އިންޑިއާގައި މީހަކު މަރާލުމަށް ފަހު، ނަން ބަދަލުކޮށްގެން ރާއްޖެ އައިސް އުޅޭ ބިދޭސީއެއް ހައްޔަރުކޮށް އޭނާގެ މައްސަލަ އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނުން ބަލަން ފަށައިފިއެވެ.
ކޯޓު އަމުރެއްގެ ދަށުން ބިދޭސީއަކު ހައްޔަރުކޮށް، އޭނާ އާއި ގުޅޭ މައްސަލައެއް ހިތަދޫ ޕޮލިސް ސްޓޭޝަނުން ބަލަމުންދާކަން ފުލުހުން ކަށަވަރުކޮށްދިން ނަމަވެސް، އެއީ ސީދާ ކާކު ކަމެއް، ނުވަތަ ބަލަމުންދަނީ ކޮން މައްސަލައެއް ކަން ހާމަކޮށްފައެއް ނުވެއެވެ. ފުލުހުން އެ މައުލޫމާތު ހާމަނުކުރި ނަމަވެސް، އައްޑޫގައި ހިންގާ އޭއޯނިއުސް އިން ވަނީ ފުލުހުން ބަލަމުންދަނީ 2006 ވަނަ އަހަރު ބެންގަލޫރޫގައި މީހަކު މަރާލިކަމަށް އެއްބަސްވި ގުރުރާޖު ކިޝޯރު ކިޔާ މީހެއް ކަމަށް ރިޕޯޓްކޮށްފައެވެ.
އެ ނޫހުގައި ބުނެފައި ވާގޮތުން 2014 ވަނަ އަހަރު ބާސްކަރު ސްރިވަސްތާގެ ނަމުގައި އޭނާ ރާއްޖެ އައިސްފައި ވަނީ އައްޑޫ ސިޓީ ހިތަދޫގައި ހިންގާ އައިއެމްޑީސީ ކްލިނިކްގެ ލެބްގައި މަސައްކަތް ކުރުމަށެވެ. އޭގެ ފަހުން 2016 ވަނަ އަހަރު އޭނާ ވަނީ އައްޑޫސިޓީ ފޭދޫގައި ހުންނަ އެއިމްސް ކްލިނިކަށް ބަދަލުވެފައެވެ.
ބާސްކަރު ސްރިވަސްތާ (ގުރުރާޖް ކިޝޯރް) ރާއްޖެއަށް ގެނައި އައިއެމްޑީސީއާ ހަވާލާދީ އޭއޯނިއުސްގައި ބުނެފައި ވަނީ، އޭނާ އައިއެމްޑީސީއަށް ވަޒީފާއަށް ގެނެސްފައި ވަނީ ވަޒީފާއަށް މީހުން ގެންނަ އާންމު އުސޫލުގެ ދަށުން، އެއްވެސް މައްސަލައެއް ނެތި، ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅަން ޖެހޭ ހުރިހާ ލިޔެކިޔުންތަކެއް ފުރިހަމައަށް ހުށަހަޅައިގެން ޤަވައިދުގެ ދަށުން ކަމަށެވެ. އަދި އޭނާ އެއިމްސް ކްލިނިކަށް ބަދަލުވީ އަމިއްލައަށް އެދިގެން ކަމަށް ވެސް އެ ކްލިނިކުން ވަނީ ބުނެފައެވެ.
އިންޑިއާގެ ނޫސްތަކުގައި ތަފްޞީލް ކޮށްދީފައި ވާގޮތުން 2006 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު، މަރާލައި އެއްލާލާފައި އޮއްވައި ފެނުނު އުމުރުން 32 އަހަރުގެ ތާނިޔާ ބެނަރޖީ މަރާލިކަމުގެ ތުޙުމަތުގައި ގުރުރާޖް ހައްޔަރުކޮށްފައި ވަނީ ޖެހިގެން އައި ދުވަހުއެވެ. އަދި އޭރު އޭނާ ވަނީ ތާނިޔާ މަރާލިކަމަށް އެއްބަސްވެ، އެކަން ކުރި ގޮތް ވެސް ފުލުހުންނަށް ކިޔައިދީފައެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުން އޭރު އުމުރުން 27 އަހަރުގެ ގުރުރާޖް އާއި 32 އަހަރުގެ ތާނިޔާއަކީ ދެ ލޯބިވެރިންނެވެ. ދެ މީހުން ވެސް އޭރު މަސައްކަތް ކުރަމުންދިޔައީ ބެންގަލޫރޫގައި ހުރި ކޯލްސެންޓަރެއްގައެވެ. އެ ދެ މީހުން ކައިވެނިކުރުމަށް ވެސް އޭރު ނިންމާފައި ވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ތަޙުޤީޤަށް ގުރުރާޖް ދީފައިވާ މަޢުލޫމާތާ ހަވާލާދީ ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ގުރުރާޖް، ތާނިޔާ މަރާލީ ތާނީޔާ އެހެން ފިރިހެނުންނާއި ގުޅުން ބާއްވާތީ އާއި، ތާނީޔާ އުޅެމުންދިޔަ މަތީފަންތީގެ ދިރިއުޅުމުގެ ވައްޓަފާޅިއާ މެދު ހިތްހަމަނުޖެހިގެންނެވެ.
ފުލުހުން ބުނީ ޖުލައި 25 ވަނަ ދުވަހުގެރޭ ގުރުރާޖް އާއި ތާނިޔާ އޮފީހުން ގެއަށްދިޔައީ އެކުގައި، ގުރުރާޖްގެ ކާރުގައި ކަމަށެވެ. ގެއަށްދިޔަ މަގުމަތީގައި ދެމީހުންގެ މެދުގައި ޒުވާބެއް ފެށި، އެ ޒުވާބު ހޫނުވެ، ގުރުރާޖް ތާނިޔާއަށް ހަމަލާދިނީ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން އޭރު ބުނެފައި ވަނީ ގުރުރާޖް ތާނިޔާއަށް ހަމަލާދީފައި ވަނީ ކާރުތެރޭގައި އޮތް ވަޅިއަކުން ކަމަށެވެ. ނަމަވެސް ގުރުރާޖް ކާރުތެރޭގައި ވަޅިއެއް ބާއްވާފައި އޮތް ސަބަބުން ފުލުހުން ސާފުކޮށްދީފައެއް ނުވެއެވެ.
ތާނިޔާގެ ޕޯސްޓް މޯޓަމް ރިޕޯޓުގައި ވާގޮތުން ތާނިޔާގެ ހަށިގަނޑުގެ 35 ތަނަކަށް ވަނީ ވަޅިން ހަމަލާދީފައެވެ. އޭގެ ތެރެއިން 14 ހަމަލާ އަމާޒުވެފައި ވަނީ ތާނިޔާގެ މެއާއި އުނަގަނޑާ ދެމެދަށް، ބަނޑަށެވެ.

ތާނިޔާ މަރާލީ އޭނާގެ އުޅުން ހުރި ގޮތުން ހިތްހަމަނުޖެހިގެން ކަމަށް ގުރުރާޖް ބުނެފައިވާއިރު، ފުލުހުން ހާމަކޮށްފައިވާ ގޮތުގައި 2005 ވަނަ އަހަރުގެ އޯގަސްޓް މަހު ފުލުހުން ވަނީ ހަށިވިއްކުމުގެ މައްސަލައެއްގައި ދެކުނު ކޮލްކަތާ އިން ތާނިޔާ ހައްޔަރުކޮށްފައެވެ.
ބާސްކަރު ސްރިވަސްތާގެ ނަމުގައި ލެބް ޓެކްނީޝަނެއްގެ ގޮތުގައި ގުރުރާޖް ކިޝޯރް ރާއްޖޭގައި މަސައްކަތް ކުރަމުންދާއިރު، އިންޑިއާގެ ފުލުހުން ހާމަކޮށްފައިވާ ގޮތުގައި 2006 ވަނަ އަހަރު ކޯލްސެންޓަރުގައި މަސައްކަތް ކުރުމުގެ ކުރިން އޭނާ ވަނީ އިންޑިއާގެ އެކި ހޮސްޕިޓަލްތަކުގައި ލެބް އެސިސްޓަންޓެއްގެ ގޮތުގައި މަސައްކަތް ކޮށްފައެވެ.
ތާނިޔާގެ މަރުގެ މައްސަލައިން ގުރުރާޖް ސަލާމަތްވި ގޮތާއި، އޭނާ ނަން ބަދަލުކޮށްގެން ރާއްޖެ އައި ގޮތް އަދި ވަނީ ސާފުވާ ގޮތް ނުވެފައެވެ. ބެންގަލޫރޫގެ ފުލުހުން މެދުވެރިކޮށް މި މައްސަލައާއި ގުޅޭ އިތުރު ތަފްޞީލް ހޯދުމަށް ރާއްޖެއެމްވީއިން ދަނީ މަސައްކަތް ކުރަމުންނެވެ.