓަރުންނާއެކު މަގުމަތީ ހަރަކާތްތައް ބުދަ ދުވަހުގެ ރޭ ވަނީ ފަށައިފައެވެ. މެދުކަނޑުމަކަށް ފަހު، މަގުމައްޗަށް ނުކުމެ ބުދަ ދުވަހުގެ ރޭ ވަނީ ސަރުކާރާ ދެކޮޅަށް އަޑުއުފުލައި، ރައީސް ޔާމީންގެ އިސްތިއުފާއަށް ގޮވާފައެވެ. ހައްޔަރުކޮށްފައިވާ ސިޔާސީ ލީޑަރުންނާއި ރައްޔިތުން އިންތިހާބުކޮށްފައިވާ މަންދޫބުންނަށް މަޖިލީހުގައި ބަސް ނުބުނެވޭ ގޮތަށް ހައްޔަރުކޮށް، ބައެއް މެމްބަރުން ގޮނޑި ގެއްލުވާލާފައި ވާތީ، އެ ބޭފުޅުންނަށް އިންސާފު ހޯދައި ދިނުމަށް ވެސް ވަނީ އަޑު އުފުލާފައެވެ.

މަގުމައްޗަށް ނުނުކުމެވޭ ގޮތަށް ކުނޫޒު ކުރިމަތީގައި ފުލުހުން ސަފެއް ރުކުރުވާލާފައި

ހައްޔަރުކޮށްފައިވާ ސިޔާސީ ފަރާތްތަކާއި ފަނޑިޔާރުންނާއި ސިޔާސީ ތުހުމަތުތަކުގައި ހައްޔަރުކޮށްފައި ތިބި ފުލުހުންގެ ދިފާއުގައި ގުޅިފައިވާ ޕާޓީތަކުގެ ސަޕޯޓަރުން ބުދަ ދުވަހުގެ ރޭ ކުނޫޒު ކުރިމަތީގައި އަޑުއުލުންތައް ކުރިއަށް ގެންދިޔަ ވަގުތު، ހައްޔަރުކޮށްފައި ތިބި ބައެއް ފަރާތްތަކުގެ އާއިލާގެ މެމްބަރުން ވެސް އެ އެއްވުމުގައި ބައިވެރިވެވަޑައިގެންނެވިިއެވެ.

ކުނޫޒު ކައިރިއަށް ޖަމާވި މީހުން ދުރަށް ޖެއްސުމުގެ މަސައްކަތުގައި އެސްއޯ ފުލުހުން-- ފޮޓޯ/ ރާއްޖެއެމްވީ

އެއްވުމުގައި ވާހަކަ ދެއްކެވި ބޭފުޅުން ވަނީ ސަރުކާރު ޒިންމާދާރު ކުރުވުމަށް ކުރާ މަސައްކަތުގައި ފަހަތަށް ނުޖެއްސޭނެ ބުނަމުންދާ ވާހަކަތައް ތަކުރާރުކޮށްފައެވެ. ބުދަ ދުވަހުގެ ރޭ ބޭއްވި އެއްވުމުގައި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވީ އަނިޔާވެރިކަން ފިލައި ގޮސް އިންސާފު ލިބެންދެން ގުޅިފައިވާ ޕާޓީތަކުން ކުރަމުންދާ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާނެ ކަމަށެވެ.

އަދާލަތު ޕާޓީގެ ޤައުމީ މަޖިލީހުގެ މެމްބަރު ތޫބާ ރަޝީދު ވިދާޅުވީ ކޮންމެ ގޮތަކަށް ނަތީޖާ ނުކުތަސް، ހިތްވަރާއެކު ނުކުމެ ކާމިޔާބު ހޯދުމުގެ މަސައްކަތުގައި ދެމިތިބޭނެ ކަމަށެވެ.

"ގައުމަށްޓަކާ ދީނަށްޓަކާ ނުކުމެ، ކޮންމެ ގޮތަކަށް ނަތީޖާ ނުކުތް ކަމުގައިވިޔަސް އަނެއްކާވެސް އާ ރޫހެއްގައި އާ ޖޯޝެއްގައި ނުކުމެ، މަސައްކަތް ކުރާތަން. މިއީ އަޅުގަނޑުމެންގެ މަސައްކަތް ނުހުއްޓި ބާރަށް ކުރިއަށްދާ ސަބަބަކީ،" ތޫބާ ވިދާޅުވިއެވެ.

ބުދަ ދުވަހުގެ ރޭގެ އެއްވުމަށް މީހުން ޖަމާވި އަދަދު އިތުރުވެ، އަޑުއުފުލުންތައް ވަރުގަދަވެގެން ދިޔަ ދަނޑިވަޅާ ދިމާކޮށް އެސްއޯ ފުލުހުން ވަނީ ކުނޫޒު ކުރިމައްޗަށް ޖަމާވެ، އަޑުއުފުލި މީހުން ދުރަށް ޖައްސާފައެވެ. އަދި ޕާޓީތަކުގެ ސަޕޯޓަރުންތަކެއް ވަނީ ކުނޫޒު ތެރެއަށް ވައްދައި، މަގުމައްޗަށް ނުނުކުމެވޭ ގޮތް ހަދައި، އެސްއޯ ފުލުހުން ކުނޫޒު ކުރިމަތީގައި ސަފެއް ރުކުރުވާލި އެވެ.

ފުލުހުންގެ އަމަލުތަކާ ގުޅިިގެން، ކަންބޮޑުވުންފާޅު ކުރި މީހަކު ބުދަ ދުވަހުގެ ރޭގެ އެއްވުމުގެ ތެރެއިން ވަނީ ހައްޔަރުކޮށްފައެވެ.

އެސްއޯ ފުލުހުންގެ ބެލުމުގެ ދަށުން މީހަކު ފުލުހުންގެ ހައްޔަރަށް ގެންދަނީ

ވޭތުވެދިޔަ ދެ މަސް ދުވަހުގެ ތެރޭގައި ގުޅިފައިވާ ޕާޓީތަކުން ވަނީ ގޮންޖެހުންތަކާއި ފިއްތުންތަކުގެ ތެރޭގައި ވެސް ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދިޔަ އެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އެއްވުންތައް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެފައި ވަނިކޮށް، މަގުތަކަށް ނުކުމެ، އެއްވުންތައް ވެސް ކުރިއަށް ގެންދިޔަ އެވެ. ކުރިމަތިލުމެއް، ހަމަނުޖެހުމެއް ނެތި، ސުލްހަވެރި ސިޔާސީ ހަރަކާތްތަކުގައި ސަރުކާރަށް ޑިމާންޑުތަކެއްކޮށްފައިވެއެވެ. ރައްދުގައި ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް، 300 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފަ އެވެ. 

ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާނުކޮށް ހައްޔަރުކުރި ބޭފުޅުންގެ ތެރޭގައި ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ އިތުރު ކުރީގެ ޕޮލިސް ކޮމިޝަނަރު އަހްމަދު އަރީފާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ވިޔަފާރިވެރިން ހިމެނެ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް