ކ. މާލެ
|
3 އޭޕްރިލް 2018 | އަންގާރަ 16:40
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު (ވ)ގައި އަދި ފަނޑިޔާރު އަލީ ހަމީދު (ކ)ގައި އެ ދެ ބޭފުޅުންގެ މެދުގައި ރައީސް ޔާމީން އަދި އިކޮނޮމިކް މިނިސްޓަރު ސައީދު
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު (ވ)ގައި އަދި ފަނޑިޔާރު އަލީ ހަމީދު (ކ)ގައި އެ ދެ ބޭފުޅުންގެ މެދުގައި ރައީސް ޔާމީން އަދި އިކޮނޮމިކް މިނިސްޓަރު ސައީދު
ރައީސް އޮފީސް
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ މުސާރަ ނުލިބޭގޮތަށް ސަސްޕެންޑް ކޮށްފި
މުސާރަ ނުލިބޭގޮތަށް ސަސްޕެންޑް ކުރީ އެންމެފަހުން މަޖިލިހުން ފާސްކުރި ފަނޑިޔާރުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހަށް ރިއާޔަތްކޮށް
ގާނޫނަށް އިސްލާހު ހުށަހެޅީ ވެސް އެ ދެ ފަނޑިޔާރުން ހައްޔަރު ކުރުމަށްފަހު
ފަނޑިޔާރުންގެ ގާނޫނުގެ އެ އިސްލާހު ބާޠިލް ކުރުމުގެ މައްސަލައިގެ ޝަރީއަތް ސުޕްރީމް ކޯޓުގައި ހިނގަމުން އެބަދޭ

ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އެ ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މުސާރަ ނުދޭގޮތަށް ސަސްޕެންޑް ކުރަން ޖުޑިޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފި އެވެ.

ޖޭއެސްސީން އެގޮތަށް ނިންމީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގެ 24 ވަނަ މާއްދާގެ (ށ)ގައި، ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ދަޢުވާ އުފުލައިފި ޙާލަތެއްގައި، އެމީހާގެ މައްޗަށް ނިހާއީ ޙުކުމެއް ކަނޑައެޅެންދެން މުސާރަ ނުލިބޭ ގޮތަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން އެފަނޑިޔާރަކު ސަސްޕެންޑް ކުރަންވާނެ ކަމަށް ބަޔާން ކޮށްފައިވާތީ އެވެ. 

ޖޭއެސްސީން ބުނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އެކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މައްޗަށް ޖިނާއީ ދައުވާ އުފުލާފައިވާ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އެ ކޮމިޝަނަށް އަންގަވާފައިވާ ކަމަށެވެ.

އެހެންކަމުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އެ ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މުސާރަ ނުލިބޭ ގޮތަށް ޖޭއެސްސީން ސަސްޕެންޑް ކުރަން ނިންމާފައިވާ ކަމަށެވެ.  

ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގެ 24 ވަނަ މާއްދާގެ (ށ)ގައިވާ ގޮތުގެމަތިން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކުރަން ޖޭއެސްސީން ނިންމިއިރު، އެގާނޫނަކީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހު، އެ ދެ ފަނޑިޔާރުން ހައްޔަރު ކުރުމަށް  ފަހު، ރައްޔިތުންގެ މަޖިލީހަށް ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ހުށަހަޅައި މަޖިލީހުން ދާދިފަހުން ފާސްކުރި ގާނޫނެކެވެ. 

މި އިސްލާހަކީ ގާނޫނުއަސާސީއާ ހިލާފު އިސްލާހެއް ކަމަށް ބުނެ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ވަނީ ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހަޅާފަ އެވެ. އަދި އެ ދެ ފަނޑިޔާރުންނަށް މުސާރަ ނުލިބޭ ގޮތަށް ޖޭއެސްސީން ސަސްޕެންޑް ކުރަން ނިންމިއިރު، ފަނޑިޔާރުންގެ ގާނޫނަށް ގެނެސްފައިވާ އެ އިސްލާހުގެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް ސުޕްރީމް ކޯޓުގައި ކުރިއަށް ވެސް އެބަދެ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް