ބޮޑުމަގު ދެފަޅިކޮށްލުމަށް 6 ފޫޓްގެ ޑިވައިޑާއެއް ހެދީ ދިއްދޫ ރައްޔިތުންނަށް ޖެއްސުމަށް ކަމަށް ދިއްދޫ ކައުންސިލުން ބުނެފިއެވެ.
ހއ. ދިއްދޫ ކައުންސިލްގެ ރައީސް އަލީ ހާޝީމް ދީދީ ވިދާޅުވީ، ދިއްދޫގެ މަގުތައް ހެދުމުގެ މަޝްރޫއަށް ރަށުގެ ރައްޔިތުން ހުރަސް ނާޅާނެ ކަމަށާއި، އެހެން ނަމަވެސް ދިއްދޫ ފަދަ އަތޮޅު ތެރޭގެ ރަށެއްގައި މަގު ހަދާއިރު އެ މަގު ބޭނުންކުރަން ތިބީ ރައްޔިތުން ކަމަށް ވުމުން އެ ރައްޔިތުންގެ އަޑުވެސް ސަރުކާރުން އަހަން ޖެހޭނެ ކަމަށް ގަބޫލު ކުރާ ކަމަށެވެ. ދިއްދޫ ކައުންސިލުން ތުހުމަތުކުރާ ގޮތުގައި އެ ޕްރޮޖެކްޓު ޕްލޭން ކުރިއިރު ކައުންސިލާއި ރައްޔިތުންގެ އެއްވެސް ހިޔާލެއް ހޯދާފައެއް ނުވެއެވެ.
އެކަމަށް ރައްދު ދެއްވާ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކުރިން ވިދާޅުވީ، ހައުސިން މިނިސްޓްރީގެ ހުރިހާ ޕްރޮޖެކްޓެއް ވެސް ކުރިއަށްދަނީ ރައްޔިތުންގެ މަޝްވަރާ އަދި ރައްޔިތުންގެ ފަރާތުން އެ ރަށެއްގެ ކައުންސިލުން ސޮއިކޮށް ހުއްދަ ދިނުމުން ކަމަށެވެ.
ދިއްދޫގެ މަގުހެދުމުގެ މަޝްރޫއު 2017 ވަނަ އަހަރުގެ އޯގަސްޓް މަހަށް ނިންމާނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް އަދި މިހާތަނަށް އެ މަސައްކަތް ނިންމާލެވިފައެެއް ނުވެއެވެ. އަދި އޭގެ ފަހުން ވެސް މަސައްކަތް ނިންމުމަށް ދެ ތާރީޚެއް ސަރުކާރުން އިއުލާނުކުރި ކަމަށް ދިއްދޫ ކައުންސިލުން ބުނެއެވެ. އެގޮތުން 2017 ނޮވެމްބަރު އަދި މިއަހަރުގެ މާޗް މަހު ނިމޭނެ ކަމަށް ސަރުކާރުން ބުނެފައި ވާކަމަށް ބުންޏެވެ.
ދިއްދޫގެ މަގުހެދުމުގެ މަޝްރޫއުގެ ތެރެއިން މިހާރު ނުނިމި މަސައްކަތް ކުރިއަށް ދަނީ އެރަށު ބޮޑު މަގު "ޝާރިއުލް އަމީން" ގެ މަސައްކަތެވެ. ފަންސާސް ފޫޓްގެ ފޫޓު ފުޅާ މި މަގުގެ ދެފަރާތުގައި އެވްރެޖްކޮށް 10 ފޫޓްގެ ޕޭވްމެންޓެއް ލާފައިވާއިރު ބައެއް ހިސާބުތަކުގައި 14 ފޫޓްގެ ޕޭވްމެންޓެއް ލާފައިވާ ކަމަށް ކައުންސިލުން މައުލޫމާތުދެއެވެ. އަދި ހަމައެއާ އެކު، 6 ފޫޓްގެ ޑިވައިޑާއެއްލާފައި ވުމުން މަގުގައި ދުއްވަން އޮންނަ ތަންކޮޅު ކުޑަކަން ކައުންސިލުން ކަންބޮޑު ވުމާ އެކު ފާހަގަކުރެއެވެ. އަދި އެސަބަބާ ހުރެ މަގުގައި ދުއްވާ އުޅަނދު ފަހަރާއި މުދާ އުފުލާ ވިޔަފާރިވެރިންނަށް ވެސް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ކައުންސިލުން ބުންޏެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކުރިން އެ މަގުގެ މެދުގައި ގަސް އިންދާފައި ހުރިއިރު އޮތީ ދެ ފޫޓްގެ ޑިވައިޑާއެކެވެ. އެވަރު ވެސް އުނދަގޫވާނެ ކަމަށް މަގު ހެދުމުގެ ކުރިން ކައުންސިލުން ހައުސިންގެ ސަމާލުކަމަށް އެކަން ގެނައި ކަމަށް ކައުންސިލުން ބުނެއެވެ. މިހާރު ވަނީ އެ ހުރިހާ ގަހެއް ވެސް ކަނޑާލައި 6 ފޫޓްގެ ޑިވައިޑާއެއް ލުމަށް ފަހު މެދުގައި އަލުން ގަސް އިންދާ ގޮތަށެވެ.
މި މައްސަލައާ ގުޅިގެން ދިއްދޫ ރައްޔިތުން އަންގާރަދުވަހު ވަނީ މަގަށް ނުކުމެ އިހްތިޖާޖު ވެސް ކޮށްފައެވެ. އަދި އިހްތިޖާޖުގެ ތެރެއިން މީހަކު ހައްޔަރުކޮށް ފަހުން ވަނީ ދޫކޮށްލާފައެވެ. ދިއްދޫ މަގުހެދުމުގެ މަޝްރޫއަށް އެރަށުގެ ބަޔަކު ހުރަސްއަޅައި ޖެއްސުން ކުރާ ކަމަށް ސަރުކާރުން ވެސް ދަނީ ބުނަމުންނެވެ. ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ހއ. ދިއްދޫގެ މަގުހެދުމުގެ މަޝްރޫއު ހުއްޓުމަކަށް ގެނެސް ރައްޔިތުންގެ ތަރަައްގީއަށް ހުރަސްއަޅައިގެން ތިބުމުގެ ފުރުސަތު ނުދީ، ލޯކަން ގަވަރުމެންޓް އޮތޯރިޓީ އާއި ފުލުހުންގެ އެހީތެރިކަމާ އެކު އިދިކޮޅު ފަރާތްތައް އެއްކައިރިކޮށްފައި ނަމަވެސް ތަރައްގީ ކުރިއަށް ގެެންދާނެ ކަމަށެވެ.
HA.Dhihdhoo ge maguhedhumuge mashroou huttuvumakah genes, rayyithunge tharagee ah huras alhaigen thibumuge furusath nudhee, LGA aa @PoliceMv ge eheetherikamaa eku idhikolhu faraaithah ekkairi koffainamaves tharaggee kuriyah gendhaane vaahaka dhannavan!
— Dr.Mohamed Muizzu (@MMuizzu) April 2, 2018
މި ޓްވީޓަށް ރައްދު ދެއްވައި ދިއްދޫ ކައުންސިލްގެ ރައީސް އަލީ ހާޝިމް ދީދީ ވިދާޅުވީ، އެކި ކަހަލަ ދަތިތައް ރައްޔިތުންނާ ކުރިމަތިވި ނަމަވެސް އެކަންކަން އެއްފަރާތްކޮށް، މަގުހެދުމުގެ މަޝްރޫއަށް ދިއްދޫގެ ރައްޔިތުން އޭރު ވެސް މިހާރު ވެސް ތާއީދުކޮށް އެއްބާރުލުން ދެމުން އަންނަ ކަމަށެވެ. އެހެންނަމަވެސް މަގު ބޭނުންކުރަން ތިބި ރައްޔިތުން ބުނާ ގޮތާ ދިމާ އިދިކޮޅަށް ސަރުކާރުން ކަން ކުރާނީ ސީދާ ޖެއްސުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މި މައްސަލައާ ގުޅޭ ގޮތުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުގެ ބަހެއް ވެސް އަދި މީޑިއާގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބު ވާގޮތް ނުވެފައެވެ.
މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ)އާ ހަވާލުކޮށްގެން 2016 އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު އަމަލީ މަސައްކަތް ފެށި ދިއްދޫ މަގު ހެދުމުގެ މަސައްކަތް ކުރިއަށްގެންދަނީ ސަބް ކޮންޓްރެކްޓަރު ކަމަށްވާ ސްރީލަންކާގެ ސިއެރާ ކުންފުނިންނެވެ. އެ މަޝްރޫއުގެ ދަށުން ދިއްދޫގެ 15 މަގެއްގައި ތާރު އަޅަން ހަމަޖެހިފައިވާއިރު، ސަރުކާރުގެ ބަޖެޓުން އެ މަޝްރޫއުއަށް ގާތްގަނޑަކަށް 53 މިލިއަން ރުފިޔާ ހަރަދު ކުރެއެވެ.