ކ. މާލެ
|
4 އޭޕްރިލް 2018 | ބުދަ 13:33
2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓު ގުނަނީ
2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓު ގުނަނީ
ރާއްޖެ އެމްވީ
ރިޔާސީ އިންތިހާބު 2018
ވޯޓާސް ލިސްޓް އަންނަ މަހު، އިންތިހާބުގެ ތައްޔާރީތައް ޕާޓީތަކާ ހިއްސާކުރުން މާދަމާ
އިދާރީ މަސައްކަތުގެ 90 ޕަސެންޓް ނިމިއްޖެ
ވޯޓު ފޮށިތައް ބަހައްޓާނެ ތަންތަން ކަނޑައަޅަނީ
ރީރަޖިސްޓްރީ ކުރުން ޖޫން މަހު

މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު ބޭއްވުމަށް ނިންމާފައިވާ ރިޔާސީ އިންތިހާބަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓް އަންނަ މަހު އިއުލާން ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އެ ކޮމިޝަންގެ މެމްބަރު އަހުމަދު އަކުރަމް "ރާއްޖެއެމްވީ" އަށް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވޯޓުލާ ފޮށިތައް ބަހައްޓާ ތަންތަން ކަނޑައެޅުމާއި ފޯކަލް ޕޮއިންޓުން ހަމަޖެއްސުމާ ގައުމީ ކޮންޕްލަޔަންސް ބިއުރޯ ކަނޑައެޅުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި އެގޮތުން ކުރަންޖެހޭ އިދާރީ މަސައްކަތުގެ 90 ޕަސެންޓް ނިމިފައިވާ ކަމަށާއި އެފަދަ އިދާރީ މަސައްކަތްތައް މި މަހުގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށް އަކުރަމް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އިދާރީ މަސައްކަތުގެ ހުރިހާ ކަމެއް ގާތްގަނޑަކަށް މިހާރު މި ވަނީ ނިމިފައި. 90 ޕަސެންޓްވަރު އިދާރީ މަސައްކަތުގެ ބައި ނިންމާލެވިއްޖެ،" އަކުރަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވޯޓާސް ލިސްޓް އަންނަ މަހު އާންމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށާއި ރަށްވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާން ބޭނުންވާ ފަރާތްތަކަށް ރީ-ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ޖޫން މަހު ހުޅުވާލާނެ ކަމަށް އަކުރަމް ވިދާޅުވިއެވެ. އަކުރަމް ވިދާޅުވީ ވޯޓަސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތާއި ރީރަޖިސްޓްރީ ކުރުމުގެ މުއްދަތު ކުރުވާތީ، ސިޔާސީ ޕާޓީތަކުން މީގެ ކުރިން ވެސް އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށާއި އެކަންތައްތަކާ ގުޅޭ ގޮތުން ޕާޓީތަކާ މަޝްވަރާކުރާނެ ކަމަށް އަކުރަމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސިޔާސީ ޕާޓީތައް މޮނީޓަކޮށް، ރެގިއުލޭޓް ކުރުމާ ގުޅޭ ގޮތުން ޕާޓީތަކާ އެކު، އިލެކްޝަންސް ކޮމިޝަންގައި ބުރާސްފަތި ދުވަހުގެ ހެނދުނު ބައްދަލުވުމެއް ބާއްވަން ނިންމާފައިވާ ކަމަށެވެ. އެ ބައްދަލުވުމުގެ ދައުވަތު ޕާޓީތަކަށް ފޮނުވާފައިވާ ކަމަށާއި އެ ބައްދަލުވުމުގައި ރިޔާސީ އިންތިހާބާ ގުޅޭ ތައްޔާރީތަކުގެ ވާހަކަތައް ވެސް ސިޔާސީ ޕާޓީތަކާ ހިއްސާ ކުރާނެ ކަމަށް ވެސް އަކުރަމް ވިދާޅުވިއެވެ.

"އިލެކްޝަންސް ކޮމިޝަންގެ މަގުސަދަކީ ރިޔާސީ އިންތިހާބުގެ މައުލުމާތު ވީހާވެސް ދުރާލައި ސިޔާސީ ޕާޓީތަކަށް ހިއްސާކުރުން. އިންތިހާބުތަކުގެ އެންމެ މުހިއްމު ސްޓޭކްހޯލްޑާއަކީ ސިޔާސީ ޕާޓީތައް،" އަކުރަމް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ މަސައްކަތްތައް އިލެކްޝަންސް ކޮމިޝަނުން ފަށާފައިވާއިރު، އެ އިންތިހާބު ބޭއްވުމަށް ނިންމާފައި ވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ކުރީކޮޅުއެވެ. އިންތިހާބަށް ފަސް ވަރަކަށް މަހަށްވެފައިވާއިރު، ރައީސް އަބްދުﷲ ޔާމީނާ ވާދަކުރައްވަން ތިއްބެވި ހުރިހާ ލީޑަރުން ތިއްބެވީ ހައްޔަރުކޮށް، އަދި ބައެއް ބޭފުޅުން ގެންދަވަނީ ޖަލު ހުކުމް ތަންފީޒު ކުރައްވަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް