ކ. މާލެ
|
3 އޭޕްރިލް 2018 | އަންގާރަ 13:29
ކުރީގެ ނާއިބު ރައިސް އަހުމަދު އަދީބު
ކުރީގެ ނާއިބު ރައިސް އަހުމަދު އަދީބު
މުހައްމަދު ޝަރުހާން
ނަސަންދުރަ މައްސަލަ
ނަސަންދުރަ މައްސަލައިގަ 74 މިލިއަން ރުފިޔާ ދައްކަން އަދީބަށް އަންގައިފި
ނަސަންދުރަ މައްސަލަ އޭސީސީން ވަނީ ބަލާފައި
ނަސަންދުރަ ހުރި ބިން 50 އަހަރަށް ކުއްޔަށް ދިނީ 2015 ވަނަ އަހަރު
އަދީބު ފައިސާއެއް ދައްކަން ކޯޓަކުން ހުކުމެއް ނުކުރޭ، އޭސީސީ ރިޕޯޓަކާ ހަވާލާދީ ފައިސާ ދައްކާކަށް ނޭންގޭނެ: އަދީބުގެ ވަކީލް

ނަސަންދުރަ ޕެލަސް ހޮޓެލް ކުއްޔަށް ދިން މައްސަލައިގައި ހަފްތާއެއްގެ ތެރޭގައި 74 މިލިއަން ރުފިޔާ ދައްކަން ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބަށް ފިނޭންސް މިނިސްޓްރީން އަންގައިފިއެވެ.

ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބަށް އެޑްރެސްކޮށް ފިނޭންސް މިނިސްޓްރީން މިދިޔަ މަރޗު މަހުގެ 28 ވަނަ ދުވަހު ފޮނުވާފައިވާ ސިޓީއެއްގައި ވަނީ ނަސަންދުރަ ޕެލެސް ހޮޓާ ހިންގުމަށް 2010 ވަނަ އަހަރު ގެލެކްސީ އެންޓަރޕްރައިސަސް މޯލްޑިވްސް ޕްރައިވެޓް ލިމިޑެޓުން އެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމުގެ ބަދަލުގައި އެއްބަސްވުން އުވާލައި "ޓޫރިސްޓް ރިސޯޓް ކުއްޔަށް ދީފައިވާ މުއްދަތު އިތުރު ކުރުމަށް ފީ ނެގުމާ ބެހޭ ގަވައިދު" ގެ ދަށުން މުއްދަތު އިތުރުކުރުމަށް ފީގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ ދައުލަތަށް ނުހޯދައި ހުރިކަން ފާހަގަވެފައިވާ ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން ލީސްހޯލްޑް ރައިޓްސް ގަނެފައިވާ ފަރާތް ކަމަށްވާ އެންޕީއެޗް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޑެޓަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންސް (އެމްއެމްޕީއާރްސީ) މެދުވެރިކޮށް އަލުން 50 އަހަރު ދުވަހުގެ އެއްބަސްވުމަކަށް ގޮސްފައިވާއިރު 74 މިލިއަން ރުފިޔާގެ ގެއްލުން ދައުލަތަށް ލިބިފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ސިޓީގައި ބުނެއެވެ.

މި އަމަލަކީ އަދީބު ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން ދައުލަތަށް ފައިދާވާން އޮތް ކަމެއްގައި އެހެން ގޮތަކަށް އަމަލުކޮށްފައި ވާތީ ލިބިފައިވާ ގެއްލުމެއް ކަން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ތަހުގީގު ރިޕޯޓުން އެނގޭ ކަމަށް މި ސިޓީގައި ބުނެފައިވެއެވެ.

 އެހެން ކަމުން މި ފައިސާއަކީ އަދީބު ޒިންމާވާންޖެހޭ ފައިސާއެއް ކަމަށް ބަލައި ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގެ 47 ވަނަ މާއްދާއަށް ރިޔާއަތްކޮށް 48 ވަނަ މާއްދާގެ ދަށުން ޖޫރިމަނާކޮށް އެ ފައިސާއަކީ ދައުލަތަށް ދައްކަންޖެހޭ ފައިސާއެއް ކަމުގައި ކަނޑައަޅާފައިވާ ކަމަށް ވެސް ސިޓީގައިވެއެވެ.

މި ސިޓީ ލިބޭތާ ހަފްތާއެއްގެ ތެރޭގައި ފައިސާ ދައްކަން އަންގާފައިވާއިރު ފައިސާ ނުދައްކައިފި ނަމަ، މާލިއްޔަތު ގާނޫނުގެ ދަށުން ގާނޫނީ ފިޔަވަޅު އެޅުމައްޓަކާއި އެމައްސަލަ އެޓަރނީ ޖެނެރަލްގެ އޮފީހަށް  ފޮނުވާނެ ކަމުގައި  ބުނެފައިވެއެވެ.

ނަމަވެސް މި ކަމަށް ރައްދު ދެއްވައި އަދީބު ވަކީލް މޫސާ ސިރާޖް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އަދީބު ދައުލަތަށް އެއްވެސް ފައިސާއެއް ދައްކަންޖެހޭ ކަމަށް މިހާތަނަށް އެއްވެސް ކޯޓަކުން ހުކުމް ކޮށްފައިނުވާ ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ގަޒިއްޔާއަކާ ހަވާލާދެއްވައި ވިދާޅުވީ އޭސީސީގެ ރިޕޯޓެއްގެ މައްޗަށް ބިނާކޮށް ދައުލަތަށް އެއްޗެއް ދެއްކުމަށް އެންގުމުގެ ބާރު މިނިސްޓްރީ އަށް ލިބިގެން ނުވާ ކަމަށެވެ.

 

 

ދައުލަތަށް 74 މިލިއަން ރުފިޔާ ދެއްކުމަށް އަދީބަށް އަންގާފައިވާއިރު މީގެ ކުރިން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ނަސަންދުރަ ދިން ކަމަށް ބުނެ އަދީބުގެ މައްޗަށް ޚިޔާނާތުގެ ދައުވާކުރުމަށް 2016 ވަނަ އަހަރުގެ ޖެނުއަރީ 3 ވަނަ ދުވަހު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް މައްސަލަ ހުށަހަޅާފައިވެއެވެ.

ނަސަންދުރަ ހުރި ބިން، އިތުރު ބިމަކާ އެކު 50 އަހަރަށް ކުއްޔަށް ދޫކުރީ 2015 ވަނަ އަހަރުގެ ތެރޭގައެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި އޮޑިޓަރ ޖެނެރަލް ތައްޔާރުކުރެއްވި ހާއްސަ އޮޑިޓްގައި ބުނެފައިވާ ގޮތުގައި ކުރިން އޮތް ނަސަންދުރައިގެ އެއްބަސްވުން ޓޫރިޒަމް މިނިސްޓްރީ އިން 2015 ވަނަ އަހަރުގެ ޖެނުއަރީ 27 ގައި ބާތިލްކޮށް، ހަމަ އެ ދުވަހު ނަސަންދުރައިގެ ބިމާއި އެތަނާ ޖެހިގެން ކުރިން އައިލެންޑް އޭވިއޭޝަން ސަރވިސަސް ހިންގި ހ. އޯކިޑް ލޮޖްގެ ބިން ވެސް އެމްއެމްޕީއާރުސީ އަށް ދިނުމުގެ އެއްބަސްވުމުގައި ޓޫރިޒަމް މިނިސްޓްރީން ސޮއިކުރިއެވެ.

ނަސަންދުރަ ހުރި ބިން އެއްވެސް ބިޑްކުރުމެއް ނެތި އަދި އަޑި ނޭނގޭ ގޮތަކަށް ކުއްޔަށް ދީފައި ވަނީ ރައީސް އަބްދުﷲ ޔާމީންގެ ޅިޔަނެއް ކަމަށްވާ މުހައްމަދު މަނިކު (އެއްލައިދޫ މަނިކު)ގެ މަސްލަހަތު އޮންނަ ކުންފުންޏަކަށެވެ. އެ ކުންފުނިން އަންނަނީ ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްގެން އެ ބިމުގައި ސިޓީ ހޮޓަލަކާއި ސާވިސް އެޕާޓްމަންޓްތަކެއް ހިމެނޭ ގޮތަށް ތަރައްގީކުރަމުންނެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް