ކ. މާލެ
|
5 އޭޕްރިލް 2018 | ބުރާސްފަތި 05:43
ޒާލިފް ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި
ޒާލިފް ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި
އަބުދުﷲ ނަސީރު އިބްރާހިމް
ފަލަ ސުރުޚީ
ސަރުކާރަކަށް ދެން ޤާނޫނީ އިމުގެ ތެރެއަކަށް ނުވަދެވޭނެ: ޒާލިފް
ޤާނޫނާ ޚިލާފަށް ކަންކުރުމުގެ ޒިންމާ ރައީސް ޔާމީންވެސް ނަންގަވަން ޖެހޭނެ
ސިޔާސީ މީހުން ހައްޔަރުކޮށްފައި ތިބީކީ ހެއްކެތް އޮވެގެނެއް ނޫން

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު މިވަނީ ޤާނޫނީ އިމުން ބޭރުވެފައި ކަމަށައި މިސަރުކާރަކަށް ދެން ޤާނޫނީ އިމުގެ ތެރެއަކަށް ނުވަދެވޭނެ ކަމަށް ޖަލުގައި ބަންދުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދުގެ ކޮއްކޮ އަދި ޤާނޫނީ ވަކީލް އާދަމް ޒާލިފް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ބުދަ ދުވަހުގެ ރޭ ޒާލިފް ވިދާޅުވީ މިސަރުކާރަކީ ޤާނޫނީ އިމުގެ ތެރެއިން ކަންކުރާ ސަރުކާރެއް ނޫން ކަމަށާއި ސަރުކާރު މިހާރު މިއޮތީ ޤާނޫނީ އިމުގެ ތެރެއަށް ވަދެވޭވަރަށް ވުރެ މާ ދުރުގައި ކަމަށެވެ.

"އެއަށްވުރެ ގިނައިން ޤާނޫނާ ޚިލާފް ކަންތައްތަކެއް ސަރުކާރަށް ކުރެވިއްޖެ ކަމަށާއި އެކަންކަމާހުރެ ޤާނޫނީ އިމުގެ ތެރެއަށް ވަދެވޭކަށް ނެތް." ޒާލިފް ވިދާޅުވިއެވެ.

އިލްހާމްގެ މައްސަލައިގައި ޖަލަށް ލުމަށްފަހު މިހާރު ދޫކޮށްލާފައިވާ ޒާލިފް ވިދާޅުވީ ބަންދުގައި ތިބި މީހުންގެ ސިއްހީ ޙާލަތާމެދު ކަންބޮޑުވާ ކަމަށާއި އެމީހުން ބަންދުކޮށްފައިވަނީ އެކަކު އަނެކަކަށް ވާހަކަވެސް ނުދެއްކޭފަދަ ގޮތަކަށް ކަމަށެވެ.

ޤާނޫނީ ވަކީލް ޒާލިފް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހައްޔަރު ކުރެވިފައިވަނީ ޤާނޫނުއަސާސީއާ ޤާނޫނުތަކާ ޚިލާފަށް ކަމަށާއި އެ މެމްބަރުން ހައްޔަރުކޮށްގެން ޤާނޫނުއަސާސީއާ ޚިލާފަށް ޤާނޫންތައް ހަދައި ތަފާތު ނިންމުންތައް ނިންމަމުންދާ ދިއުމުގެ ސަބަބުން ރައްޔިތުންނަށްވެސް ވަރަށްބޮޑު ގެއްލުމެއް ލިބޭނެ ކަމަށެވެ. 

މީހުން ހައްޔަރުކޮށް ބަންދުކޮށްގެން ބޭތިއްބުމަށް އިޝާރާތް ކުރައްވާ ޒާލިފް ވިދާޅުވީ ހީއެއްގެ މައްޗަށް މީހުން ބަންދުކޮށްގެން ނުތިބެވޭނެ ކަމަށާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނު ހަދާފައި އެވަނީ އެފަދަ ކަންކަން ހުއްޓުވުމަށް ކަމަށް ޒާލިފު ވިދާޅުވި އެވެ.  އެޤާނޫން ވުޖޫދުވެގެން އައީ މައުސޫމް މީހަކަށް ގެއްލުމެއް ވެދާނެތީ ކަމަށާއި އެއީ ދޮގު ތުހުމަތެއްގައި ދޮގު ހެއްކެތްގައި މީހަކަށް އަނިޔާއެއް ދެވިދާނެތީ.ކަމަށް ޒާލިފް ވިދާޅުވިއެވެ.

މިހާރު ހައްޔަރުކޮށްފައި ސިޔާސީ ބޭފުޅުންގެ މައްޗަށް އެއްވެސް ހެއްކެތް ނެތްކަން ފާހަގަ ކުރައްވަމުން ޒާލިފް ވިދާޅުވި ގޮތުގައި ބައެއް ފުލުހުން އެކަން ކުރަނީ ބޭނުންވެގެނެއް ނޫން ކަމަށާއި އެމީހުން އެކަން ކުރަނީ ބަޔަކު ބުނީތީ ކޮންމެހެން ކުރަން ޖެހިގެން ކުރާކަމެއްގެ ގޮތުގަ އެވެ. މިވޭތުވެދިޔަ 4 އަހަރު ތެރޭގައި ފްރޭމް ކުރެވިގެން ކުރެވިފައިހުރި ކަންކަން ފުލުހުންނަށްވެސް އެނގޭ ކަމަށާއި ކޮމާންޑް ފްލޯ ކުރުމަށް ކުރި ކަންކަން އެމީހުންނަށް އެނގޭނެ ކަމަށް ޒާލިފް ވިދާޅުވިއެވެ.

ޒާލިފް ވިދާޅުވީ ރައީސް މައުމޫނާއި ފަނޑިޔާރުންނާއި މަޖިލިސް މެންބަރުން ހައްޔަރުކޮށް ބައިތިއްބާފައިއެވަނީ އެބޭފުޅުންނަށް ޤަނޫނުން ލިބިދޭ އިމްތިޔާޒްތަކާ ޚިލާފަށް ކަމަށާއި އެކަމުގެ ޒިންމާ ރައީސް ޔާމީނާއި ފުލުހުންނާއި ސިފައިންގެ ވެރިން އަދި ހައްޔަރު ކުރުމާއި ޖަލު ބެލެހެއްޓުމާއި ހަވާލުވެ ތިބޭ މީހުންވެސް ނަގަން ޖެހޭނެ ކަމަށް ޒާލިފް ވިދާޅުވިއެވެ.

"ޤާނޫނާ ޚިލާފަށް ބަންދުކޮށްގެން ގެންގުޅުމުގެ ޒިންމާ ރައީސް ޔާމީންވެސް ފުލުހުންނާ ސިފައިންވެސް ނަގަން ޖެހޭނެ" ޒާލިފް ވިދާޅުވިއެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް