ކ. މާލެ
|
4 އޭޕްރިލް 2018 | ބުދަ 15:54
ޑްރަގް ކޯޓް
ޑްރަގް ކޯޓް
އަޒުމޫން އަހުމަދު
ޑްރަގް ކޯޓު
ޑްރަގް ކޯޓަށް މީހުން ހާޒިރު ކުރުމުގައި އަމަލު ކުރާނެ ގޮތުގެ ގަވާއިދެއް އެކުލަވާލައިފި
ކޯޓަށް ހާޒިރު ކުރުމުގެ އަމުރުގައި ހުންނަންޖެހޭނެ ކަންކަން ވަނީ ހިމަނާފައި
ކޯޓު އަމުރު ހަވާލު ކުރެވޭނެ ގޮތްތައް ވަނީ ބަޔާންކޮށްފައި

ޑްރަގް ކޯޓަށް މީހުން ހާޒިރު ކުރުމުގައި އަމަލު ކުރާނެ ގޮތުގެ ގަވާއިދެއް އެކުލަވާލައިފި އެވެ.

ޑްރަގް ކޯޓުން އެކުލަވާލާފައިވާ ގަވައިދުގައި ބުނެފައިވަނީ، ދައުވާ ކުރާ ފަރާތަށާއި ދައުވާ ލިބޭ މީހުންނާއި ހެކީންނާއި އެނޫން ވެސް އެކިއެކި ބޭނުންތަކަށް ކޯޓަށް ހާޒިރުކުރަންޖެހޭ މީހުން ހާޒިރު ކުރުމަށް ކޯޓު އަމުރު ފޮނުވުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވާ ކަމަށެވެ.

މީގެ އިތުރުން ކޯޓަށް ހާޒިރުވާންޖެހޭ މީހާއަށް ހާޒިރުވުމުގެ އަމުރު ރައްދުކުރެވެން އޮތް ނަމަ ހާޒިރުވުމުގެ އަމުރު އެ މީހާއާ ހަވާލުކުރުމުން އަމުރު ރައްދުކުރެވުނީ ކަމަށް ބެލެވޭނެ ކަމަށް އެކޯޓުން ބުނެ އެވެ. އަދި ކޯޓު އަމުރު ހަވާލު ނުކުރެވިއްޖެ ނަމަ ދިރިއުޅޭ ގޭގައި އުޅޭ މީހަކާ އަމުރު ހަވާލު ކުރެވޭނެ  ކަމަށާއި އެ ހިސާބުން ވެސް އަމުރު ރައްދު ކުރެވުނީ ކަމަށް ބެލެވޭނެ ކަމަށް ޑްރަގް ކޯޓުން ބުނެ އެވެ.

ކޯޓުގައި ހިގަމުންދާ މައްސަލައަކާ ގުޅިގެން ދައުލަތުގެ މުއައްސަސާއެއް ތަމްސީލު ކުރުމަށްޓަކައި އެ މުއައްސަސާ ތަމްސީލުކުރާނެ ފަރާތެއް ކޯޓަށް ހާޒިރު ކުރުމަށް އަމުރު ފޮނުވިދާނެ ކަމަށާއި މިގޮތަށް ފޮނުވާ އަމުރު އެ މުއައްސަސާއަކާ ހަވާލުކުރުމުން އެ އަމުރު ރައްދުކުރެވުނީ ކަމަށް އެ ކޯޓުން ބުނެ އެވެ.

ކޯޓަށް ހާޒިރު ކުރުމުގެ އަމުރު ލިބޭ ކޮންމެ މީހަކު އެ އަމުރުގައި ކަނޑައަޅާފައިވާ ތާރީހުގައި އެ އަމުރުގައި ކަނޑައަޅާފައިވާ ގަޑިއަށް ކޯޓަށް ހާޒިރުވާންވާނެ ކަމަށް އެ ކޯޓުން ބުނެ އެވެ.

މީގެ އިތުރުން މަގްބޫލު އުޒުރެއް ނެތި ހާޒިރުނުވެއްޖެ ނަމަ އެ މުއައްސަސާއެއް 75ރ. އިން ޖޫރިމަނާ ކުރެވޭނެ ކަމަށާއި ކޯޓަށް ހާޒިރުކުރަން ބޭނުންވާ މީހަކީ ބަންދުގައި ހުރި މީހެއް ނަމަ  ކޯޓަށް ހާޒިރު ކުރުމަށް ނެރޭ އަމުރު ބަންދުކޮށްފައި ހުރި ތަނުގެ އިދާރާއަށް ފޮނުވުމުން އެ އަމުރު އެ މީހާއަށް ރައްދުކޮށް އެ އަމުރުގައި ކަނޑައަޅާފައިވާ ގަޑިއަށް އެ އިދާރާއިން އޭނާ ހާޒިރު ކޮށްދޭން ޖެހޭނެ ކަމަށް ވަނީ ކަނޑައަޅާފަ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް