ކ. މާލެ
|
3 އޭޕްރިލް 2018 | އަންގާރަ 13:03
ކުޅުދުއްފުށީ ހޮސްޕިޓަލް ނިމްސްއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު
ކުޅުދުއްފުށީ ހޮސްޕިޓަލް ނިމްސްއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު
ހެލްތު މިނިސްޓްރީ
ކުޅުދުއްފުށީ ހޮސްޕިޓަލް
ކުޅުދުއްފުށީ ހޮސްޕިޓަލް ތަރައްގީ ކުރަން ނިމްސްއާ އެކު ހެދި އެއްބަސްވުން އުވާލަނީ
އެއްބަސްވުން ގާއިމުކުރީ 2017 ވަނަ އަހަރުގެ ޖޫން މަހުގެ 19 ވަނަ  ދުވަހު
ހޮސްޕިޓަލް ހިންގަން ހަވާލުކުރީ 50 އަހަރަށް
ނިމްސްއާ ހަވާލުކުރުމުން ބޮޑެތި މައްސަލަތަކެއް ފެންމަތިވި

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ތަރައްގީކޮށް ހިންގަން، އިންޑިއާގެ ނޫރުލް އިސްލާމް އިންޓަނޭޝަނަލް (އެންއައިއައިއާ) އެކު ވެފައިވާ އެއްބަސްވުން އުވާލަން ނިންމައި، ގާނޫނީ ގޮތުން ކުރަން ޖެހޭ ކަންކަމުގެ މަސައްކަތް ފަށައިފި ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އެއްބަސްވުމާ އެއްގޮތަށް ހޮސްޕިޓަލް ނުހިންގުނީ، އެ ކުންފުނީގެ ދެ ހިއްސާދާރުން ކަމަށްވާ ފައިޒަލް ޚާން އާއި އަލީ އުސައިދާ ދެމެދު އުފެދުނު މައްސަލަތަކަކާ ހެދިއެވެ. އެ މައްސަލަތައް ހައްލުކުރަން މި އަހަރުގެ ޖެނުއަރީ މަހު ސަރުކާރުން 10 ދުވަހުގެ މުއްދަތެއް ދިނެވެ. އަދި އެ 10 ދުވަހުގެ ތެރޭގައި ހުރަސްތައް ނައްތާލެވިއްޖެ ކަމަށް ނިމްސް އިން ސަރުކާރަށް އެންގިއެވެ. ނަމަވެސް އެތަނުގެ ހިންގުމަށް ބަދަލުތަކެއް އައިސް މައްސަލަ ހައްލުވެފައެއް ނުވެއެވެ.

އިންޑިއާގެ ނިމްސް ހޮސްޕިޓަލް ވެސް ހިންގާ ނޫރުލް އިސްލާމް އެޑިއުކޭޝަނަލް ޓްރަސްޓްގެ 80 ޕަސެންޓް ހިއްސާ އޮންނަ އެންއައިއައިއާ ކުޅުދުއްފުށީ ހޮސްޕިޓަލް ހަވާލުކުރީ 50 އަހަރަށެވެ.

އިންޑިއާގެ ނިމްސް އިން ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގާ ގޮތަށް ސަރުކާރާ އެކު އެއްބަސްވީ 2017 ވަނަ އަހަރުގެ ޖޫންމަހުގެ 19 ވަނަ  ދުވަހުއެވެ. އަދި އެއްބަސްވުމުގައި ސޮއިކުރާތާ 16 މަސް ދުވަހުގެ ތެރޭގައި ކުޅުދުއްފުށި ހޮސްޕިޓަލް 150 އެނދުގެ ހޮސްޕިޓަލަކަށް ބަދަލުކޮށް، ހުރިހާ ހަރަދެއް ކުރުމަށް އޮތީ ނިމްސް ހޮސްޕިޓަލުން ކަމަށް އޭރު ސަރުކާރުން ހާމަކުރިއެވެ.

އެހެން ނަމަވެސް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ހިންގުން 50 އަހަރަށް ނިމްސްއާ ހަވާލުކުރީ ކޮން އުސޫލަކުން ކަމެއް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ. ޓާޝަރީ ފެންވަރަށް ކުޅުދުއްފުށީ ހޮސްޕިޓަލް ތަރައްގީ ކުރަން ބޭރުބަޔަކާ ހަވާލު ކުރިއިރު، އާއްމުކޮށް އެކަމަށް ކުރިމަތި ލުމަށް ހުޅުވާލާފައެއް ނުވެއެވެ. 

ދިވެހި ސަރުކާރުން ނިމްސް ޑީލް ސިއްރުކޮށްފައި ވަނިކޮށް، ނިމްސްގެ މެނޭޖިންގ ޑިރެކްޓަރ ފައިޒަލް ޚާން އިންޑިއާގެ އިކޮނިމިކް ޓައިމްސްއަށް ކިޔައިދެއްވި ގޮތުގައި، ދިވެހި ސަރުކާރުން ކުޅުދުއްފުށީ ހޮސްޕިޓަލާއި، ދެ ފަޅުރަށް ދިނީ މެޑިކަލް އެޑިއުކޭޝަން ސެންޓަރަކާއި، ޖެނެޓިކް ރިސާޗް ސެންޓަރަކާއި، އޭވިއޭޝަން އެކެޑަމީއަކާއި، މެރިން އިންޖިނިއަރިން ކޮލެޖަކާއި، ފަރުވާދޭ ސެންޓަރެއް ހެދުމަށް އެއްބަސްވެގެންނެވެ. އަދި ސްޕޭސް ރިސާޗް ސެންޓަރެއް ހެދުން މަޝްރޫއުގެ ތެރޭގައި ހިމެނޭ ކަމަށް ވެސް ވެއެވެ. މުޅި މަޝްރޫއުގެ އަގަށް 16.5 ބިލިއަން އިންޑިއަން ރުޕީސް ހޭދަވާނެ ކަމަށް ވެސް އޭނާއާ ހަވާލާދީ އެ ނޫހުގައި ވެއެވެ. އެއީ ގާތްގަނޑަކަށް 256 މިލިއަން އެމެރިކާ ޑޮލަރެވެ. މީގެ ތެރެއިން 60 ކުރޯޑް އިންޑިއަން ރުޕީސް ހޭދަކުރަނީ ހޮސްޕިޓަލުގައި ކެތު ލެބެއް ހެދުމަށާއި އިކުއިޕްމަންޓް ގަންނަން ކަމަށް ޚާންއާ ހަވާލާދީ ނޫހުގައި ވެއެވެ. ނަމަވެސް ނިމްސްއާ ހަވާލުކުރުމާ އެކު ހޮސްޕިޓަލްގެ ހިންގުން ބޮއްސުންލައި ބޮޑެތި މައްސަލަތަކެއް ކުރިމަތިވިއެވެ. އަދި އެއްބަސްވުމާ އެއްގޮތަށް އެތަން ތަރައްގީކުރުމަށް މިހާތަނަށް ވެސް އެ ކުންފުނިން މާބޮޑު ކަމެއް ކޮށްފައެއް ނުވެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް