ދުވާލު ގަޑީގައި މާލޭގައި މުދާ ނުއުފުލޭ ގޮތަށް ހަމަޖެއްސުމުން އެކަމާ ހިތްހަމަ ނުޖެހި މަސައްކަތް ހުއްޓާލައިގެން ތިބި މަޖޫރީން އަލުން މަސައްކަތް ފަށައިފި އެވެ. އެމްޕީއެލް ސަރަހައްދުގައި މަސައްކަތްކުރާ މަޖޫރީން ހޯމަ ދުވަހުގެ ރޭ އަލުން މަސައްކަތް ފެށީ އެމީހުން ކުރަމުން އައި މަސައްކަތުގެ އަގު ދެ ގުނަ އަށް ބޮޑު ކުރުމަށްފަހު އެވެ.
އެމްޕީއެލް ސަރަހައްދުގައި މަސައްކަތް ކުރާ މަޖޫރީން ބުނި ގޮތުގައި 20 ފޫޓު ކޮންޓެއިނަރެއް ދެން ކަނޑައިދޭ އަގު 6،000ރ. އަށް ވަނީ ބޮޑުކޮށްފަ އެވެ. މީގެ ކުރިން އެ ސައިޒުގެ ކޮންޓެއިނަރއެއް ކަނޑައިދެމުން އައީ 2،500ރ. އަށެވެ. އަދި 40 ފޫޓު ކޮންޓެއިނަރެއް މިހާރު ކަނޑައިދޭނީ 12،000ރ. އަށް ކަމަށް ކަމަށްވާއިރު މީގެ ކުރިން އެ ސައިޒުގެ ކޮޓައިނަރެއް ކަނޑާދެމުން އައީ 5،000ރ. އަށެވެ.
މާލެ ތެރޭގައި މުދާ އުފުލަން ވަކި ގަޑިތަކެއް ހަމަޖެއްސުމުން އެކަމާ ހިތްހަމަނުޖެހި މަޖޫރީން އާދިއްތަ ދުވަހު މަސައްކަތް ހުއްޓާލީ ދެސަބަބަކާއި ހުރެއެވެ.އެއް ސަބަބެއް ކަމަށް އެ މީހުން ބުނަނީ ހަމައެކަނި ރޭގަނޑު މުދާ ބޭރުކޮށް، ތަންތަނަށް ގެންގޮސްދޭ ގޮތަށް އޮވެއްޖެ ނަމަ އެ މީހުންނަށް ވަރަށް ބުރަވާނެ ކަމަށެވެ. އެހެންކަމުން އެ ގަޑި ބަދަލުކުރަން އެ މީހުން އެދެ އެވެ. ދެ ވަނަ ސަބަބަކީ، ގަޑި ބަދަލުނުކުރާ ނަމަ، މިހާރު ކޮންޓެއިނަރެއް ހުސްކުރަން ނަގާ އަގު ބޮޑުކުރުމެވެ. ނަމަވެސް އަގު ބޮޑުކުރާކަށް ވިޔަފާރިވެރިން ބޭނުމެއް ނުވެ އެވެ.
ރާއްޖެއެމްވީއާއި ވާހަކަ ދެއްކި ބައެއް މަޖޫރީން ބުނީ، މި ބަދަލާއި އެއްގޮތަށް މަޖޫރީންގެ މަސައްކަތުގެ ވަގުތުތައް ވެސް ކަނޑައަޅައި ރީތިކޮށް ވާހަކަ ދައްކައިގެން ކަންކަން ހައްލުކުރެވެން އެބައޮތް ކަމަށް ދެކޭ ކަމަށެވެ. އެކަމަކު މިހާރު ކަން އޮތް ގޮތުން އަބަދުހެން އެމްޕީއެލް ސަރަހައްދުގައި މުދާ އުފުލުމަށް އެފަރާތްތަކުން 18 ގަޑިއިރެއްހާއިރު އުޅެން ޖެހިދާނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އާއިލާއާއި އެހެނިހެން ދިރިއުޅުމުގެ ކަންކަމަށް ބުރޫ އަރާނެ ކަމަށް އެ ފަރާތްތަކުން ބުނެއެވެ.
މަޖޫރީން މަސައްކަތް ހުއްޓާލައި އިހުތިޖާޖު ކުރުމުގެ ސަބަބުން މުދާ ކްލިއަރނުކުރެވިފައި ހުރި ވިޔަފާރިވެރިއަކު ބުނިގޮތުގައި އިހުތިޖާޖުގެ ސަބަބުން ވަރަށް ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހިދާނެއެވެ.އޭނާ ބުނީ އިއްޔެ ވެސް ބަނދަރުން ބޭރުކުރެވުނީ ވަރަށް މަދު ކޮންޓޭނަރެއްގެ މުދާ ކަމަށެވެ.
ކޮންޓެއިނަރުތައް ބޭރު ނުކުރެވި ތާށިވަމުންދާނަމަ ބާޒާރުގައި ވިއްކާ މުދާ މަދުވެ ތަކެއްޗަށް ޖެހުމަކީ ވެދާނެގޮތެއް ކަމަށް ބައެއް ވިޔަފާރިވެރިން ފާހަގަ ކުރިއެވެ.
އެގޮތުން ފިޔާ އަލުވި ކަހަލަ އެއްޗެހި މަދުވެއްޖެ ނަމަ އަގު ބޮޑުވެ، އާންމު ދިރިއުޅުމަށް ދަތިތައް ކުރިމަތިވުމަކީ ގާތް ކަމެކެވެ. އަދި ކުރިއަށް އޮތީ ރޯދަމަސް ކަމަށް ވުމާއިއެކު، މި މައްސަލައަށް އަވަސް ހައްލެއް ނުގެނެވިއްޖެނަމަ ވިޔަފާރި މުދާ ބާޒާރަށް ނެރުމުގައި ވަރަށް ބޮޑެތި ދަތިތަކަކާއި ކުރިމަތި ވުމަކީ ވެދާނެ ގޮތެކެވެ. އަދި މިހާރު އަލުން މަސައްކަތް އަގު ބޮޑުކޮން ކުރާން ފެށުމުން މުދަލުގެ އަގުތަކަށް ބަދަލު އަންނާނެ ކަމަށް ވެސް ބެލެވެ އެވެ.