ކ. މާލެ
|
4 އޭޕްރިލް 2018 | ބުދަ 15:20
ފަނޑިޔާރު އަލީ ހަމީދު (ކ) އަދި އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދު
ފަނޑިޔާރު އަލީ ހަމީދު (ކ) އަދި އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދު
ރާއްޖެ އެމްވީ
ސުޕްރީމް ކޯޓު
ދެ ފަނޑިޔާރުން ވަކިވާ އިސްލާހު ބާތިލު ކުރުމާމެދު މާދަމާ ގޮތެއް ނިންމަނީ
ހުކުމް ކުރުން މާދަމާ މެންދުރުފަހު 1:00ގައި
އަޑުއެހުން ނިންމާލާފައިވާތާ ދެ ހަފްތާ
އުއްތަމަފަނޑިޔާރުވަނީ ޖަލުގައި ހައްޔަރުކޮށްފައި

ޖިނާއީ ކުށެއް ސާބިތުވުމުން، އޮޓަމެޓިކުން ފަނޑިޔާރުން މަގާމުން ވަކިވާ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށް ހުށަހެޅި އިސްލާހު ބާތިލު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލާގައި ހުކުމް ކުރަން ބުރާސްފަތި ދުވަހަށް ޝެޑިއުލްކޮށްފިއެވެ.

އެ މައްސަލައިގެ ހުކުމް ކުރަން ޝެއިއުލްކޮށްފައި ވަނީ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 1:00އަށެވެ. ފަނޑިޔާރުންގެ ގާނޫނަށް ހުށަހެޅި އިސްލާހު ބާތިލު ކުރުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ ގުޅިފައިވާ ޕާޓީތަކުގެ ފަރާތުން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން އާއި މަކުނުދޫ ދާއިރާގެ މެމްބަރު އަނާ ނައީމެވެ.

ދައުލަތާ ދެކޮޅަށް އުފުލި ދުސްތޫރީ އެ މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައިވާތާ، ދެ ހަފްތާއަށް ވުރެ ގިނަ ދުވަސްވަނީވެފައެވެ.

ސަރުކާރު ހިންގާ ޕީޕީއެމުން ހުށަހަޅައި ފާސްކޮށް، އަދި ރައީސް އަބްދުﷲ ޔާމީން ތަސްދީގު ކުރައްވާފައިވާ ފަނޑިޔާރުންގެ ގާނޫނުގެ އިސްލާހުގައި ބުނެފައިވާ ގޮތުން ފަނޑިޔާރެއްގެ މައްޗަށް ކުރާ ޖިނާއީ ހުކުމެއް، ނިހާއީ ހުކުމެއްގެ ގޮތުގައި ކަނޑައަޅައިފިނަމަ، އެ ފަނޑިޔާރެއްގެ މަގާމު ގެއްލޭނެއެވެ. ފަނޑިޔާރުންގެ ގާނޫނަށް ގެނައި ބަދަލުގައި ބުނެފައި ވަނީ ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ދައުވާއެއް އުފުލައިފި ހާލަތެއްގައި ޝަރުއީ ހުރިހާ މަރުހަލާއެއް ފުރިހަމަ ވަންދެން، މުސާރަ ނުލިބޭ ގޮތަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން އެ ފަނޑިޔާރަކު ސަސްޕެންޑް ކުރަންވާނެ ކަމަށެވެ. 

ފަނޑިޔާރުންގެ ގާނޫނަށް ގެނައި އެ ބަދަލާއެކު، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ މުސާރަ އާއި އިނާޔަތްތައް ވަނީ ހިފަހައްޓާފައެވެ.

ސުޕްރީމް ކޯޓުގައި ބޭއްވި އެ މައްސަލައިގެ އަޑުއެހުންތަކުގައި ގުޅިފައިވާ ޕާޓީތަކުން ފާހަގަކޮށްފައި ވަނީ ފަނޑިޔާރުން ވަކިކުރާނެ ގޮތް ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ ކަމަށެވެ. ގާނޫނުއަސާސީއާ ހިލާފަށް، ފަނޑިޔާރުން ވަކިކުރެވޭނެ ގޮތަށް ގާނޫނުތައް ނެހެދޭނެ ކަމަށް ގުޅިފައިވާ ޕާޓީތަކުން ސުޕްރީމް ކޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް