ކ. މާލެ
|
3 އޭޕްރިލް 2018 | އަންގާރަ 01:21
އދ. އަށް ކަނޑައަޅުއްވާފައި ތިއްބަވާ ޕާމަނަންޓް ރެޕްރެޒެންޓޭޓިވުން ހިމެނިވަޑައިގަންނަވާ ވަފްދަކާއެކު ރައީސް ޔާމިން ބޭއްވެވި ބައްދަލުވުން: ފޮޓޯ- ރައީސް އޮފީސް
އދ. އަށް ކަނޑައަޅުއްވާފައި ތިއްބަވާ ޕާމަނަންޓް ރެޕްރެޒެންޓޭޓިވުން ހިމެނިވަޑައިގަންނަވާ ވަފްދަކާއެކު ރައީސް ޔާމިން ބޭއްވެވި ބައްދަލުވުން: ފޮޓޯ- ރައީސް އޮފީސް
ރައީސް އޮފީސް
ކުއްލި ނުރައްކަލުގެ ހާލަތު
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރީ ދުވަހަކުވެސް ދިމާނުވާ ފަދަ ގާނޫނާ ހިލާފު ކަންތައްތަކެއް ދިމާވުމުން: ރައީސް
ޑިމޮކްރަސީ އިތުރަށް ވަރުގަދަކޮށް ދެމެހެއްޓުމަށް އަބަދުވެސް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވި
އެކި ގައުމުތަކުގައި ތަފާތުތައް ހުރިކަމުގައިވިއަސް ކަންތައްތައް ކުރަންވާނީ ހަމަހަމަކަމާއެކު ކަމަށް ވިދާޅުވި

ދިވެހިރާޖޭގައި ކުއްލިނުރައްކަލުގެ ޙާލަތު އިޢުލާން ކުރައްވަން ޖެހިވަޑައިގެންނެވީ މީގެ ކުރިން ދުވަހަކުވެސް ކުރިމަތި ނުވާފަދަ ޤާނޫނާ ޚިލާފު ކަންތައްތަކެއް ކުރިމަތިވުމުންކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން މިހެން ވިދާޅުވެފައިވާއިރު، ކުރިން ވިދާޅުވެފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރީ ސުޕްރީމް ކޯޓްގެ ފަނޑިޔާރުން ހައްޔަރުކުރެވޭނެ ގޮތެއް ނެތިގެން ކަމަށެވެ. 

ރައީސް ޔާމިން މިހެން ވިދާޅުވީ އެކި ގައުމުތަކުން އ.ދ. އަށް ކަނޑައަޅުއްވާފައި ތިއްބަވާ ޕަރމަނަންޓް ރެޕްރެސެންޓޭޓިވުން ހިމެނިވަޑައިގަންނަވާ ވަފްދެއް އެމަނިކުފާނުގެ އަރިހަށް ކުރެއްވި ޒިޔާރަތުގައި ދެއްކެވި ވާހަކަފުޅުގައި ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ. ރައީސް އޮފީހުން ބުނީ ރައީސް ޔާމިންގެ އަރިހަށް އެ ބޭފުޅުން އިޚްތިރާމްގެ ޒިޔާރަތެއް ކުރެއްވުމުން ރާއްޖޭގެ ސިޔާސީ މަޝްރަހާ ގުޅޭ ގޮތުން މައުލޫމާތު ވަނީ ހިއްސާ ކުރައްވާފަ އެވެ.  އެގޮތުން ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރިނަމަވެސް ރާއްޖޭގައި އޮތީ ކާފިއު އެއްނޫކަމަށާއި، މި ކަމުގެ ސަބަބުން އާންމުންގެ ދިރިއުޅުމަށާއި، އާންމުކޮށް ދެވޭ ޚިދުމަތްތަކަށް އެއްވެސް ވަރަކަށް ބުރޫ އަރާފައި ނުވާނެ ކަމުގައި ރައީސް ދެންނެވ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.. އަދި ހުރިހާ ދިވެހި ރައްޔިތުންނަށާއި ބޭރުގެ އިންވެސްޓަރުންނަށް ވެސް ފުރިހަމަ ރައްކާތެރިކަން ލިބޭނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވި ކަމަށްވެސް ވަނީ ހާމަ ކުރައްވާފަ އެވެ.

މީގެއިތުރުން، ޑިމޮކްރަސީ އިތުރަށް ވަރުގަދަކޮށް ދެމެހެއްޓުމަށް އަބަދުވެސް މަސައްކަތް ކުރައްވާނެކަމުގައި ވެސް ރައީސް އެ ބޭފުޅުން އަރިހުގައި ދެންނެވި ކަމަށްވެސް ރައީސް އޮފީހުން ބުނެފައިވާއިރު އެކި ޤައުމުތަކުގައި ތަފާތުތަކެއް ހުރެދާނެކަން ހުރިހާ ޤައުމުތަކަކުންވެސް ޤަބޫލުކުރަން ވާނެކަމުގައި ވިދާޅުވެ، މި ތަފާތުތައް ހުރިކަމުގައިވިއަސް ކަންތައްތައް ކުރަންވާނީ ހަމަހަމަކަމާއެކު ޢާއިލާއެއްގެ މެންބަރުންގެ މެދުގައި ކަންތައްތައް ކޮށްދޭ އުޞޫލުންކަމުގައި ރައީސް ވިދާޅުވި ކަމަށްވެސް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.  

ހަމަ އެހެންމެ އިންސާނީ ޙައްޤުތަށް ރައްކާތެރިކުރުމަށް ރާއްޖެއިން މަސައްކަތްކުރާއިރު ރާއްޖެއަކީ ތިމާވެށީގެ މައްސަލަތަކުގެ އަޑު އުފުލާ، ތިމާވެށީގެ މައްސަލަތައް އެންމެ ކައިރިން ބަލަމުންދާ އެއް ޤައުމުކަން، މިކަންތައްތަކުންވެސް މުޅިދުނިޔެއަށް ސާބިތުވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ ކަމަށްވެސް ރައީސް އޮފީހުން ބުނެ އެެވެ. 

މި ބޭފުޅުން ރާއްޖެއަށް މިހާރު ކުރައްވަމުންގެންދަވާ މި ޒިޔާރަތަކީ "ޑިވެލޮޕިންގ ސަސްޓެއިނަބިލިޓީ، ޝެއަރިންގް އެކްސްޕީރިއަންސަސް، ސީކިން ސޮލިއުޝަންސް"ގެ ނަމުގައި ރާއްޖޭގައި ބާއްވާ ސެކަންޑް އެމްބެސަޑޯރިއަލް ވޯރކްޝޮޕްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވަމުންގެންދަވާ ދަތުރުފުޅެއް ކަމަށް ރައީސް އޮފީހުން ބުނެފަ އެވެ.  

މި ބައްދަލުކޮށްލެއްވުމުގައި ވާހަކަފުޅު ދައްކަވަމުން، އ.ދ. އަށް ކަނޑައަޅާފައި ތިއްބެވި ވަފްދުގެ ބޭފުޅުން ވަނީ ދިވެހިރާއްޖެ ފަދަ ކުޑަ ޤައުމަކަށް ކުރިމަތިވާ ގޮންޖެހުންތައް ބަލައިގަންނަކަމުގައި ވިދާޅުވެފައެވެ. އަދި، މި ވަފްދުގެ ބޭފުޅުން ވަނީ މި ސަރުކާރުގައި ހުރި ސިޔާސީ އަދި އިޤްތިޞާދީ ރޮނގުން އެބޭފުޅުން ތާއީދުކުރައްވާ ކަންތައްތައް ފާހަގަކުރައްވާފަ ކަމަށްވެސް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ރިޝްވަތު ދީގެން ސަރުކާރު ބަދަލު ކުރުމަށް ހުކުމްތަކެއް ނެރުއްވަން އުޅުއްވި ކަމަށް ތުހްމަތުކޮށް ކަމަށްވާއިރު މިހާތަނަށް އެކަން ސާބިތުވާނެ އެއްވެސް ހުކުމެއް ކޯޓަކުން ނެރުއްވާފައިނުވެ އެވެ. އަދި ގާނޫނާ ހިލާފު ކަންތައް ތަކެއް ކުރައްވައިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވި ކަމަށް ރައީސް ޔާމިން ބޭރުގެ އެކި ބޭފުޅުންނަށް މައުލޫމާތު ދެއްވާއިރު މިހާތަނަށް އެސްއޯއީގެ ދަށުން ހައްޔަރު ކުރި އެއްވެސް މީހެއްގެ މައްޗަށް ކޯޓުން ކުށެއް ސާބިތުވެފައެއްނުވެ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް