ކ. މާލެ
|
3 އޭޕްރިލް 2018 | އަންގާރަ 15:25
އަލިފާނުގެ ހާދިސާ ހިނގި މަޖިލީހުގެ އިދާރާގެ ފާޚާނާ
އަލިފާނުގެ ހާދިސާ ހިނގި މަޖިލީހުގެ އިދާރާގެ ފާޚާނާ
ރާއްޖެ އެމްވީ
ރައްޔިތުންގެ މަޖިލީސް
މަޖިލީހުގެ އިދާރާގައި ހިނގި އަލިފާނުގެ ހާދިސާ: ތަހުގީގު ކުރަމުންދާކަން ހާމައެއް ނުކުރި!
މިހާދިސާ ހިނގީ މީގެ 8 މަސް ދުވަސް ކުރިން
މީގެ 8 މަސް ދުވަސް ކުރިން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނި
އަލިފާނުގެ އެ ހާދިސާއާ ގުޅިގެން މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލަން ޖެހުނު

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ފާޚާނާއެއްގެ ތެރޭގައި ހުރި އަތްފުހޭ ކަރުދާސް ރޯލެއްގައި ރޯވި މައްސަލައިގެ ތަހުގީގާ ގުޅޭ މައުލޫމާތު ފުލުހުން ހާމައެއް ނުކުރި އެވެ.

އެ ދުވަސްތަކުގެ މަތިން ތަކުރާރުކޮށް ފުލުހުންގެ މީޑިއާއަށް ގުޅުން އޮފިޝަން ތަކުރާރުކޮށް ދެއްވާ ޖަވާބަކީ "ބަލާލާފަ އަންގާލާނަން" ކަމަށެވެ. ނަމަވެސް ތަކުރާރުކޮށް ފުލުހުންގެ މީޑިއާއަށް ގުޅުމުން އެނޫން ޖަވާބެއް ލިބިފައިނުވާތީ އެމައްސަލައަށް ވީނުވީއެއް މިވަނީ އެނގޭގޮތް ނުވެފަ އެވެ.

މީގެ 08 މަސް ދުވަސް ކުރިން ހިނގި މިހާދިސާ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން މީގެކުރިން ބުނި ނަމަވެސް މިހާދިސާއެއް އެއްވެސް މައުލޫމާތެއް ފުލުހުންގެ ފަރާތުންނާއި މަޖިލީހުގެ އިދާރާއިން އަދި މަޖިލީހުގެ އިދާރާގެ ސެކިއުރިޓީ ބަލަހައްޓާ ސިފައިންގެ ފަރާތުން ވެސް ހާމަ ކޮށްފައެއް ނުވެއެވެ.

މަޖިލީހުގެ އިދާރާގެ ފާޚާނާއެއްގެ ތެރޭގައިހުރި ކަރުދާސް ރޯލެއްގައި ރޯވެ، މި ހާދިސާ ހިނގާފައި ވަނީ މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހު އެވެ. އޭގެ 21 ދުވަސް ފަހުން މަޖިލީހުގެ ޖަލްސާއެއް ބޭއްވި އިރުވެސް އަލިފާން ރޯވި ކަމަށް ބުނާ ފާޚާނާގެ މާބޮޑު މަރާމާތެއް ކޮށްފައެއް ނުވެއެެވެ.

އެ އަލިފާނުގެ ހާދިސާއާ ގުޅިގެން މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލާފައިވާކަން އަންގާ މެންބަރުންނަށް ފޮނުވި މެސެޖްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ހަވާލާ ދެއްވާ މަޖިލީހުގެ އިދާރާއިން ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ޖުލައި މަހުގެ 31 ވީ ހޯމަ ދުވަހު، އިރުއޮއްސެން އުޅެނިކޮށް ހިނގި އަލިފާނުގެ ހާދިސާ އަކާއި ގުޅިގެން ތަން ޢާއްމު ހާލަތަކަށް ގެނައުމަށާއި ކަމާ ގުޅޭގޮތުން އަޅަންޖެހޭ އެހެން ފިޔަވަޅުތައް އެޅުމަށް ވަގުތު ބޭނުންވާތީ އަންގާރަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ނުބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. އަދި ދެން ޖަލްސާއެއް އޮންނާނެ ތާރީޚެއް ފަހުން އަންގަވާނެ ކަމަށް މެންބަރުންނަށް ފޮނުވި މެސެޖްގައި ވަނީ ބުނެފައެވެ.

ނަމަވެސް އަލުން މަޖިލީހުގެ ޖަލްސާތައް ފެށިއިރުވެސް އަލިފާނުގެ ހާދިސާ ހިނގި ފާޚާނާގެ މަރާމާތުގެ އެއްވެސް ކަމެއް ކޮށްފައިނުވާތީ ގުޅިފައިވާ ސިޔާސީ ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ. އަދި އެއީ މަޖިލީހުގެ ޖަލްސާތައް ހުއްޓުވުމަށް ބަޔަކު ރާވައިގެން ހިންގާފައިވާ ދަށު ދަރަޖައިގެ އަމަލެއް ކަމަށް ވެސް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މެމްބަރުން ތުހުމަތު ކޮށްފައި ވެއެވެ.

އޭގެ ތިން ހަފްތާ ފަހުން ބޭއްވި މަޖިލީހުގެ ޖަލްސާގައި ވެސް ސަރުކާރަށް ނިސްބަތްވާ  މެމްބަރުންނާއި އިދިކޮޅު މެމްބަރުންގެ މެދުގައި ހަމަ ނުޖެހުންތަކެއް ހިންގާފައި ވެއެވެ.

މަޖިލީހުގެ އިދާރާގައި އަލިފާނުގެ އެ ހާދިސާ ހިނގިއިރު ސީސީޓީވީ ކެމެރާތައް ނިއްވާލާފައި ކަމަށް މަޖިލީހުގެ ބައެއް މެމްބަރުން ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން، ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ގެއްލުމާ އެކު، މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅިފައި ވަނިކޮށް، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ ގިނަ މެމްބަރުންގެ މައްޗަށް އެކިއެކި ތުހުމަތުތައްކޮށް، ތަހުގީގު ހިންގާ ޝަރީއަތް ވެސް ދަނީ ކުރަމުންނެވެ.

މިދިޔަ އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހު މަޖިލީހުގެ ތެރެއަށް ފުލުހުންނާއި ސިފައިން ވަދެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ނެރެފައި ވެއެވެ. މަޖިލީހުން މެމްބަރުން ނެރެން އުޅުމުގެ ތެރޭގައި ގިނަ މެމްބަރުންތަކަކަށް ވަނީ އެކި ވަރުގެ އަނިޔާތައް ވެފައެވެ. އަދި އޭގެ ފަހުން މިއަހަރުގެ ތެރޭގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ބައެއް މެމްބަރުން މަޖިލީހުގެ ގޭޓް މަތިން ބޭރަށް ނެރެފައި ވެސް ވެއެވެ. 

މިދިޔަ އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހާއި 31 ވަނަ ދުވަހު މަޖިލީހުގައި ހިނގާދިޔަ ހަމަނުޖެހުންތަކާ ގުޅިގެން މަޖިލީހުގެ ރިޔާސަތު މޭޒާއި ސެކްރަޓޭރިއޭޓް މޭޒު ވަށައިގެން "ކޮށްޓެއް" ޖަހާފައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް