ކ. މާލެ
|
3 އޭޕްރިލް 2018 | އަންގާރަ 13:51
މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު، ޖަލްސާއެއް ރިޔާސަތުގައި
މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު، ޖަލްސާއެއް ރިޔާސަތުގައި
މުހައްމަދު ޝަރުހާން
ރައްޔިތުންގެ މަޖިލިސް
މަޖިލީހުގެ ޖަލްސާ ނުބާއްވާތާނގައި، މައުލޫމާތު ލިބޭނެ ގޮތެއް ވެސް ނެތް!
އެންމެފަހުން ޖަލްސާއެއް ބާއްވާފައި ވަނީ މާރޗް މަހުގެ 14 ވަނަ ދުވަހު
މިއަހަރުގެ ޖަލްސާތައް ފެށީ ވެސް ފަށަންޖެހޭ ތާރީހަށް ވުރެ ލަހުން
ފުރަތަމަ ދައުރު އޭޕްރީލް މަހުގެ ނިޔަލަށް ނިމޭނެ

މަޖިލީހުގެ ޖަލްސާތައް ނުބާއްވާތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، މަޖިލީހާ ގުޅޭ މައުލޫމާތު ލިބޭނެ ގޮތެއް ވެސް ނެތި، މަޖިލީހުގެ އިދާރާ އިސް މުވައްޒަފުންގެ ފޯނެއް ވެސް ނުނަންގަވައެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ނުބާއްވާތާ ގިނަ ދުވަސް ވެފައިވާތީ އާއި ދެން ޖަލްސާއެއް ބާއްވާނެ ދުވަހެއް އޮޅުން ފިލުވުމަށް މަޖިލީހުގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ނިއުޝާ ފާތިމަތަށާއި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދަށް ތަކުރާރުކޮށް އެކި ދުވަސްތަކުގެ މަތިން ގުޅުމުން ވެސް ފޯނަށް ޖަވާބެއް ދެއްވާފައެއް ނުވެއެވެ. އެހެންކަމުން މަޖިލީހާ ގުޅޭ މައުލޫމާތު އޮޅުން ފުލުމުގައި ވަނީ ދަތިތަކެއް ކުރިމަތި ވެފައެވެ.

އެންމެ ފަހުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވާފައި ވަނީ މާރޗް މަހުގެ 14 ވަނަ ދުވަހުއެވެ. އެއީ މިއަހަރުގެ ފުރަތަމަ ދައުރުގެ 10 ވަނަ ޖަލްސާއެވެ. ފުރަތަމަ ދައުރު މި އޭޕްރީލް މަހުގެ ނިޔަލަށް ނިމި، ޖެހިގެން އަންނަ މެއި މަހަކީ މަޖިލިސް ރަސްމީ ޗުއްޓީއަށް ދާ މަހެވެ.

މިއަހަރު ޖަލީހުގެ ޖަލްސާތައް ފަށާފައި ވަނީ ވެސް ދައުރުން ބޭރުން ކަމަށް ބުނެ ދެ ޖަލްސާއެއް ބޭއްވުމަށް ފަހުގައެވެ. އެއީ މިދިއަ ފެބްރުއަރީ މަހު 19 އަދި 20 ވަނަ ދުވަހު ބޭއްވި ހާއްސަ ދެ ޖަލްސާއެވެ. އެ ދެ ޖަލްސާއަކީ ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތާ ގުޅޭ ދެ ޖަލްސާއެވެ. ފެބްރުއަރީ 20 ވަނަ ދުވަހު ބޭއްވި ހާއްސަ ޖަލްސާގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށާއި މުއްދަތު އިތުރު ކުރުމަށް މަޖިލީހުން ވަނީ ރުހުންދީފައެވެ. 

ނަމަވެސް މަޖިލީހުގެ މެޖޯރިޓީ މެމްބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސުންގެ އިތުރުން ކުރީގައި ރާއްޖޭގައި ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނާއި ގާނޫނީ މާހިރުން ވިދާޅުވަނީ ކުއްލި ނުރައްކަލުގެ ހާލުތުގެ މުއްދަތު އިތުރުކުރީ ގާނޫނުއަސާސީ އާއި ގާނޫނާ ހިލާފަށް ކަމަށެވެ. 

މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރު މިދިޔަ ފެބްރުއަރީ މަހުން ފެށިގެން ފެށިފައިވީ ނަމަވެސް އަދި މިއަހަރުގެ ފުރަތަމަ ޖަލްސާ ފެބަރުއަރީ މަހުގައި ފުރަތަމަ އަންނަ ހޯމަ ނުވަތަ ބުރާސްފަތި ދުވަހު ބާއްވަންޖެހޭއިރު މަޖިލީހުން އެކަން ކޮށްފައެއް ނުވެއެވެ. އަދި މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބާއްވާފައި ވަނީ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހުގެ ރޭ އެވެ. އެ ރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވަނީ ރިޔާސީ ބަޔާން އިއްވައި ދެއްވާފައެވެ. އެ ޖަލްސާ ބާއްވާފައި ވަނީ ދަރުބާރު ގޭގައެވެ.

މިއަހަރުގެ އެއްވެސް ޖަލްސާއަކަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެމްބަރުން ވަޑައިގެންފައެއް ނުވެއެވެ. ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕުން ޖަލްސާތައް ބޮއިކޮޓްކޮށްފައި ވަނީ މަޖިލީހުގެ ރައީސް ކަމުގެ މަގާމާއި ޖަލްސާތަކުގެ ރިޔާސަތުގައި މަސީހު އިންނަވާތީ ކަމަށް ބުނެއެވެ. މަޖިލީހުގެ މެޖޯރިޓީއަށް ވުރެ ވެސް ގިނަ މެމްބަރުން ސޮއި ކުރައްވައި މަސީހުގެ އިތުބާރު ނެތް ކަމަށް މަޖިލީހަށް ހުށަހެޅިފަހުން މަސީހު އިންނެވީ މިލިޓަރީ ބޭނުން ކުރައްވައިގެން މަޖިލިސް "ހިސޯރު" ކުރައްވައިގެން ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބުނެއެވެ. މަޖިލީހުގެ މެޖޯރިޓީ މިވަގުތު އޮތީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އަތްމަތީގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް