ތުޅާދޫ ރައްޔިތުން ރާއްޖެޓީވީއަށް އޮތް ހިތުލޯބި ބަޔާން ކޮށްދިނުމަށް ކޮންމެ މުވައްޒަފަކަށް ލިޔެލާޖެހި ގަލަމެއް ހަދިޔާ ކޮށްފިއެވެ.
ރާއްޖެޓީވީގައި އަންގާރަ ދުވަހު އޮތް ގަލަން ހަދިޔާ ކުރުމުގެ މި ހަފްލާގައި ރާއްޖެޓީވީގެ ކޮންމެ މުވައްޒަފަކަށް ވަނީ އަގުބޮޑު ލިޔެލާޖެހި ގަލަމެއް ހަދިޔާ ކޮށްފައެވެ. ގަލަމުގެ އިތުރުން ރާއްޖެޓީވީގެ ސްޓޫޑިއޯތަކުގައި ބޭނުން ކުރުމަށް ލިޔެލާޖެހި އަގުބޮޑު މާ ޖަހާ އެއްޗެއް ވަނީ ހަދިޔާކޮށްފައެވެ.
ގަލަން ހަދިޔާ ކުރުމުގެ މި ހަފްލާގައި ވާހަކަ ދައްކަވަމުން މި ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވި އިބްރާހިމް ފުޅު ވިދާޅުވީ، މި ހަދިޔާ އަކީ ރާއްޖެޓީވީގެ މުއައްޒަފުން ކުރާ އަގުހުރި ބުރަ މަސައްކަތް ފާހަގަކޮށް ހިތްވަރު ދިނުމަށް އެރަށުގެ އިސްލާހަށް މަސަައްކަތް ކުރާ އެންމެހާ ރައްޔިތުންގެ ފަރާތުންދޭ ހިތްވަރު ދިނުމުގެ ހަދިޔާއެއް ކަމަަށެވެ.

"މިހާ ފުރިހަމަކޮށް ރައްޔިތުންނާއި ހަމައަށް ޚަބަރާއި މައުލޫމާތު ގެނެސްދިނުމަށް ދެމިތިބީތީ ދޭ ހަދިޔާއެއް މީ. ތުޅާދޫ ރައްޔިތުން އަބަދު ވެސް ވަރަށް ޝައުގުވެރިވޭ ގެނެސްދޭ ޕްރޮގްރާމްތަކަށް" އިބްރާހިމްފުޅު ފާހަގަ ކުރެއްވިއެވެ.
އޭނާ ވިދާޅުވީ، އުއްމީދަކީ އަބަދު ވެސް ރާއްޖެޓީވީ ރައްޔިތުންގެ ހައްގުގައި ދެމި އޮތުން ކަމަށެވެ.
މި ހަފްލާގައި ރާއްޖެޓީވީގެ ސީއޯއޯ ހުސެއިން ފިޔާޒް މޫސާ ވިދާޅުވީ، ރާއްޖެޓީވީގެ މުވައްޒަފުން ކުރާ ބުރަ މަސައްކަތް ބަލައިގަނެ، ތުޅާދޫގެ ރައްޔިތުން މިފަދަ އަގުހުރި ހަދިޔާއެއް ރާއްޖެޓީވީއަށް ހަދިޔާ ކޮށްދިނީތީ ހުރިހާ މުވައްޒަފުންގެ ނަމުގައި ތުޅާދޫގެ ރައްޔިތުންނަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި ރައްޔިތުންނަށް ޚަބަރާއި މައުލޫމާތު ފޯރުކޮށްދިނުމުގައި ކުޑަކޮށް ވެސް ފަހަތަށް ނުޖެހި ރާއްޖެޓީވީ ދެމިއޮންނާނެކަމުގެ ޔަގީންކަން އަރުވާ ކަމަށް ފިޔާޒް ވިދާޅުވިއެެވެ.
ތުޅާދޫ ރައްޔިތުން މި ހަދިޔާ ކުރި ގަލަންތަކުގެ އަގު 60،000 އަށް އަރާނެ ކަމަށް ބެލެވެއެވެ. އަދި ހަދިޔާ ކުރި އެހެނިހެން ތަކެއްޗާއި މަސައްކަތާއިއެކު އެއްލައްކަ ރުފިޔާއަށް ވުރެ މަތިވާނެ ކަމަށް ބެލެވެއެވެ. ބާޒާރުގައި މީގެ ގަލަމެއްގެ އަގު އުޅެވީ ވެސް 750ރ އާއި 1000ރ އާއި ދެމެދުގައެވެ.
ރާއްޖެޓީވީގެ މަސައްކަތަށް ހިތްވަރު ދިނުމަށް ތުޅާދޫގެ އިސްލާހަށް މަސައްކަތްކުރައްވާ ރައްޔިތުން ދެއްވި އަގުހުރި މި ހަދިޔާ ނުހަނު އުފަލާއިއެކު ރާއްޖެޓީވީން ވަނީ ބަލައިގެންފައެެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ރައްޔިތުންގެ ފަރާތުން ރާއްޖެޓީވީއަށް ދެމުންދާ ލޯތްބަށް ފަށްފަށުން ޝުކުރިއްޔާއެވެ.