ކ. މާލެ
|
3 އޭޕްރިލް 2018 | އަންގާރަ 08:43
ޕާކިސްތާނުގެ ޗީފް އޮފް އަރމީ ސްޓާފް ޖެނެރަލް ގަމަރް ޖާވިދް ބަޖްވާ ރާއްޖެއަށް ކުރެއްވި ޒިޔާރަތް
ޕާކިސްތާނުގެ ޗީފް އޮފް އަރމީ ސްޓާފް ޖެނެރަލް ގަމަރް ޖާވިދް ބަޖްވާ ރާއްޖެއަށް ކުރެއްވި ޒިޔާރަތް
އެމްއެންޑީއެފް
ރާއްޖޭގެ ކަނޑުގެ ސަރަހައްދު
ރާއްޖޭގެ ކަނޑުގެ ސަރަހައްދު ޕެޓްރޯލް ކުރުމަށް ޕާކިސްތާނުގެ އެހީއަށް އެދުން، އިންޑިޔާގެ ސަމާލުކަމަށް
ޕާކިސްތާނުގެ އަސްކަރިއްޔާގެ އިސް ބޭފުޅަކު ވަޑައިގެންފައިވަނީ ރާއްޖޭގައި އެސްއޯއީ އުވާލިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި
މީގެ ކުރިން ރާއްޖޭގެ ސަރައްހަދު ޕެޓްރޯލް ކުރުމުގައި ބައިވެރިވަމުން ދިޔައީ އިންޑިއާ އިން

ރާއްޖޭގެ ކަނޑުގެ ސަރަހައްދީ ރޮނގު ބެލެހެއްޓުމުގައި ޕާކިސްތާނުގެ އެހީއަށް އެދުނު މައްސަލަ އިންޑިއާގެ މީޑިއާގެ ސަމާލުކަމަށް އަތުވެއްޖެއެވެ. 

އިންޑިއާގެ ބައެއް ނޫސްތަކުގައި ހާމަކޮށްފައިވާ ގޮތުގައި ދިވެހިރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް) ނުވަތަ ސަރަހައްދީ ރޮގު ބެލެހެއްޓުމުގައި ޕާކިސްތާނާއި އެކު މަޝްވަރާ ކުރުމުގެ ސަބަބުން އިންޑިއާ އާއި ރާއްޖޭގެ ނޭވީ ސިފައިންގެ މެދުގައި އޮތް ގުޅުމަށް އަސަރުރަކެއް ކުރާނެ ކަމަށް ބެލެވެއެވެ.

ޕާކިސްތާނުގެ ޗީފް އޮފް އަރމީ ސްޓާފް ޖެނެރަލް ގަމަރް ޖާވިދް ބަޖްވާ ރާއްޖެއަށް ކުރެއްވި ޒިޔާރަތުގައި ރައީސުލްޖުމްހުރިއްޔާ އަބްދުﷲ ޔާމީނާއި ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު އުމަރާ ބައްދަލުކުރައްވާފައިވެއެވެ.

އިގްތިސާދީ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގައި ރާއްޖެ އިން ޕާކިސްތާނުގެ އެހީތެރިކަމަށް އެދިފައިވާ އިރު މީގެ ކުރިން ރާއްޖޭގެ ސަރަހައްދީ ރޮގު ބެހެލެއްޓުމުގައި ހަރަކާތްތެރިވާ ހަމައެކަނި ގައުމަކީ އިންޑިއާއެވެ. އެގޮތުން އިންޑިއާ އިން ގާތްގަނޑަކަށް 900000  ސްކުއަރ ކިލޯ މީޓަރުގެ ސަރަހައްދެއް ބަލަހައްޓަމުންދެއެވެ. ވަޔާއި ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގައި އިންޑިޔާގެ އަސްކަރިއްޔާ އިން ހަރަކާތްތެރިވެއެވެ.

މީގެ ކުރިން އިންޑިއާ އާއި ރާއްޖެއިން ވަނީ މި ސަރަހައްދު ބެލެހެއްޓުމަށްޓަކައި ހާއްސަ އެއްބަސްވުންތަކެއްގައި ސޮއި ވެސް ކޮށްފައެވެ. އެގޮތުން އެމްއެންޑީއެފްގެ ހާއްސަ ބަނދަރެއް އުތރު ލިތަ ފަޅުގައި ގާއިމް ކުރުމަށް ނިންމިއެވެ. އެގޮތުން އިންޑިއާގެ ނޭވީ އާއި ރާއްޖޭގެ ކޯސްޓް ގާޑް ގުޅިގެން ތަމްރީނުތައް ހިންގުމަށް ހާއްސަ ފެސިލިޓީއެއް ގާއިމް ކުރުމުގެ އިތުރުން ސަރަހައްދު ޕެޓްރޯލްކޮށް ބެލެހެއްޓުމަށް ހާއްސަ ނިޒާމެއް ގާއިމް ކުރުމަށް ވެސް ވަނީ އެއްބަސްވެފައެވެ.

މީގެ އިތުރުން އޭރު އިންޑިއާއިން ވަނީ އިތުރު އަސްކަރީ ހެލިކޮޕްޓަރެއް ވެސް ރާއްޖެއަށް ދިނުމަށް ނިންމާފައެވެ. އެހެން ނަމަވެސް އަދި މިހާތަނަށް އެ ހެލިކޮޕްޓަރު ހަވާލުކޮށްފައެއް ނުވެއެވެ. އިމަރޖެންސީ ހާލަތްތަކުގައި ބަލި މީހުން އުފުލުމާއި ކަނޑަށް ގެއްލޭ މީހުން ހޯދުމާއި އެ ނޫން ވެސް ކަނޑުމަތީގެ ހާދިސާތަކުގައި އިންޑިއާގެ ހެލިކޮޕްޓަރެއް މިހާރު ވެސް ރާއްޖޭގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ.

 މީގެ ކުރިން ވެސް ތަފާތު އެކި ފަހަރު މަތިން އިންޑިއާގެ އަސްކަރިއްޔާއާ ގުޅިގެން ވަޔާއި ކަނޑު މަގުން ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތް ދިވެހިރާއްޖެ އިން ދިޔައީ ކުރަމުންނެވެ. އަދި ދެ ގައުމު ގުޅިގެން ތަފާތު ތަމްރީނު ޕްރޮގްރާމްތައް ހިންގާފައި ވެއެވެ.

ސުޕްރީމް ކޯޓުން ފެބްރުއަރީ އެއް ވަނަ ދުވަހު ނެރުނު އަމުރާ ގުޅިގެން އިންޑިއާ އިން ވަނީ ރާއްޖޭގެ ހާލަތު ބަދަލުކޮށް ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް ދިވެހި ސަރުކާރަށް ގޮވާލާފައެވެ. މިކަމާ ގުޅިގެން ދެގައުމުގެ ގުޅުމަށް ވަރަށް ބޮޑަށް ބުރޫއަރައި ހީނަރުކަން އައިސްފައިވާ ކަމަށް ވެސް އިންޑިއާގެ ނޫސްތަކުން ފާހަގަކުރެއެވެ.  ޗައިނާއާ އެކު ރާއްޖެއިން އެކުލަވާލި ފްރީ ޓްރޭޑް އެގްރީމެންޓާ ގުޅިގެން ވެސް އިންޑިޔާ އާއި ރާއްޖޭގެ ދުވަސްވީ ގުޅުމަށް އަސަރުކޮށްފައިވާއިރު އިންޑިއާގެ އެންމެ ބޮޑު ހަތުރު ކަމަށްވާ ޕާކިސްތާނާ އެކު މިފަދަ މަޝްވަރާތަކެއް ކުރުމުން ވެސް ދެގައުމުގެ ގުޅުމަށް ނޭދެވޭ އަސަރުތަކެއް ކުރާގެ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް